އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލުގެ ކުރިއަށް އޮތް ދައުރުގެ މެންބަރުކަން ނުލިބި ރާއްޖެއިން އެ ކައުންސިލްގެ މެންބަރުކަން ހޯދުމަށް ކުރި މަސައްކަތް ނާކާމިޔާބު ވެއްޖެއެވެ.
މި އަހަރު އެ ކައުންސިލްގެ މެންބަރުކަމުގެ މުއްދަތު ހަމަވާ ޤައުމުތަކުގެ ބަދަލުގައި އެ ކައުންސިލަށް މެންބަރު ޤައުމުތަށް އިންތިޚާބު ކުރުމަށް ބޭއްވި ވޯޓުގައި ރާއްޖެ ނާކާމިޔާބުވީ، އޭޝިއާ ބައްރުގެ ޤައުމުތަކުގެ ތެރެއިން އެ ކައުންސިލަށް ވާދަކުރި އަފްގާނިސްތާން، ނޭޕާލް، ޤަތަރު އަދި ޕާކިސްތާނާއި ވާދަކޮށެވެ. މި ބައްރުން މެންބަރުކަމަށް ވާދަކުރި 6 ޤައުމުގެ ތެރެއިން ނާކާމިޔާބުވީ ރާއްޖެއާއި މެލޭޝިއާއަށެވެ.
ކުރިއަށް އޮތް ދައުރުގެ މެންބަރުކަން ހޯދުމުގައި ޜާއްޖެ ނާކާމިޔާބުވިއިރު، 2010 ން 2013 އަށް، އަދި 2013 އިން 2016 އަށް، ރާއްޖެއިން ވަނީ އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލުގެ މެންބަރުކަން ކޮށްފައެވެ.
އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލު އެކުލެވިގެން ވަނީ، އެފްރިކާގެ 13 ޤައުމަކާއި، އޭޝިއާގެ 13 ޤައުމަކާއި، އިރުމަތީ ވިލާތުގެ 6 ޤައުމަކާއި، ލެޓިން އެމެރިކާ އާއި ކެރީބިއަންގެ 8 ޤައުމަކާއި، ދެކުނު ވިލާތާއި އެހެނިހެން ޤައުމުތައް ހިމެނޭގޮތަށް 7 ޤައުމަކާއިއެކު، ޖުމްލަ 47 ޤައުމެއްގެ މައްޗަށެވެ.
މި އިންތިޚާބުގައި އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލުގެ މެންބަރުކަމަށް ޤައުމުތައް އިންތިޚާބުކުރަނީ އދގެ އާންމު ޖަލްސާއަކުންނެވެ.
އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލުގެ މެންބަރުކަމުގެ އިންތިޚާބުގައި ރާއްޖެއަށް ނާކާމިޔާބާއި ކުރިމަތިލާން ޖެހިފައިވާ މި ދަނޑިވަޅަކީ، ރައްޖޭގައި ސަރުކާރުން އިންސާނީ ޙައްޤުތައް ހަނިކޮށް، އިންސާނީ ހައްޤުތަކަށް އަރައިގަންނަމުންދާ ކަމުގެ ގިނަ ތުޙުމަތުތަކެއް ރާއްޖެއާއި މެދު ކުރެވޭ ދަނޑިވަޅެކެވެ.
އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލުގެ މެންބަރުކަމުގެ އިންތިޚާބުގައި ރާއްޖެ ނާކާމިޔާބާއި ކުރިމަތިލާން ޖެހުނުއިރު، ރާއްޖެއިން ދަނީ އދގެ ސަލާމަތީ މަޖިލީހުގެ ކުރިއަށް އޮތް ދައުރުގެ މެންބަރުކަމަށްވެސް ވާދަކުރަމުންނެވެ. އަދި މިފަހަރު ރާއްޖެއަށް ބޮޑަށް މުހިއްމީ އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލުގެ މެންބަރުކަން ނޫން ކަމަށާ، މުހިއްމީ އދގެ ސަލާމަތީ މަޖިލީހުގެ މެންބަރުކަން ކަމަށް ދިވެހި ސަރުކާރުން އެކި ފަހަރުމަތިން ވަނީ ބުނެފައެވެ.