މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ ފަސް މީހުން ޝަރީއަތް ނިމެންދެން ފުލުހުންގެ ބަންދުގައި ބައިތިއްބަން ކްރިމިނަލް ކޯޓުން އަމުރު ކޮށްފިއެވެ. ކްރިމިނަލް ކޯޓުން އެގޮތަށް އަމުރުކޮށްފައިވަނީ ހޯމަ ދުވަހުއެވެ.
ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ، ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި، މ. ދިމިޝްގް އުސްމާން ޝަރީފާއި، ލ. ގަން، ތުނޑި، ނަންނާރިގޭ ޖުނައިހު އަބްދުﷲ އާއި، ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހުފޫޒްގެ އިތުރުން މާލޭ ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާގެ މައްޗަށެވެ.
އެ ފަސް މީހުންގެ ތެރެއިން އަހުމަދު ޒަޔާނާއި، އުސްމާން ޝަރީފްގެ މައްޗަށް ދައުލަތުން ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައެވެ. މީގެ އިތުރުން، ޖުނައިހު އަބްދުﷲ އާއި، ހަސަން މަހުފޫޒާއި، ސިމާހު މޫސާގެ މައްޗަށް ދައުލަތުން ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އުފުލާފައެވެ.
މި ފަސް މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާގެ އިބްތިދާއީ އަޑުއެހުން ހޯމަ ދުވަހު ފަށާފައިވާއިރު، އަޑުއެހުމަށް ވަކީލަކާއެކު ހާޒިރުވީ މަހުފޫޒް އެކަންޏެވެ. އަނެއް ހަތަރު މީހުން ވަކީލަކާއެކު މައްސަލަ ކުރިއަށް ގެންދަން ބޭނުންވާ ކަމަށް ބުނުމުން ވަކީލަކު އައްޔަންކުރުމަށް 10 ދުވަހުގެ ފުރުސަތެއް ވަނީ ދީފައެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނު ބުނާގޮތުން ވަކީލަކު ހަމަޖައްސަން ދެވޭނެ އެންމެ ދިގު މުއްދަތަކީ 10 ދުވަހެވެ. މަހުފޫޒްގެ ގާނޫނީ ވަކީލު ވިދާޅުވީ މައްސަލައިގެ ލިޔެކިޔުންތައް ލިބުނީ ވެސް ހޯމަ ދުވަހު ކަމަށާއި އެހެންކަމުން ދެން އޮންނަ އަޑުއެހުމުގައި މައްސަލައަށް ޖަވާބުދާރީވާނެ ކަމަށެވެ.
ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ އަނަސް މަރާލާފައިވަނީ އޭނާ ފަހާ ދުވަމުން ގޮސް، ލިޓަސް ސަރވިސް ސެންޓަރު ތެރެއަށް އޭނާ ވަނުމުން، ފަހަތުން ގޮސް ހަމަލާދީގެންނެވެ. ތޫނު ހަތިޔާރު ބޭނުންކޮށްގެން އަނަސްގެ ހަށިގަނޑުގެ އެކި ތަންތަނަކަށް ހަމަލާދީފައިވާއިރު، ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ އޮތީ މަރުވެފައެވެ.
އަނަސްގެ މަރާ ގުޅިގެން، އޯގަސްޓް 3 ވަނަ ދުވަހު ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވަނީ އަނަސް މަރާލީ އޭނާގެ ކުށަކުން ނޫން ކަމަށާއި އޮޅިގެން އޭނާ ލައިގެން ހުރި ޓީޝާޓްގެ ސަބަބުން ކަމަށެވެ.
އަނަސްގެ މަރާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކުރިއެވެ. އޭގެ ތެރޭގައި ތ. ކިނބިދޫ ގުލްފާމްގޭ މުހައްމަދު ޝާޒުއާއި، މ. ލޮނުމިދިލިގޭ އަފްރާހް އަބްދުއްރައްޒާގު ހިމެނެއެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ފިލައިގެން އުޅެނިކޮށެވެ. އެގޮތުން އަފްރާހު ހައްޔަރުކޮށްފައިވަނީ މާލޭ ގެއެއްގެ ތެރޭގައި ފިލައިގެން އުޅެނިކޮށް މިމަހުގެ 8 ވަނަ ދުވަހުއެވެ. އެހެންނަމަވެސް، އެ ދެ މީހުންގެ މައްޗަށް މިހާތަނަށް ދައުވާ ކޮށްފައެއް ނުވެއެވެ.
އަނަސްގެ މަރުގެ މައްސަލައިގައި ދައުވާ ކޮށްފައިވާ 17 އަހަރުގެ ކުއްޖާގެ މައްޗަށް އިތުރު މައްސަލައަކާ ގުޅިގެން ވެސް ދާދިފަހުން ވަނީ ދައުވާ ކޮށްފައެވެ. އެގޮތުން ޖުލައި 25 ވަނަ ދުވަހު ސުޕްރީމް ކޯޓު ކައިރިން މީހެއްގެ ބުރަކައްޓަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައިގައި އެ ކުއްޖާގެ މައްޗަށް ދައުލަތުން ވަނީ، މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ތޫނުއެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އުފުލާފައެވެ.