ރައީސް އަބްދުﷲ ޔާމީނާއި އަނބިކަނބަލުން ފާތިމަތު އިބްރާހިމް ޔޫއޭއީ އަށް ފުރާވަޑައިގަންނަވައިފި އެވެ.
މި ދަތުރުފުޅަކީ ޔޫއޭއީގެ ރައީސް ޝެއިހު ހަލީފާ ބިން ޒައިދު އައް ނަހްޔާން ދެއްވި ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސުލްޖުމްހުރިއްޔާ ޔޫއޭއީ އަށް ކުރައްވާ މި ދަތުރުފުޅުގައި ތަފާތު ހަތަރު އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން އިންވެސްޓްމަންޓް ޕްރޮޓެކްޝަނާއި އެވޮއިޑެންސް އޮފް ޑަބަލް ޓެކްސޭޝަން އާއި ވިސާ ވެއިވާ އޮން ޑިޕްލޮމެޓިކް އެންޑް އޮފިޝަލް ވިސާ އާއި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމާ ބެހޭ އެއްބަސްވުން ހިމެނެ އެވެ.
މިއީ ތިން ދުވަހަށް ރައީސް ކުރައްވާ ދަތުރުފުޅެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅުގައި އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީ ކުރެއްވުމަށް އަބޫދާބީ ފަންޑުން ދިނުމަށް ކަނޑައަޅާފައިވާ 40 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމުގައި ސަރުކާރުން ސޮއި ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މިކަން ރައީސްކޮށް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.
އަހަރު ނިމޭ އިރު ރައީސް ޔޫއޭއީ އަށް ކުރައްވާ މި ދަތުރުފުޅުގައި ބަޖެޓް ސަޕޯޓަށް ފައިސާ ހޯދުމަށް ވެސް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
ރާއްޖެއާއި ޔޫއޭއީ އާ ދެމެދު ސޔާސީ ގުޅުން ގާއިމް ކުރިތާ އަންނަ އަހަރަށް 40 އަހަރު ވާނެ އެވެ.