ރައީސް އަބްދުﷲ ޔާމީންގެ އަބުރާ ބެހުނު ކޮންޓެންޓެއް ބްރޯޑްކާސްޓް ކުރި ކަމަށް ބުނެ ބްރޯޑްކާސްޓިންގ ކޮމިޝަނުން އަމިއްލައަށް އިސްނަގައިގެން ބެލި މައްސަލައެއްގައި އެއް މިލިއަން ރުފިޔާއިން ރާއްޖެޓީވީ ޖޫރިމަނާ ކުރި މައްސަލަ ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި އެއްބަސްވުމަކަށް ނާދެވުމުން އެމައްސަލަ ޝަރީއަތަށް ފޮނުވަން ނިންމައިފި އެވެ.
ސިވިލް ކޯޓުގައި ހޯމަ ދުވަހު ބޭއްވި އަޑުއެހުމުގައި އެމައްސަލަ ހުށަހެޅި ރާއްޖެޓީވީގެ ފަރާތުން ތަކުރާރުކޮށް ބުނެފައިވަނީ ރާއްޖެޓީވީ ޖޫރިމަނާ ކުރަމުންދަނީ އަދި އެއް މިލިއަން ރުފިޔާއިން ރާއްޖެޓީވީ ޖުރިމަނާކުރި މިމައްސަލާގައި ވެސް ބްރޯޑްކާޓިންގ ކޮމިޝަނުން އަމަލު ކޮށްފައިވަނީ ގާނޫނާއި ގަވާއިދާއި އަދި އުސޫލްތަކާއި ހިލާފަށް ކަމަށެވެ. އެހެންކަމުން މިމައްސަލާގައި ދެ ފަރާތުން ވާހަކަ ދައްކައިގެން ހައްލު ކުރުމަށް އެދޭ ކަމަށް ރާއްޖެޓީވީގެ ފަރާތުން މިމައްސަލައަށް ވަޑައިގެންނެވި ރާއްޖެޓީވީގެ ސީއޯއޯ ހުސައިން ފިޔާޒު މޫސާ ވިދާޅުވި އެވެ.
"ދެފަރާތުން ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރުމަށް ގާޒީ ވަރަށް ބޮޑަށް އެދިވަޑައިގެންނެވި. އަދި ދައުލަތުން ނިންމާފައި އޮންނަ މައްސަލައަކަށް ވިޔަސް ނުވަތަ ދައުލަތުގެ މުއައްސަސާއަކުން ނިންމާފައިވާ މައްސަލައަކަށް ވިޔަސް އެއީ ރަނގަޅު ނިންމުމެއް ނޫން ކަމަށް ވެސް ގާޒީ އެދިވަދައިގެންނެވި. އެހެންވީމާ މިކަމަށް ދެ ފަރާތުން މަޝްވަރާކޮށްގެން ހައްލު ކުރުމަށް ތަކުރާރުކޮށް އެދިވަޑައިގެންނެވި. އެކަމަކު ދައުލަތުން ފުރަތަމަ ވެސް އެދުނީ ޝަރީއަތަށް ދާން،" ފިޔާޒު ވިދާޅުވި އެވެ.
މިމައްސަލައަށް ދައުލަތުގެ ބަންޑާރަ ނައިބުގެ އޮފީހުގެ ގާނޫނީ ވަކީލުގެ އިތުރުން ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ގާނޫނީ ވަކީލު ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށް ފިޔާޒު ވިދާޅުވި އެވެ.
"ރާއްޖެޓީވީގެ މައްޗަށް ޖޫރިމަނާ ކުރުމަށް ނިންމާފައި އޮތީ ގާނޫނާ ހިލާފަށް. އަދި ބްރޯޑްކާސްޓިންގ ކޮމިޝަނާއި އެޓާރނީ ޖެނެރަލްގެ އޮފީހުން ހަދަންޖެހޭ އުސޫލުތައް ނުހަދާ އޮތް ކަމާއި މިއީ ކުރެވޭނެ ޖޫރިމަނާއެއް ނޫން ކަމަށް، އަދި މިހާރު ނިންމާ ފައި އޮތް ތިން މައްސަލަވެސް އެއީ ބާތިލް ނިންމުންތަކެއް ކަމަށްވާތީ، ޝަރީއަތުން ބޭރުން މިމައްސަލަތައް ހައްލު ކުރުމަށް އަޅުގަނޑުމެން ތަކުރާރުކޮށް އެދެމުން ދިޔައިން. އަޅުގަނޑުމެންގެ ބޭނުމަކީ ދައުލަތުގެ މައްޗަށް ޝަރީއަތެއް ހިންގުމެއް ނޫން،" ފިޔާޒު ވިދާޅުވި އެވެ.
އެއްމިލިޔަން ރުފިޔާ އިން ރާއްޖެޓީވީ ޖޫރިމަނާ ކުރި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައި މި ވަނީ ޖޫރިމަނާގެ ފައިސާ މިއަހަރުގެ މޭ މަހުގެ 4 ވަނަ ދުވަހު ބްރޯޑްކާސްޓިން ކޮމިޝަނަށް ދެއްކުމަށް ފަހުއެވެ.
ރާއްޖެޓީވީގެ ގާނޫނީ ވަކީލް މުހައްމަދު ނިޝާން ވިދާޅުވި ގޮތުގައި މައްސަލާގައި އެދިފައި ވަނީ ބްރޯޓްކާސްޓިން ކޮމިޝަނުން ރާއްޖެޓީވީ ޖޫރިމަނާ ކުރިކުރުން ބާތިލްކޮށް އެ ފައިސާ އަނބުރާ ރާއްޖެޓީވީ އަށް ދިނުމަށް ބްރޯޑްކޮމްގެ މައްޗަށް ހުކުމް ކުރުމަށް ކަމަށެވެ.
ރައީސް ޔާމީންގެ އަބުރާ ބެހުނު ކޮންޓެންޓެއް ބްރޯޑްކާސްޓް ކުރި ކަމަށް ބުނެ އެއް މިލިއަން ރުފިޔާއިން ރާއްޖެޓީވީ ޖޫރިމަނާ ކޮށްފައި ވަނީ އެޕްރީލް މަހުގެ 6 ވަނަ ދުވަހުއެވެ. އެއް މިލިއަން ރުފިޔާއިން ރާއްޖެޓީވީ ޖޫރިމަނާ ކުރީ، އޭގެ ކުރިން ކޮށްފައިވާ ދެ ލައްކަ ރުފިޔާގެ ޖޫރިމަނާ ފައިސާ ރާއްޖެޓީވީން ދެއްކި ދުވަހުއެވެ. އަދި އެ މައްސަލަ ވެސް ރާއްޖެޓީވީގެ ފަރާތުން ވަނީ ސިވިލް ކޯޓަށް ހުށަހަޅާފައެވެ.
އެ ދެ ޖޫރިމަނާއަށްފަހު މިދިއަ ހަފްތާގެ ތެރޭގައި ރާއްޖެޓީވީ 500،000ރ އިން ވެސް ޖޫރިމަނާ ކޮށްފައި ވެއެވެ.
އެއް މިލިއަން ރުފިޔާއިން ރާއްޖެޓީވީ ޖޫރިމަނާކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު 26 ވަނަ ދުވަހު ބޭއްވި އިދިކޮޅު އިއްތިހާދުގެ ހަރުގެ ޖަލްސާގައި، ރައީސް ޔާމީންގެ އަބުރު ގެއްލޭ ފަދަ ގޮތަކަށް ވާހަކަ ދައްކާފައިވާ ކޮންޓެންޓެއް ބްރޯޑްކާސްޓް ކޮށްފައިވާ ކަމަށް ބުނެ، އެ ކޮމިޝަނުގެ މެންބަރަކު އަމިއްލައަށް ހުށަހެޅި މައްސަލައެއް، އަމިއްލައަށް ބަލައި ނިންމުމަށް ފަހު އެވެ. އެ ޖަލްސާގައި ރައީސް އަބްދުﷲ ޔާމީނާ ގުޅޭ ގޮތުން ދެއްކެވި ވާހަކަ ވެސް ބްރޯޑްކާސްޓިން ކޮމިޝަނުން މައްސަލަ ނިންމި ގޮތުގެ ރިޕޯޓްގައި ހިމަނާފައި ވެއެވެ.
"މިއަދުވެސް ތިޔަ ބޭފުޅުން ބައްލަވާ އެއްވެސް މަޝްރޫއެއް އަބްދުﷲ ޔާމީން ފަށައިގެން ކުރިއަށް ގެންދިޔަ މަޝްރޫއެއް ނޯންނާނެ ކޮތަރު ޕާކު ކަހަލަ މިކަހަލަ ކުދި ކުދި ޕާކުތައް ނޫނިއްޔާ ނިމިފަ" މިހެން ބުނެފައިވާ ބުނުމާއި، "މީނަ މުޑި ޖަހައިގެން ކޮޅަށްޖަހާފައި ހުރި އެއްވެސް ތަނެއް އެއްވެސް ފްލެޓެއް އެއްވެސް ބަނދަރެއް އެއްވެސް އެއާޕޯޓެއް ނޯންނާނޭ" ބުނެފައިވާ ބުނުމާއި، "ތިން އަހަރަށް ވުރެ ގިނަ ދުވަސްވީ ކިތައް ބިލިއަން ރުފިޔާއެއްތޯ ދިވެހި ދައުލަތުގެ ބައިތުލްމާލުން އޭނާއަށް ހަވާލުކުރީ، ވީކަމެއް ނެތް" ބުނި ބުނުމާއި "އަޅުގަނޑުމެންނަށް ޔަގީންވި ހުރިހާކަމެއްގެ ތެރޭގައި ވައްކަން ކުރުމާއި ފަސާދައާ އަނިޔާ، މިނޫން އިތުރު އެއްޗެއް ރައްޔިތުންނަށް ދިނީކީއެއް ނޫން" އޭ ބުނެފައިވާ ބުނުން ބްރޯޑްކާސްޓް ކޮށްފައި ވަނީ އަބުރުގެ ގާނޫނާ ޚިލާފަށް ކަމަށް ބްރޯޑްކޮމް އިން ނިންމާފައި ވެއެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން ބުނީ ރާއްޖެޓީވީން އެ ކޮންޓެންޓް ބްރޯޑްކާސްޓް ކުރުމުގެ ސަބަބުން ދިވެހިރާއްޖޭގެ ވަލިއްޔުލްއަމްރުގެ ގާނޫނީ ޒިންމާއަށް ނުވަތަ މަސްއޫލިއްޔަތާ މެދު ފާޅުކަން ބޮޑު ގޮތެއްގައި އާންމުންގެ ހިތްތަކުގައި ޝައްކު އުފައްދައި އެމަނިކުފާނުގެ އިއްޒަތާއި ކަރާމާތަށް ގެއްލުން ލިބިދޭ ކަމަށް ސާބިތުވާ ކަމަށެވެ.