މަޝްހޫރު ގާނޫނީ ވަކީލް އަދި އެމްޑީޕީގެ ފުރަތަމަ ރައީސް ޑރ. މުހައްމަދު މުނައްވަރު، ގުޅިފައިވާ ޕާޓީތަކާ ބައްދަލުކުރައްވައިފި އެވެ.
އަންގާރަ ދުވަހު ބޭއްވި ބައްދަލުވުން ނިންމަވާ ލެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކުރިން ބަންޑާރަ ނައިބު ކަން ކުރެއްވި މަޝްހޫރު ގާނޫނީ ވަކީލް މުނައްވަރު ވިދާޅުވީ ސިޔާސީ ބޭފުޅުންނާއި ގާނޫނީ ވަކީލުންނަކީ ވަރަށް ގާތް ބޭފުޅުން ކަމަށާއި އެހެންކަމުން ރާއްޖޭގެ ހާލަތާމެދު އަބަދުވެސް ވާހަކަ ދައްކާ މަޝްވަރާކުރައްވާ ކަމަށެވެ. ކުނޫޒަށް ވަޑައިގެންނެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މުނައްވަރާއެކު މިނިސްޓަރުންކަން ކުރެއްވި އަބްދުﷲ ކަމާލުއްދީންގެ އެދިވަޑައިގެންނެވުމުން ކަމަށާއި އޭރު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ބޭފުޅުން ތިއްބެވުމާއެކު ރާއްޖޭގެ ހާލަތާމެދު މަޝްވަރާކުރެއްވި ކަމަށް މުނައްވަރު ވިދާޅުވި އެވެ.
Meeting with Dr. @MMunavvar at Kunooz. A very fruitful discussion on current political situation. pic.twitter.com/hqx8Hdtaf0
— Abdulla Riyaz MP (@riyazabdulla) October 17, 2017
"އެނގިވަޑައިގަންނަވާނެ ދެއްތޯ ކުރީގައި މިޕާޓީތަކުގެ ތެރޭގައި، އެމްޑީޕީގެ ތެރޭގައި އުޅުނުއިރުވެސް މިއީ ގާތް ރަހްމަތްތެރިން. އެހެންވީމާ މިބޭފުޅުންގެ ތެރެއިން މިއަދު އަބްދުﷲ ކަމާލުއްދީނާއެކު މިއަދު މިތަނަށް މިއާދެވުނީ. އާދެވުނުއިރު، ކޯލިޝަންގެ އެހެން ބޭފުޅުންވެސް ތިއްބެވުމާއެކު ގުމުގެ ހާލަތާބެހޭގޮތުން ހިޔާލު ފާޅުކޮށްލީ،" މުނައްވަރު ވިދާޅުވި އެވެ.
މުނައްވަރު ވިދާޅުވީ ސިޔާސީ ކަންކަމުގައި ކުރިން އުޅުއްވިގޮތަށް އުޅުއްވުމުގެ ވިސްނުމެއް މިވަގުތު ނެތް ކަމަށާއި ނަމަވެސް ކަންތައްތައްދާ ގޮތުން އަލުން ސިޔާސީ ކަންކަމުގައި ހަރަކާތްތެރި ވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
"ކުރީގައި މަސައްކަތްކުރި ގޮތަށް ސިޔާސީ މައިދާނުގައި ހަރަކާތްތެރިވުމަށް ހިޔާލެއް އަދިއެއް ނެތް. އެހެންނަމަވެސް ކަންތައްތައްދާ ގޮތުން ސިޔާސީ މައިދާނަށް އަނެއްކާ އަލުން ނިކުމެ ހަރަކާތްތެރިވާނީތޯ ނޫންތޯ ނިންމުން އެއީ އަދި މާފަހުގެ ކަމެއް،" މުނައްވަރު ވިދާޅުވި އެވެ.
"އަޅުގަނޑު އަބަދުވެސް ގައުމީ ކަންތައްތަކާއި ދުރެއްނުވަން. ގައުމުގެ ކަންތައްތަކާއި ބެހޭގޮތުން އެކި ބޭބޭފުޅުންނާއި ވާހަކަ ދެކެވޭ އަބަދުވެސް. ހާއްސަކޮށް ގާނޫނީ ވަކީލުންނާވެސް ބައްދަލުކޮށް ހިޔާލު ބަދަލު ކޮށްލަން އަބަދުވެސް ވަޑައިންގަންނަވާ،"
މުނައްވަރާއެކު ބޭއްވި މިބައްދަލުވުމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ އިބްރާހީމް މުހައްމަދު ސޯލިހުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރުން ކަމަށްވާ އަބްދުﷲ ކަމާލުއްދީން އާއި އަބްދުﷲ ރިޔާޒު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫން ހިމެނިވަޑައިގަންނަވި އެވެ.
ޖުޑިޝަރީ އިސްލާހު ކުރުމަށްޓަކައި ގިނަ ގާނޫނީ ވަކީލުންތަކެއް ކުރަމުންދާ މަސައްކަތުގައި ވެސް މުނައްވަރު ބައިވެރިވެވަޑައިގަންނަ އެވެ.