އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލް (ޔޫއެންއެޗްއާރުސީ)ގެ ކުރިއަށް އޮތް ދައުރަށް ރާއްޖެ ވާދަ ނުކުރާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ފޮރިން މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ވަނީ އދ. ހިއުމަން ރައިޓްސް ކައުންސިލަށް ރާއްޖެ ވާދަ ނުކުރި ނަމަވެސް ރާއްޖެއަށް ވޯޓް ދިން ހަތަރު ގައުމަށް ޝުކުރު އަދާކުރާ ކަމަށެވެ.
Thank you for those States who expressed support 4 Maldives to be in HRC although Maldives didnt compete in the elections held today at UNGA
— Maldives Mission NY (@MVPMNY) October 16, 2017
އދ. ހިއުމަން ރައިޓްސް ކައުންސިލުގެ ކުރިއަށް އޮތް ދައުރަށް ރާއްޖެ ވާދަކުރަން ނިންމާ، ކެމްޕެއިން ކުރުމަށްފަހު މިދިއަ ޖުލައި މަހު ވަނީ ވާދަ ނުކުރަން ނިންމާފަ އެވެ. ނަމަވެސް ނަން އަނބުރާ ނުގެންދެ އެވެ.
ރާއްޖެއަކީ 2010 ން 2013 އަށް، އަދި 2013 އިން 2016 އަށް، އދގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލުގެ މެންބަރުކަން ކޮށްފައެވެ. ކުރިއަށް އޮތް ދައުރަށް އެކައުންސިލްގެ މެމްބަރުކަމަށް ކެމްޕެއިން ކުރުމަށްފަހު ވާދަ ނުކުރަން ނިންމި ވަކި ސަބަބެއް ސަރުކާރުންއ ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މި ދަނޑިވަޅަކީ، ރައްޖޭގައި ސަރުކާރުން އިންސާނީ ހައްގުތައް ހަނިކޮށް، އިންސާނީ ހައްގުތަކަށް އަރައިގަންނަމުންދާ ކަމުގެ ގިނަ ތުހުމަތުތަކެއް ރާއްޖެއާއި މެދު ކުރެވޭ ދަނޑިވަޅެކެވެ.
އދގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލު އެކުލެވިގެން ވަނީ، އެފްރިކާގެ 13 ގައުމަކާއި، އޭޝިއާގެ 13 ގައުމަކާއި، އިރުމަތީ ވިލާތުގެ 6 ގައުމަކާއި، ލެޓިން އެމެރިކާ އާއި ކެރީބިއަންގެ 8 ގައުމަކާއި، ދެކުނު ވިލާތާއި އެހެނިހެން ގައުމުތައް ހިމެނޭގޮތަށް 7 ގައުމަކާއިއެކު، ޖުމްލަ 47 ގައުމެއްގެ މައްޗަށެވެ.
މި އިންތިހާބުގައި އދގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލުގެ މެންބަރުކަމަށް ގައުމުތައް އިންތިހާބުކުރަނީ އދގެ އާންމު ޖަލްސާއަކުންނެވެ.
ރާއްޖެއިން ދަނީ އދގެ ސަލާމަތީ މަޖިލީހުގެ ކުރިއަށް އޮތް ދައުރުގެ މެންބަރުކަމަށް ވާދަކުރަމުންނެވެ. އަދި މިފަހަރު ރާއްޖެއަށް ބޮޑަށް މުހިއްމީ އދގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލުގެ މެންބަރުކަން ނޫން ކަމަށާ، މުހިއްމީ އދގެ ސަލާމަތީ މަޖިލީހުގެ މެންބަރުކަން ކަމަށް ދިވެހި ސަރުކާރުން އެކި ފަހަރުމަތިން ވަނީ ބުނެފައެވެ.