އަންނަ އަހަރު ރާއްޖެއަށް އެތެރެކުރެވޭނެ އެޗްސީއެފްސީ ގޭހުގެ ކޯޓައަކީ 22 މެޓްރިކް ޓަނު ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީއިން ކަނޑައަޅައިފި އެވެ.
އަންނަ އަހަރު ރާއްޖެއަށް އެތެރެކުރެވޭނެ އެޗްސީއެފްސީ ގޭހުގެ ކޯޓާއަކީ 22 މެޓްރިކް ޓަނު ކަމަށް ކަނޑައަޅާފައިވާއިރު، މިއަހަރަށް ކަނޑައަޅާފައި އޮތީ 43.6 މެޓްރިކް ޓަނެވެ. އެ އަދަދަކީ 2016 ވަނަ އަހަރަށް ވެސް ކަނޑައަޅާފައި އޮތް އަދަދެވެ.
އެހެންކަމުން، 2018 ވަނަ އަހަރު ވެގެންދާނީ ރާއްޖެއަށް ކުރިން އެތެރެކުރަމުން އައި އެޗްސީއެފްސީގެ ގޭހުގެ އަދަދާ ބަލާއިރު، ދެބައިކުޅައެއްބައި އަދަދެއް މަދުން އެތެރެކުރެވޭނެ އަހަރަކަށެވެ.
ރާއްޖެއިން ބައިވެރިވެރިފައިވާ މުޢާޙަދާއެއް ކަމަށްވާ "މޮންޓްރިއަލް ޕްރޮޓޮކޯލް އޮން ސަބްސްޓެންސަސް ދެޓް ޑިޕްލީޓް ދި އޯޒޯން ލޭޔަ"ގެ ދަށުން 2020ގެ ނިޔަލަށް ރާއްޖޭގައި އެޗްސީއެފްސީ ގޭސް ބޭނުން ކުރުން ހުއްޓާލުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.
އެންވަޔަރަމެންޓް މިނިސްޓްރީއިން ވަނީ އަންނަ އަހަރު ރާއްޖެއަށް މިގޭސް އެތެރެކުރަން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.
މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް ބާއްވާ ޕްރީބިޑް ބައްދަލުވުން އޮންނާނީ މިމަހުގެ 20 ވާ ބްރާސްފަތި ދުވަހުގެ 11:00 ގައި ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީއިން ބުނެ އެވެ.
ބަންދުކުރެވިފައިވާ ބީލަންތައް ނޮވެމްބަރު 7 ވާ އަންގާރަ ދުވަހުގެ 11:00 އަށް ހުށަހަޅަންޖެހެ އެވެ.
އޯޒޯން ފަށަލަ ހިމާޔަތްކުރުމާއި ފިޔަވަޅު އެޅުމާބެހޭ ގާނޫނުގެ ދަށުން 31 މެއި 2016 ވަނަ ދުވަހުން ފެށިގެން އެޗްސީއެފްސީ ގޭސް އެކުލެވޭ ނުވަތަ ބޭނުންކުރާ މެޝިނަރީއާއި އިކުއިޕްމަންޓް ފަދަ ތަކެތި ރާއްޖެއަށް ގެނައުމަކީ މަނާކަމެއް ކަމަށް މިނިސްޓްރީން ވަނީ ކަނޑައަޅާފަ އެވެ.
އެފަދަ މުދަލެއް ރާއްޖެ އެތެރެކޮށްފިނަމަ، އެތެރެކުރާ ފަރާތަކާމެދު އޯޒޯން ފަށަލަ ހިމާޔަތްކުރުމާއި ފިޔަވަޅު އެޅުމާބެހޭ ގާނޫނުގެ ދަށުން ކަނޑައެޅިފައިވާ އަދަބު ދެވޭނެ ކަމަށް ވެސް އިއުލާނުގައިވެއެވެ.
އެފަދަ މުދަލެއް އެތެރެކުރާ ފަރާތެއް އޯޒޯން ފަށަލަ ހިމާޔަތް ކުރުމަށް ފިޔަވަޅު އެޅުމާބެހޭ ގާނޫނުގެ 10 ވަނަ މާއްދާގެ ދަށުން 10,000 ރުފިޔާއާއި އެއްލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވެ އެވެ.