އައްޑޫއަށް އެތެރެކުރަން އުޅުނީ ޕާޓީ ޑްރަގްސްކަން އަދި ކަށަވަރުވެފައި ނުވާ ކަމަށާއި ރާއްޖޭގެ ސްކޫލުތަކުގައި ޕާޓީ ޑްރަގްސް ދައުރުވަމުންދާ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކަކީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށް ފުލުހުން ބުނެފިއެވެ
އައްޑޫއަށް ޕޯސްޓްއިން ލިބުނު ޕާރސަލެއްގައި ޕާޓީ ޑްރަގްސް ހުރިކަމަށް ކަސްޓަމްސއިން ބުނެފައިވަނިކޮށް ފުލުހުން ހޯމަދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޕޯސްޓްގެ ޒަރީއާއިން އައްޑޫ ސިޓީއަށް ރާއްޖެއިން ބޭރުން އެތެރެކުރި ޕާޓީ ޑްރަގްސްތަކެއް ކަމަށް ތުހުމަތު ކުރެވޭ އެއްޗެހިތަކެއް ފެނުނު މައްސަލަ ބަލަމުންދާ ކަމަށެވެ.
އެތަކެތި ފުލުހުންގެ ފޮރެންސިކް ލެބޯޓްރީން ތަހުލީލު ކުރަމުންދާ ކަމަށާއި އެ ތަހުލީލުތަކުގެ ރަސްމީ ނަތީޖާ އަދި ނުލިބޭ ކަމަށް ފުލުހުން ބުނެއެވެ.
ސޯޝަލް މީޑިއާގައާޢި ބައެއް ޚަބަރުފަތުރާ ވަސީލަތްތަކުން ރާއްޖޭގެ ސްކޫލްތަކުގައި ޕާޓީ ޑްރަގްސް ދައުރުވަމުންދާ ކަމަށް ދެކެވޭ ވާހަކަތަކަށް އިޝާރާތް ކޮށް ފުލުހުން ބުނީ ޕާޓީ ޑްރަގްސްގެ މައްސަލަތަކަކީ އާންމުކޮށް އެ އިދާރާއަށް ހުށަހެޅޭ މައްސަލަތަކެއް ނޫން ކަމަށެވެ. އަދި ރާއްޖޭގެ ސްކޫލްތަކުގައި ޕާޓީ ޑްރަގްސް ދައުރުވަމުންދާ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަ ތަކަކީ ޙަޤީގަތާ ޚިލާފް ވާހަކަ ތަކެއް ކަމަށާއި އެއްވެސް ފަރާތަކުން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ޙަޤީގަތާ ޚިލާފް ވާހަކަތައް ނުފެތުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.
ކަސްޓަމްސްއިން ބުނި ގޮތުގައި ފަސް ޑިޒައިނަކަށް ހުރި 503.5 ގުޅަ އަތުލައިގަނެފައިވާ ކަމަށާއި އާދީއްތަ ދުވަހު އަތުލައި ގަނެވުނު އެ ތަކެތި، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެކްސްޓަސީއަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެ ތަކެތީގެ ބަރުދަނުގައި 244.60 ގްރާމް ހުރި ކަމަށްވެސް ކަސްޓަމްސްއިން ބުނެއެވެ.