ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްސަލައާ ގުޅޭ ގޮތުން، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ސުޕްރީމް ކޯޓަށް ފޮނުއްވި ދެ ސިޓީއާ ގުޅޭގޮތުން އެއްޗެއް ބުނެވެން ނެތް ކަމަށް އެ ކޯޓުން ބުނެފި އެވެ.
ސުޕްރީމް ކޯޓަށް އަދީބު ފުރަތަމަ ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، 11 އަހަރަށް ޖަލަށް ލާފައިވާ ނާޒިމްގެ އެޕާޓްމެންޓުން ފެނުނު ކަމަށް ބުނާ ފިސްތޯލައާ ނާޒިމްއާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. ޖޫން 20 ވަނަ ދުވަހު އަދީބު ފޮނުއްވި އެ ސިޓީގައި ވިދާޅުވެފައިވަނީ ކަންތައްތައް ހިނގައިދިޔަ ގޮތް 'އެނގޭ މީހެއްގެ" ހައިސިއްޔަތުން ނާޒިމްގެ އެޕާޓްމެންޓުން ފިސްތޯލައެއް ފެނުނު މައްސަލައިގައި ކަންތައްތައް ހިނގައިދިޔަ ގޮތް ސުޕްރީމް ކޯޓުގައި ވިދާޅުވެ ދެއްވަން ތައްޔާރަށް ހުންނެވި ކަމަށެވެ. އަދީބު ވަނީ އެ ފުރުސަތު ދެއްވުމަށް ސުޕްރީމް ކޯޓުގައި އެދިވަޑައިގަންނަވާފަ އެވެ.
ޖުލައި 16 ވަނަ ދުވަހު އަދީބު ފޮނުއްވި ދެވަނަ ސިޓީގައި ވިދާޅުވެފައި ވަނީ، ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކޮށް، ކުރި ހުކުމަކީ ޝަރުއީ ކޯޓެއްގެ ފަނޑިޔާރަކު ލިޔެފައިވާ ހުކުމެއް ނޫން ކަމަށާއި، އެ ހުކުމް ލިޔުނު ފަރާތް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދީބު ވިދާޅުވެފައިވާ ގޮތުގައި ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރެވުނީ، ނާޒިމް ހައްޔަރުކުރުމާއި ގުޅިގެން ރައީސް ނަޝީދު އިސްވެ ހުންނަވައިގެން ނާޒިމްގެ ދިފާއުގައި ފެއްޓެވި ސިޔާސީ މަސައްކަތްތައް ނިމުމަކަށް ގެނެއުމަށް ކަމަށެވެ.
ހުކުމް ލިޔުނު ފަރާތް ވެސް އެނގިވަޑައިގަންނަވާ ކަމަށް ފާހަގަކުރައްވަމުން އަދީބު ވިދާޅުވެފައިވަނީ ރައީސް ނަޝީދުގެ މައްސަލައިގައި "ފުރަތަމަ ޑްރާފްޓް ކުރެވުނު" ހުކުމުގައި އޮތީ އެމަނިކުފާނަށް 10 އަހަރު ދުވަހުގެ ޖަލު ހުކުމެއްކޮށް، ހުކުމް ތަންފީޒް ކުރުން 3 އަހަރު ދުވަހުގެ މުއްދަތަކަށް ފަސްކުރާ ގޮތަށް ކަމަށެވެ. ނަމަވެސް، އެ ހުކުމުގެ ލިޔުމަށް ބަދަލު ގެނައީ ކޮންފަރާތެއްގެ އަމުރަށް ކޮން ފަރާތަކުން ކަންވެސް އެނގިވަޑައިގަންނަވާ ކަމަށް އަދީބު ވިދާޅުވެފައިވެ އެވެ. އަދީބު ވަނީ އެ މައްސަލައިގައި ހެކިބަސް ދޭން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެ އެ ފުރުސަތު ދެއްވުމަށް އެދިވަޑައިގަންނަވާފަ އެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް އެޑްރެސް ކުރައްވާ އަދީބު ފޮނުއްވި އެ ދެ ސިޓީއާ ގުޅިގެން ރާއްޖެއެމްވީއިން ސުވާލުކުރުމުން ޖުޑިޝަރީގެ ތަރުޖަމާނަކު ވިދާޅުވީ އެ ސިޓީތަކާ ގުޅިގެން އެއްޗެއް ބުނެވެން ނެތް ކަމަށެވެ. މީގެ ކުރިން، ޖުލައި މަހުގެ ތެރޭގައި ޖުޑިޝަރީގެ ތަރުޖަމާނު ވިދާޅުވެފައިވަނީ އެ ސިޓިތަކާ ގުޅޭ ގޮތުން އަމަލުކުރާނެ ވަކި ގޮތެއް ނުނިންމާ ކަމަށެވެ.
ރައީސް ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، އެމަނިކުފާނުގެ ގާނޫނީ ވަކީލުން ވަނީ އަދީބުގެ ސިޓީއާ ގުޅިގެން މައްސަލަ އަލުން ބަލައި އިންސާފު ގާއިމްކޮށްދިނުމަށް ސުޕްރީމް ކޯޓަށް ގޮވާލާފަ އެވެ. ނާޒިމްގެ ވަކީލުންނާއި އާއިލާއިން ވެސް ވަނީ ނާޒިމްގެ މައްސަލަ އަލުން ބަލައި، ނާޒިމްގެ މައްޗަށް ކުރި ދައުވާއާއި ތުހުމަތުން ނާޒިމް ބަރީއަވެގެންވާ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ގޮވާލާފަ އެވެ. ރައީސް ނަޝީދާއި ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން ވަނީ ދަށު ކޯޓްތަކުގެ ހުކުމަށް ތާއީދުކޮށްފަ އެވެ.
އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން ރައީސް ނަޝީދާއި ނާޒިމްގެ މައްސަލަ ބެލުމަށް ފަހު، އެ ދެ ބޭފުޅުން މިނިވަން ކުރުމަށް ވަނީ ސަރުކާރަށް ގޮވާލާފަ އެވެ. ވޯކިން ގްރޫޕުން ބުނެފައިވަނީ ދެ ބޭފުޅުން ވެސް ޖަލަށް ލުމަށް ހިންގި ޝަރީއަތްތައް ހިންގާފައިވަނީ އިންސާފުވެރިކަމާއެކު ނޫން ކަމަށާއި، ގާނޫނު އަސާސީއާއި ގާނޫނުތަކާއި ރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާތަކުން ކަށަވަރު ކޮށްދޭންޖެހޭ ހައްގުތައް ކަށަވަރުކޮށްދީފައިނުވާ ކަމަށެވެ. އެ ގްރޫޕުން ގޮވާލާފައި ވަނީ ނުހައްގުން ޖަލަށް ލުމުގެ ސަބަބުން ދެ ބޭފުޅުންނަށް ލިބިވަޑައިގެންނެވި ގެއްލުމުގެ ބަދަލު ދިނުމަށް ފަހު މިނިވަން ކުރުމަށެވެ.
ސަރުކާރުން ވަނީ ވޯކިންގ ގްރޫޕްގެ ނިންމުން ބަލައިނުގަތުމަށް ނިންމާފަ އެވެ. ސަރުކާރުން ބުނެފައިވަނީ ވޯކިން ގްރޫޕުގެ ނިންމުމަކީ ވަކި ފަރާތަކަށް ޖެހިފައިވާ ނިންމުމެއް ކަމަށާއި، އެ ނިންމުމަށް އަމަލުކުރުން ލާޒިމް ނޫން ކަމަށެވެ.