ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ރަޝީދަށް ފުލުހުން ފޯރުކޮށްދެމުން އައި ސެކިއުރިޓީ ކަނޑާލާފައިވަނިކޮށް، އޭނާގެ ސައިކަލުގައި ބަޔަކު ރޯކޮށްލައިފި އެވެ.
ގާޒީ އަހުމަދު ރަޝީދުގެ ސައިކަލުގައި ރޯކޮށްލާފައިވަނީ އާދިއްތަ ދުވަހުގެ ރޭ ހުޅުމާލޭގަ އެވެ. ރޯކޮށްލުމުގެ ސަބަބުން ބޭނުންނުކުރެވޭ ވަރަށް ސައިކަލު ވަނީ އަނދާފަ އެވެ.
ފުލުހުން ބުނީ ހުޅުމާލޭގައި ސައިކަލެއްގައި އާދިއްތަ ދުވަހުގެ ރޭ 12:00 ހާއިރު އަލިފާން ރޯކުރި މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށެވެ. ނަމަވެސް، އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުނުކުރާ ކަމަށް ފުލުހުން ބުނެ އެވެ.
ގާޒީ އަހުމަދު ރަޝީދުގެ ސެކިއުރިޓީ ކަނޑާލާފައި ވަނީ، ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ ސަސްޕެންޑް ކޮށްފައިވަނިކޮށެވެ. ގާޒީ އަހުމަދު ރަޝީދު ސަސްޕެންޑްކުރީ އޯގަސްޓް 23 ވަނަ ދުވަހު އެވެ.
ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ގާޒީ އަހުމަދު ރަޝީދުގެ ސެކިއުރިޓީ ކަނޑާލިއިރު، މިހާރު ޖުވެނައިލް ކޯޓުގައި މަސައްކަތް ކުރައްވާ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފަށް ފޯރުކޮށްދެމުން އައި ސެކިއުރިޓީ ވެސް ވަނީ ކަނޑާލާފަ އެވެ.
މިކަމާ ގުޅޭ ގޮތުން ފުލުހުން ބުނީ ވީއައިޕީންނަށް ދެމުން އަންނަ ސެކިއުރިޓީއާ ގުޅޭ މައުލޫމާތު މީޑިއާއަށް ހާމަނުކުރާ ކަމަށެވެ.