އަބުރުފުޅު ފަންޑަށް އެހީތެރިކަން ހޯދުމަށް ގއ. ވިލިނގިއްޔަށް ދަތުރު ކުރުމަށް ރާއްޖެޓީވީން ނިންމައިފި އެވެ.
މި ދަތުރުގައި ރާއްޖެޓީވީގެ ފަރާތުން އަބުރުފުޅު ފަންޑު ފޮށީގެ އިތުރުން ޓީޝާޓު ވިއްކުމަށްވެސް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ބުރާސްފަތި ދުވަހު އެރަށަށް ދިއުމަށް މާލެއިން ފުރާނެ އެވެ.
ރާއްޖެޓީވީގެ ޓީމެއް ގއ އަތޮޅަށް ދިއުމަށް ނިންމާފައިވާ އިރު އަތޮޅު ތެރޭގެ އެކި ސަރަހައްދުތަކުގައި އަބުރުފުޅު ފަންޑު ހުޅުވާފައިވެ އެވެ. އެގޮތުން ރާއްޖެޓީވީއަށް ހެޔޮއެދޭ ގިނަ ފަރާތްތަކެއްގެ އިސްނެންގެވުމައި އެކު ފަންޑުފޮށިތައް އެކި ސަރަހައްދުތަކުގައި ހުޅުވިފައިވެ އެވެ.
އެގޮތުން އދ. މާމިގިއްޔާއި, ހއ ކެލަޔާއި ހދ. ކުޅުދުއްފުށީގެ އިތުރުންވެސް ހއ.ދިއްދޫ އާއި އައްޑޫ ސިޓީ އާއި ބ.ކެންދޫގައިވެސް ވަނީ ފަންޑު ފޮށި ހުޅުވާފަ އެވެ. މީގެ އިތުރުންވެސް އެހެން ބައެއް ރަށްރަށުގައިވަނީ ފަންޑުފޮށި ހުޅުވާފަ އެވެ.
ރާއްޖެޓީވީ ފަސް ލައްކަ ރުފިޔާ އިން ޖޫރިމަނާކޮށްފައިވަނީ މިއަހަރުގެ ޖުލައި 28 ވަނަ ދުވަހު ދެއްކި ރާއްޖެޓީވީގެ "މިރައީސް" ޕްރޮގްރާމުގައި ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ދެއްކެވި ވާހަކައާ ގުޅިގެންނެވެ.
ބްރޯޑްކާސްޓިންގ ކޮމިޝަނުން ފޮނުވި ސިޓީގައި ބުނެފައިވަނީ ރާއްޖެޓީވީ ޖޫރިމަނާކޮށްފައިފަނީ މެމްބަރު މުސްތަފާ "ރާއްޖޭގެ ރައްޔިތުން ނިކުމެ ރައީސުލްޖުމްހޫރިއްޔާ ބޭރުކުރުމަށް ގޮވާލައްވާ ދައްކަވާފައިވާ ވާހަކައަކީ، ދިވެހިރާއްޖޭގައި އޮތް ޤާނޫނީ ސަރުކާރެއް ވައްޓާލުމަށާއި، ޣައިއު ޤާނޫނީ ޢަމަލެއް ހިންގުމަށް ރައްޔިތުންނަށް ހިއްވަރު ލިބޭ ގޮތަށް، އަދި ރާއްޖޭގެ ޤާނޫނީ ވެރިކަމަށް އުނިކަމެއް އަތުވެދާނެ، ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ ގޮތަށް ދިވެހިރާއްޖޭގެ ޖުމްހޫެރިއްޔާގެ ޤާނޫން އަސާސީއާ އެއްގޮތަށް އިންތިޚާބު ކުރެވިފައިވާ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ޙިމާޔަތާއި ރައްކާތެރިކަމަށް ނުރައްކަލެއް އަތުވެދާނެ ވާހަކަތަކެއް"ކަމަށް ބުނެ ހުށެހެޅިފައިވާ މައްސަލައެއް ބެލުމަށްފަހުގައި ކަމަށެވެ.
ފަސް ލައްކަ ރުފިޔާ އިން ރާއްޖެޓީވީ ޖޫރިމަނާކޮށްފައިވާ އިރު މީގެ ކުރިން ދެފަހަރެއްގެ މަތިން ރާއްޖެޓީވީ ޖޫރިމަނާކޮށްފައިވެ އެވެ. އެގޮތުން އެއް މިލިއަން ރުފިޔާ އިންނާއި ދެ ލައްކަ ރުފިޔާ އިން ބްރޮޑްކާސްޓިންގ ކޮމިޝަނުން ވަނީ ރާއްޖެޓީވީ ޖޫރިމަނާކޮށްފަ އެވެ.