މިއަހަރުގެ ޒުވާނުންގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.
ޔޫތު މިނިސްޓްރީގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ މިމަހުގެ 22 ވަނަ ދުވަހާއި ހަމައަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވީ ނަމަވެސް މިހާރު އެ ފުރުސަތު މިމަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
ޒުވާނުންގެ ދުވަހުގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހުގައެވެ.
މިއަހަރުގެ ޒުވާނުންގެ އިނާމް ދިނުމަށް ވަނީ 11 ދާއިރާ ކަނޑައަޅާފައެވެ. ޒުވާޏުންގެ އިނާމު ހާސިލު ކުރައްވާ ކޮންމެ ޒުވާނަކަށް ޒުވާނުންގެ އެވޯޑާއި 25 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދިނުމަށް ހަމަޖެހިފައެވެ. މި އިނާމަށް ކުރިމަތި ލެވޭނީ ސުންގަޑި ހަމަވާ ތާރީޚަށް 18 އަހަރު ފުރި 36 އަހަރު ނުފުރޭ ޒުވާނެއްކަމުގައި ވުމާއި ކުރިމަތިލާ ދާއިރާގައި މަދުވެގެން 5 އަހަރުގެ ޚިދުމަތް ކޮށްދީގެންނެވެ. އެހެން ނަމަވެސް ޒުވާނުންގެ އިނާމް ކަނޑައަޅާފައިވާ ޝަހީދު ޖަވާދު އުމަރުގެ ހަނދާނީ ފިލާ އަށް ކުރިމަތި ލުމުގައި އެޝަރުތު ތަކަށް ނުބެލެވޭނެއެވެ.
މިއަރު ޒުވާނުންގެ އިނާމް ދިނުމަށް ކަނޑައަޅާފައިވާ ދާއިރާ ތަކަކީ :
- ވިޔަފާރި އަދި އިގްތިސާދޫ ރޮނގުން ޚިދުމަތް ކުރުން
- އާރޓް އެންޑް ކަލްޗަރ/ އުފެއްދުންތެރިކަން
- މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރުން
- ކުށްމަދުކުރުމަށް މަސައްކަތް ކުރުން
- ކުޅިވަރަށް މަސައްކަތް ކުރުން
- ދަރުމަވެރިން
- ވޮކޭޝަނަލް ޓްރެއިނިން-ދަސްކޮށްދިނުން
- ދުންފަތުގެ އިސްތިއުމާލު ކުރުމާދެކޮޅަށް މަސައްކަތް ކުރުން
- ދުޅަހެޔޮ އާއިލާ ބިނާކުރުން
- ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރުން
ޒުވާނުންގެ ގައުމީ އިނާމަކީ އެކި ދާއިރާތަކުން ގައުމުގެ ކުރިއެރުމާއި ތަރައްގީއަށް މަސައްކަތް ކުރާ ޒުވާނުންގެ މަސައްކަތުގެ އަގުވަޒަންކޮށް ހިތްވަރު ދިނުމުގެ ގޮތުން ދެމުންގެންދާ އެވޯޑެކެވެ. އަދި ޒުވާނުންނަކީ މުޖުތަމައަށް ފައިދާ ހުރި ނަމޫނާ ބައެއް ކަމަށް ހެދުމަކީވެސް މިފަދަ އެވޯޑެއް ދިނުމުގެ މަގުސަދެއް ކަމަށް ޔޫތް މިނިސްޓްރީން ބުނެ އެވެ.
ޒުވާނުންގެ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަސް ކަމަށްވާ "ޒުވާނުންގެ ދުވަހު"ގައެވެ. މި ހަރަކާތްތަށް އެދުވަހު މުޅި ރާއްޖޭގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޒުވާނުންނަށް އަމާޒުކުރެވިގެން ތަފާތު އެކި ކުޅިވަރުތަކާއި މިއުޒިކް ޝޯތައް ރޭވިފައިވާކަމަށް ޔޫތު މިނިސްޓްރީން މައުލޫމާތު ދެއެވެ.