ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 5 އެއާޕޯޓެއް އެޅުމަށް މެލޭޝިއާގެ ކުންފުންޏަކާ އެކު ދިވެހި ސަރުކާރުން ސޮއިކުރި އެއްބަސްވުން ބާތިލްކޮށްފި އެވެ.
މެލޭޝިއާގެ ގްރިފަން ނަމަކަށް ކިޔާ ކުންފުންޏަކާއެކު ފަސް އެއާޕޯޓެއް އެޅުމަށް ސަރުކާރުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަހަރުގެ މާޗް މަހުގެ ހަތް ވަނަ ދުވަހު އެވެ.
އެ އެއްބަސްވުމުގެ ދަށުން އެއާޕޯޓް އެޅުމަށް ހަމަޖެއްސީ ހދ. ކުޅުދުއްފުއްޓާއި، ށ. ފުނަދޫއާއި، ފ. ނިލަންދޫ އާއި ގދ. ފަރެސްމާތޮޑާގަ އެވެ. މީގެ އިތުރުން ގދ. މާވަރުލުގައި ހަދަމުންދިޔަ އެއާޕޯޓުގެ ނުނިމި ހުރި މަސައްކަތްތައް ނިންމަންވެސް ގްރިފަންއާ ހަވާލުކުރި އެވެ.
ފަސް އެއާޕޯޓްގެ މަސައްކަތަށް 57.5 މިލިއަން ޑޮލަރު ނުވަތަ 886.6 މިލިއަން ރުފިޔާ ހަރަދުކުރުމަށް ނިންމާފައިވާ ކަމަށް ސަރުކާރުން އެއިރު ބުނެފައިވެ އެވެ. މަސައްކަތް ހަވާލުކުރީ 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް އެއާޕޯޓްތައް ނިންމަންޖެހޭ ގޮތަށެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަރު ޖެނެރަލް ސާމީ އަގީލް ވިދާޅުވީ ގްރިފަން ކުންފުންޏާއެކު ސަރުކާރުން ވި އެއްބަސްވުން އުވާލީ ސެޕްޓެމްބަރު 18 ވަނަ ދުވަހު ކަމަށެވެ.
ސާމީ އަގީލް ވިދާޅުވީ ފަސް އެއާޕޯޓުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުގެ ދަށުން ކަމަށާއި، ގްރިފަން ކުންފުނިން އެއްބަސްވެފައި އޮތީ އެގްޒިމް ބޭންކުން ލޯނު ހަމަޖައްސައިގެން އެ މަސައްކަތް ކުރުމަށް ކަމަށެވެ. އަދި ސަރުކާރުން ސޮވެރިން ގެރެންޓީ ދޭން ހަމަޖެހިފައި އޮތީ ފައިނޭންސް ހަމަޖެހުމުން ކަމަށާއި އެހެންނަމަވެސް، އެ މަސައްކަތް ކުރުމަށް ބޭނުންވާ ވަރަށް އެކުންފުންޏަށް ފައިނޭންސް ހަމަނުޖެއްސުނު ކަމަށެވެ.
އޭނާ ވިދާޅުވީ އެއްބަސްވުން އުވާލީ އެކުންފުންޏަށް ފައިނޭންސް ހަމަޖެއްސޭގޮތް ނުވުމުން ކަމަށާއި އެހެންކަމުން، ސަރުކާރުން ސޮވެރިން ގެރެންޓީ ވެސް އެކުންފުންޏަށް ދީފައިނުވާ ކަމަށެވެ.
އިތުރަށް ސާމީ އަގީލް ވިދާޅުވީ ކުޅުދުއްފުށްޓާއި ފުނަދޫގައި އެއާޕޯޓް އެޅުމަށް ބިން ހިއްކުމުގެ މަސައްކަތް މިހާރު އެމްޓީސީސީއާ ހަވާލުކޮށްފައިވާ ކަމަށާއި އެ ދެ އެއާޕޯޓްގެ މަސައްކަތް ކުރާނީ ދައުލަތުގެ ބަޖެޓުން ކަމަށެވެ.
ކުޅުދުއްފުށްޓާއި، ފުނަދޫއާއި، ނިލަންދޫއާއި، ފަރެސްމާތޮޑާއާއި މާވާރުލުގެ އިތުރުން، ޅ. ފެލިވަރާއި، ރ. ފައިނުއާއި، ނ. މާފަރާއި، ހއ. މާފިނޮޅުގައި އެއާޕޯޓް އެޅުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.
ހއ. މާފިނޮޅުގައި އަޅާ އެއާޕޯޓަކީ ސަރުކާރުން އިއުލާނުކޮށްފައިވާ "އައިހެވަން" މަޝްރޫއު ފެށުމުގެ ގޮތުން އަޅާ އެއާޕޯޓެކެވެ. މާފަރު އެއާޕޯޓް އެޅުމުގެ މަސައްކަތް، އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމްގެ ސަން ހޮޓަލްސް އެންޑް ރިސޯޓްސްއާ ވަނީ ހަވާލުކޮށްފަ އެވެ.
ސާމީ އަގީލް ވިދާޅުވީ ބާކީ ހުރި ރަށްތަކުގައި އެއާޕޯޓް އެޅުމުގެ މަސައްކަތް ކުރުމަށް ކުންފުނިތަތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި އެކުންފުނިތަކާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.
ސަރުކާރުން އަޅަން ނިންމާފައިވާ ނުވަ އެއާޕޯޓުގެ މަސައްކަތް ނިމުމުން ރާއްޖޭގެ އެއާޕޯޓްތަކުގެ އަދަދު 20 އަށް އަރާނެ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއެކު މިހާރު ވެސް ޖުމްލަ 11 އެއާޕޯޓް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އޮޕަރޭޓްކުރަމުންދެ އެވެ.