ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން(ވެމްކޯ) މާކެޓް ކުރުމުގެ މަސައްކަތް ނުއަގުގައި ހައިޕް މީޑިއާ ޕްރައިވެޓް ލިމިޓެޑް ކިޔާ އަމިއްލަ ކުންފުންޏަކާ ހަވާލުކުރި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އިން ބަލަން ފަށައިފި އެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ވެމްކޯގެ މާކެޓިންގ ހައިޕް މީޑިއާއާ ހަވާލުކޮށްފައިވަނީ 2016 ވަނަ އަހަރުގެ ކުރީކޮޅު އެވެ.
އޭސީސީއަށް ހުށަހަޅާފައިވާ މައްސަލައިގައި ބުނާ ގޮތުގައި ހައިޕް މީޑިއާއާ ވެމްކޯގެ މާކެޓިންގ މަސައްކަތް ހަވާލުކޮށްފައިވަނީ ބިޑުގައި ބައިވެރިވި އެހެން ކުންފުނިތަކަށް ވުރެ ބޮޑު އަގެއް ހުށަހަޅާފައިވަނިކޮށެވެ. އެއް އަހަރު ދުވަހުގެ މުއްދަތަކަށް ވެމްކޯގެ މާކެޓިންގ މަސައްކަތް ކުރުމަށް ހަތް މިލިއަން ރުފިޔާއަށް ހައިޕް މީޑިއާއާ ހަވާލުކުރީ ވެމްކޯއިން ބޭނުންވާ ސްކޯޕްގައި އެ މަސައްކަތް ކުރަން ހުށަހަޅާފައި އޮތީ އެކުންފުނިން ކަމަށް ބުނެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހަތް މިލިއަން ރުފިޔާއަށް އެ މަސައްކަތް ހައިޕް މީޑިއާއާ ހަވާލުކުރިއިރު، ބިޑް ކުރި އެހެން ކުންފުނިތަކުން ހުށަހެޅި އަގު އެއްމިލިއަން ރުފިޔާއަށް ވެސް ނާރަ އެވެ.
އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވީ ވެމްކޯގެ މާކެޓިންގ މަސައްކަތް ހައިޕް މީޑިއާއާ ހަވާލުކުރީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ބުނެ ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލައެއް ބަލަމުންދާ ކަމަށެވެ.
މި މުއާމަލާތުގެ މައުލޫމާތު އެނގޭ ފަރާތަކުން މައުލޫމާތު ދިން ގޮތުގައި ހައިޕް މީޑިއާއާ މަސައްކަތް ހަވާލުކުރީ ފުރަތަމަ ރިޓެއިނާ ފީއެއް ދީގެން، ދެން އެއަށްފަހު ކުރާ ކޮންމެ މަސައްކަތަކަށް ބިލްކޮށްގެން ފައިސާ ލިބޭ ގޮތަށް ކަމަށެވެ.
ވެމްކޯގެ މާކެޓިންގ ބޮޑު އަގުގައި ކުންފުންޏަކާ ހަވާލުކުރިއިރު ވެމްކޯގެ މަސައްކަތްތަށް ފަށައި ނުގަނެ އެވެ. އެ މަސައްކަތް 2016 ވަނަ އަހަރުގެ ކުރީކޮޅު ހައިޕް މީޑިއާއާ ހަވާލުކުރިއިރު، ވެމްކޯ އިން ކުނިއުކުމުގެ މަސައްކަތް ފަށައިގަތީ 2016 ވަނަ އަހަރުގެ ޑިސެމްބަރުގަ އެވެ.
ހައިޕް މީޑިއާއިން ވެމްކޯ މާކެޓް ކުރުމަށް ބައެއް ޓީވީ ޗެނަލްތަކުން ސްލޮޓް ގަނެ، ބައެއް އިވެންޓްތައް ވެސް ހިންގި އެވެ.