"ސޭފްޓީ ސްޓެޕްސް"ގެ ނަމުގައި އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) އިން އާ ކެމްޕެއިނެއް ލޯންޗްކޮށްފި އެވެ.
އާކުން ބުނީ އޮކްޓޯބަރ މަހުގެ 13 ވަނަ ދުވަހަކީ "އިންޓަރނެޝަނަލް ޑޭ ފޮރ ޑިޒާސްޓަރ ރިޑަކްޝަން"ގެ ގޮތުގައި އދ އިން ފާހަގަކުރާ ދުވަސް ކަމަށްވާތީ އެ ދުވަހާ ގުޅުވައިގެން 2017 ވަނަ އަހަރުގެ ޝިޢާރެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ "ހޯމް ސޭފް ހޯމް: ރިޑިއުސިންގ އެކްސްޕޯސަރ، ރިޑިއުސިންގ ޑިސްޕްލޭސްމެންޓް" އެވެ.
މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު ބޭނުމަކީ ކާރިސާތަކުން ރައްކާތެރިވުމަށް ހޭލުންތެރިކަން އިތުރުކުރުމަށާއި ކުރިމަތިވާ ކާރިސާތަކުން އަރައިގަތުމަށް މީހުން ހޭލުންތެރިކުރުވުމެވެ. މި ދުވަސް ފާހަގަކުރުމުގެ ގޮތުން ކުޑަކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި "ސޭފްޓީ ސްޓެޕްސް"ގެ ނަމުގައި ކެޕްއިނެއް އާދިއްތަ ދުވަހު ވަނީ އިފްތިތާހުކޮށްފަ ކަމަށް އާކުން ބުނެއެވެ.
އާކުން ބުނީ ސޭފްޓީ ސްޓެޕްސް ކެމްޕެއިންއަކީ ގޭތެރޭގެ މާހައުލުގަ އާއި ބޭރުތެރޭގައި އުޅޭއިރު ދިމާވެދާނެ ނުރައްކާތަކުންނާއި، ދިމާވާ ކުއްލި ހާލަތްތަކުގައި ރައްކާތެރިކަން ހޯދުމަށްޓަކައި ކަންތައްތައް ކުރަންވީ ގޮތަކީ ކޮބައިކަން ކުޑަކުދިން ކިޔައިދީ އެކުދިން ހޭލުންތެރިކުރުވުމެވެ. ކުޑަކުދިންނަކީ މިފަދަ ކަންކަމަށް އެންމެ ފުރަތަމަ ނުރައްކަލައް ހުށަހެޅޭ އުމުރުފުރާކަމަށްވުމުން އެކުދިންނަށް ނުރައްކާތެރި ހާދިސާތަކުން ރައްކާތެރިކަން ހޯދުމަށް އެޅިދާނެ ފިޔަވަޅުތަކަކީ ކޮބައިކަން އެނގިފައި އޮތުން މުހިންމެވެ. އެގޮތުން މި ކެމްޕެއިންގެ ޒަރިއްޔާއިން ނުރައްކާތެރި ހާދިސާ/ކާރިސާ ތަކަކީ ކޮބައިކަމާއި އެކަންކަމުން ރައްކާތެރިކަން ހޯދުމަށް ކުރެވިދާނެ ކަންތައްތައް ކިޔައިދެވޭނެ ކަމަށްވެސް އާކުން ބުނެއެވެ.
މި ކެމްޕެއިން މެދުވެރިކޮށް ސަލާމަތާއި ރައްކާތެރިކަން ހޯދޭނެ ގޮތްތައް ކިޔައިދެވޭނެ ބައިތަކަކީ:
- 1. އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުން.
- މަގުމަތީގެ އެކްސިޓެންޓުތަކުން ރައްކާތެރިވުން.
- ގޭތެރޭގައި ދިމާވާ ނުރައްކާތަކުން ރައްކާތެރިވުން.
- މޫދުގައި ދިމާވެދާނެ ނުރައްކާތެރި ހާދިސާތަކުން ރައްކާތެރިވުން.
- ފުރަތަމަ އެހީ ދިނުން.
- ގުދުރަތީ ކާރިސާތަކަށް ހޭލުންތެރިވެ ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް.
އާކުން ބުނީ ސޭފްޓީ ސްޓެޕްސް ކެމްޕެއިންގެ އެންމެ ބޮޑު އަމާޒަކީ ނުރައްކާތެރި ހާދިސާތަކުން ރައްކާތެރިވެތިބުމަށް އަޅަންޖެހޭ ފިޔަވަޅުތައް ކިޔައިދިނުމާއި ހާދިސާއެއް ހިނގުމުން އަޅަންޖެހޭ ފިޔަވަޅުތައް އިތުބާރާއެކު އަޅަން ދަސްކޮށްދީ އެކި ގޮތްގޮތަށް އެކުދިން ބާރުވެރިކުރުވުމެވެ. މި ކެމްޕެއިންގެ މުހިންމު މެސެޖުތައް ކުދިން ޝައުޤުވެރިވާނެގޮތަށް އެކުދިން ހަނދާން ހުންނާނެހެން އާދައިގެ އެހެންނަމަވެސް މުހިންމު ފިޔަވަޅުތައް ވީޑިއޯ ކްލިޕްސް އަދި ލީފްލެޓް މެދުވެރިކޮށް ފޯރުކޮށްދެވޭނެ ކަމަށްވެސް އާކުން ބުނެއެވެ. އެގޮތުން:
- ކުޑަކުދިން ޝަޢުޤުވެރިވާ އެކުދިންނަށް ފަސޭހައިން ދޭހަވާނޭގޮތަށް ރައްކާތެރިވެ ތިބުމަކީ ކޮބައިކަން ކިޔައިދިނުން.
- ގޭތެރޭގައި އުޅޭއިރު އާއި ގެއިން ބޭރުގައި އުޅޭއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ މުހިންމުކަމާއި ކުއްލި ހާލަތްތަކާއި ކުރިމަތިލާންވީގޮތް ބުނެދިނުން.
- ރައްކާތެރިކަން ހޯދުމަށް އެޅިދާނެ ފިޔަވަޅުތައް އަމަލީގޮތުން ކުދިންނަށް ކިޔައިދީ ހޭލުންތެރިކަން އިތުރުކުރުން.
- ގުދުރަތީ ކާރިސާތަކަށް ހޭލުންތެރިކުރުވައި ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކަށް ތައްޔާރުކުރުން.
އާކުން ބުނީ މި ހުރިހާ މަޢުލޫމާތެއް ހިމެނޭގޮތުން ސޭފްޓީ ސްޓެޕްސް ކެމްޕެއިނަށް ޚާއްޞަކޮށްގެން ވެބްސައިޓެއް ޤާއިމު ކުރުމަށްވެސް ހަމަޖެހިފައިވާ ކަމަށެވެ.
އާކްގެ އުންމީދަކީ މި ކެމްޕެއިންގެ ޒަރިއްޔާއިން ކުޑަކުދިންނަށް ކުރިމަތިވާ ނުރައްކާތެރި ހާދިސާތަކަކީ ކޮބައިކަން ދެނެގަނެ، ދިމާވެދާނެ ކުއްލި ނުރައްކާތަކާ ކުރިމަތިލުމުގެ ހިތްވަރާއި ހުށިޔާރުކަން އެކުދިންގެ ކިބައިގައި އަށަގަންނުވައި އެފަދަ ހާލަތްތަކުގައި އެޅިދާނެ ފިޔަވަޅުތަކަކީ ކޮބައިކަން ދަސްކޮށްދިނުމެވެ. އަދި އެފަދަ ކަންކަމާ އަމިއްލައަށް ކުރިމަތިލުމުގެ ޤާބިލުކަން ކުޑަކުދިންގެ ކިބައިގައި އަށަގަންނުވަން ބެލެނިވެރިންވެސް މަސައްކަތް ކުރައްވާނެކަމަށް އުންމީދުކުރާ ކަމަށްވެސް އާކުން ބުނެއެވެ.