މިއަހަރުގެ ތިންވަނަ ކުއަރޓާގައި ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރު ވެސް އެންމެ ގިނައިން ހުށަހެޅިފައިވަނީ ޕްރޮކިއުމެންޓާއި ގުޅޭ މައްސަލަތައް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީއިން ބުނެފިއެވެ.
އެގޮތުން މިއަހަރުގެ ތިންވަނަ ކުއާރޓާގެ ތެރޭގައި ޕްރޮކިއުމެންޓާއި ގުޅޭ 53 މައްސަލައެއް އޭސީސީގައި ރަޖިސްޓްރީ ކޮށްފައިވާއިރު، 2016 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ޕްރޮކިއުމަންޓާއި ގުޅޭ 95 މައްސަލަ ރަޖިސްޓްރީ ކޮށްފައިވެއެވެ.
ވަޒީފާއާއި ގުޅޭ ދިހަ މައްސަލައެއް މިއަހަރުގެ ތިންވަނަ ކުއާރޓާގައި ކޮމިޝަންގައި ރަޖިސްޓްރީ ކޮށްފައިވާއިރު، 2016 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ވަޒީފާއާއި ގުޅޭ 27 މައްސަލަ ވަނީ އޭސީސީގައި ރަޖިސްޓްރީ ކޮށްފައެވެ.
މީގެ އިތުރުން މިއަހަރުގެ ތިންވަނަ ކުއާރޓާގެ ތެރޭގައި ގޯތި ގެދޮރާއި ކުއްޔަށް ދޫކުރާ ބިމާއި ރަށްތަކާއި ގުޅޭ ޖުމްލަ 28 މައްސަލައެއް ރަޖިސްޓްރީކޮށްފައިވާއިރު، އެހެނިހެން ތަފާތު ބާވަތްތަކުގެ 76 މައްސަލައެއް މިއަހަރުގެ ތިންވަނަ ކުއާރޓާގެ ތެރޭގައި ކޮމިޝަނަށް ވަނީ ހުށަހަޅާފައެވެ.
މިއަހަރުގެ ތިން ވަނަ ކުއާރޓާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި 167 މައްސަލަ ވަނީ ރަޖިސްޓްރީ ކޮށްފައެވެ.
އޭސީސީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ނުވަ މަސް ދުވަހުގެ ތެރޭަގައި ޖުމްލަ 593 މައްސަލަ ވަނީ ރަޖިސްޓްރީ ކޮށްފައެވެ. މީގެ އިތުރުން 167 މައްސަލައަކީ މިއަހަރުގެ 3 ވަނަ ކުއާރޓާގައި ރަޖިސްޓްރީ ކޮށްފައިވާ މައްސަލަތައް ކަމަށް އޭސީސީން ބުންޏެވެ.
2016 ވަނަ އަހަރުގެ ތިންވަނަ ކުއާރޓާގެ ތެރޭގައި ރަޖިސްޓްރީ ކޮށްފައިވަނީ 259 މައްސަލައެވެ.
ކޮމިޝަނުގައި ރަޖިސްޓްރީކުރި މައްސަލަތަކުގެ ތެރެއިން ކޮމިޝަނުން ދިރާސާ ކުރުމަށް ފަހު، 2017 ވަނަ އަހަރުގެ ތިންވަނަ ކުއަރޓާގައި ތަޙްޤީޤް ކުރުމަށް ނިންމީ 142 މައްސަލައެވެ. 206 ވަނަ އަހަރުގެ އެމުއްދަތުގައި ތަޙްޤީގް ކުރުމަށް ނިންމާފައިވަނީ 170 މައްސަލައެވެ.
އަދި ކޮމިޝަނަށް ހުށަހަޅާފައިވާ ޝަކުވާތަކުގެ ތެރެއިން ކޮމިޝަންގެ މެންޑޭޓަށް ނުފެތޭ މައްސަލަތައް ދަނީ އެމެންޑޭޓެއް އޮތް އިދާރާތަކަށް ފޮނުވަމުން ކަމަށް އެކޮމިޝަނުން ބުންޏެވެ.
މިގޮތުން މިއަހަރުގެ 3 ވަނަ ކުއާރޓާގެ ތެރޭގައި 11 މައްސަލައެއް ދައުލަތުގެ ކަމާއި ބެހޭ އިދާރާތަކަށް ފޮނުވާފައިވާއިރު 2016 ވަނަ އަހަރުގެ އެ މުއްދަތުގައި ކޮމިޝަނުން އެހެން އިދާރާތަކަށް ފޮނުވާފައި ވަނީ 24 މައްސަލައެވެ.
އަދި ކޮމިޝަންގެ މެންޑޭޓަށް ނުފެތޭތީ އާއި އެކަށީގެންވާ ވަރަށް މައުލޫމާތު ލިބިފައިނުވާތީ 28 މައްސަލަ މިއަހަރުގެ ތިންވަނަ ކުއާރޓާގައި ނުބަލާ ދޫކޮށްލާފައިވާއިރު، 2016 ވަނަ އަހަރުގެ އެމުއްދަތުގައި 18 މައްސަލަ ވަނީ ނުބަލާ ދޫކޮށްލާފައެވެ.