ބ ތުޅާދޫ ބަނދަރުގެ ނެރުމައްޗަށް ހިލަ ބަރުކޮށްފައިވާ ބާޖެއް އަރައި އެނެރުން ވަދެ ނުކުމެވުން ހުއްޓިއްޖެއެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ތުޅާދޫ ކައުންސިލްގެ ރައީސް އަހުމަދު ރަޝީދު ވިދާޅުވީ އެރަށުގެ ބަންދަރުގެ ބޭރު ތޮށީގެ މަސައްކަތައް ހިލަ ހިފައިގެން އައި ބޮޑު ބާޖު ނެރުމައްޗަށް އަރައި އާދީއްތަ ދުވަހު ގާތްގަނޑަކަށް މެންދުރެއްހާއިރު ކަމަށެވެ. އަދި އޭރު ހިސާބަކަށް ބާޖުގެ އަރިމަތިން ދޯނިފަހަރަށް ވަދެ ނުކުމެވި ހެދޭކަމަށާއި ނަމަވެސް މިހާރު އެއްވެސް ވަރަކަށް ފަޅުން ވަދެ ނުކުމެ ނުހެދޭ ކަމަށެވެ.
އެހެންވާން މެދުވެރިވި ސަބަބެއް ކަމުގައި ރަޝީދު ވިދާޅުވީ ބާޖް ފުންކުރުމަށް ގެނައި ޓަގް ބޯޓުގައި ޖަހާ ފުންކުރަން ހިފާލުމާއެކު ކުޑަކޮށް ކުރިއަށްގޮސް އަނެއްކާ ހުއްޓި އިތުރަށް ގުޑާނުލުމުން ކަމަށެވެ.
ރަޝީދު ވިދާޅުވީ އޭގެ ފަހުން އެއްވެސް ވަރަކަށް އެނެރުން އުޅަނދަށް ވަދެ ނުކުމެ ނުހެދޭ ކަމަށާއި ބާޖު މިހާރު އޮތީ މުޅި ނެރު ހުރަސްވާގޮތައް ބީހިފައި ކަމަށެވެ. އަދި އެއްވެސް ދޯންޏަކަށް ރަށުން ނުފުރިވާއިރު މާލެ ފުރުމަށް ހަމަޖެހިފައިވާ މާލެ ދަތުރުކުރާ ދެދޯންޏަކަށްވެސް ރަށުން ނުފުރިފައިވާކަމަށް ރަޝީދު ވިދާޅުވިއެވެ.
އަހުމަދު ރަޝީދު ވިދާޅުވީ ބާޖް ފުންކުރެވޭތޯ ބަންދަރުގެ މަސައްކަތް ކުރާ ފަރާތުން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށާއި ކައުންސިލާއި ރައްޔިތުންވެސް އެފަރާތުން ބޭނުންވެގެން އެދޭ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދެމުންދާ ކަމަށެވެ. އަދި މިހާރު އެކަން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ހިއްސާކޮށްފައިވާކަމަށްވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
ތުޅާދޫ ބަނދަރުގެ ބޭރުތޮށި ލުމުގެ މަސައްކަތް ކުރަމުންދަނީ އެމްޓީސީސީންނެވެ.