ތޫނު ހަތިޔާރު ބޭނުންކޮށްގެން ހަމަލާދީ ރ. މީދޫ ފެންފިޔާޒުގޭ، މުހައްމަދު އަނަސް މަރާލި މައްސަލައާ ގުޅިގެން ދައުލަތުން ދައުވާ އުފުލާފައިވާ މީހުންނަށް ވަކީލަކު އައްޔަންކުރަން 10 ދުވަހުގެ ފުރުސަތެއް ދީފި އެވެ.
އަނަސްގެ މަރުގެ މައްސަލައާ ގުޅިގެން ފަސް މީހަކާއި ކުޑަކުއްޖަކު ހިމެނޭ ގޮތަށް ޖުމްލަ ހަ މީހެއްގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވެއެވެ. އުމުރުން 17 އަހަރުގެ އެ ކުއްޖާގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވާއިރު، އެ ޝަރީއަތް ކުރިއަށް ގެންދަނީ ޖުވެނައިލް ކޯޓުގަ އެވެ.
އަނަސް މަރާލި މައްސަލައިގައި ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި، މ. ދިމިޝްގް އުސްމާން ޝަރީފްގެ މައްޗަށް ދައުލަތުން ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފަ އެވެ.
މީގެ އިތުރުން، ލ. ގަން ތުނޑި ނަންނާރިގޭ ޖުނައިހު އަބްދުﷲއާއި، ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހުފޫޒްގެ އިތުރުން މާލޭ ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާގެ މައްޗަށް ދައުލަތުން ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އުފުލާފަ އެވެ.
މި ފަސް މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާގެ އިބްތިދާއީ އަޑުއެހުން ހޯމަ ދުވަހު ފަށާފައިވާއިރު، އަޑުއެހުމަށް ވަކީލަކާއެކު ހާޒިރުވީ މަހުފޫޒް އެކަންޏެވެ. އަނެއް ހަތަރު މީހުން ވަކީލަކާއެކު މައްސަލަ ކުރިއަށް ގެންދަން ބޭނުންވާ ކަމަށް ބުނުމުން ވަކީލަކު އައްޔަންކުރުމަށް 10 ދުވަހުގެ ފުރުސަތެއް ވަނީ ދީފަ އެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނު ބުނާގޮތުން ވަކީލަކު ހަމަޖައްސަން ދެވޭނެ އެންމެ ދިގު މުއްދަތަކީ 10 ދުވަހެވެ.
މަހުފޫޒްގެ ގާނޫނީ ވަކީލު ވިދާޅުވީ މައްސަލައިގެ އަޑުއެހުންތައް ލިބުނީ ވެސް ހޯމަ ދުވަހު ކަމަށާއި އެހެންކަމުން ދެން އޮންނަ އަޑުއެހުމުގައި މައްސަލައަށް ޖަވާބުދާރީވާނެ ކަމަށެވެ.
ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ އަނަސް މަރާލާފައިވަނީ އޭނާ ފަހާ ދުވަމުން ގޮސް، ލިޓަސް ސަރވިސް ސެންޓަރު ތެރެއަށް އޭނާ ވަނުމުން، ފަހަތުން ގޮސް ހަމަލާދީގެންނެވެ. ތޫނު ހަތިޔާރު ބޭނުންކޮށްގެން އަނަސްގެ ހަށިގަނޑުގެ އެކި ތަންތަނަކަށް ހަމަލާދީފައިވާއިރު، ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ އޮތީ މަރުވެފަ އެވެ.
އަނަސްގެ މަރާ ގުޅިގެން، އޯގަސްޓް 3 ވަނަ ދުވަހު ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވަނީ އަނަސް މަރާލީ އޭނާގެ ކުށަކުން ނޫން ކަމަށާއި އޮޅިގެން އެހެން މީހަކު ކަމަށް ހީކުރެވިގެން ކަމަށެވެ.
އަނަސްގެ މަރާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކުރި އެވެ. އޭގެ ތެރޭގައި ތ. ކިނބިދޫ ގުލްފާމްގޭ މުހައްމަދު ޝާޒުއާއި، މ. ލޮނުމިދިލިގޭ އަފްރާހް އަބްދުއްރައްޒާގު ހިމެނެ އެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ފިލައިގެން އުޅެނިކޮށެވެ. އެގޮތުން އަފްރާހު ހައްޔަރުކޮށްފައިވަނީ މާލޭ ގެއެއްގެ ތެރޭގައި ފިލައިގެން އުޅެނިކޮށް މިމަހުގެ 8 ވަނަ ދުވަހު އެވެ. އެހެންނަމަވެސް، އެ ދެ މީހުންގެ މައްޗަށް މިހާތަނަށް ދައުވާއެއް ކޮށްފައި ނުވެ އެވެ.
އަނަސްގެ މަރުގެ މައްސަލައިގައި ދައުވާ ކޮށްފައިވާ 17 އަހަރުގެ ކުއްޖާގެ މައްޗަށް އިތުރު މައްސަލައަކާ ގުޅިގެން ވެސް ދާދިފަހުން ވަނީ ދައުވާ ކޮށްފަ އެވެ. އެގޮތުން ޖުލައި 25 ވަނަ ދުވަހު ސުޕްރީމް ކޯޓު ކައިރިން މީހެއްގެ ބުރަކައްޓަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައިގައި އެ ކުއްޖާގެ މައްޗަށް ދައުލަތުން ވަނީ، މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ތޫނުއެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އުފުލާފަ އެވެ.