ގދ ފިޔޯރީ މެޖިސްޓްރޭޓް ކޯޓުގެ ތިޖޫރީ ވަގަށް ނަގައިފިއެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން ފިޔޯރީ ކައުންސިލްގެ ރައީސް ޝުޒާމް ސޯލިހް ވިދާޅުވީ، ހޯމަ ދުވަހުގެ ރޭ ދަންވަރު މެޖިސްޓްރޭޓްގެ ތިޖޫރީ ވަގަށް ނަގާފައިވާ ކަމަށާއި، ތިޖޫރީ ވަގަށް ނެގީ ކޯޓުގެ ކުޑަދޮރު ހަލާކު ކޮށްލައިގެން ކަމަށެވެ.
އޭނާ ވިދާޅުވީ، ތިޖޫރީ ވަގަށް ނެގިކަން އެނގުނީ ހެނދުނު ކޯޓު ހުޅުވަންދިޔަ މުވައްޒަފުންނަށް ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ފިޔޯރީ މެޖިސްޓްރޭޓް ކޯޓުގެ ތިޖޫރީ ވަގަށް ނަގައިގެން ފުލުހުންނަށް ހެނދުނު 8 ޖެހިއިރު ރިޕޯޓް ކޮށްފައިވާ ކަމަށާއި، އެކަންތައް އެރަށުގެ ފުލުހުންގެ ޓީމަކުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. މިކަމާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރެއެވެ.
މިއީ ފިޔޯރީގައި ދެ މަހެއް ތެރޭގައި ވަގަށް ނެގި ތިންވަނަ ތިޖޫރީއެވެ. މީގެކުރިން އެ ރަށުގެ ހެލްތް ސެންޓަރު އަދި ކައުންސިލް އިދާރާގެ ތިޖޫރީވެސް ވަނީ ފާޅާލާފައެވެ. ފުލުހުން އެ މައްސަލަތައް ތަހުގީގުކުރަމުން އަންނައިރު، އަދިވެސް ފައިސާ ހޯދިފައެއްނުވެއެވެ.