ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބޭސްފަރުވާގެ ކަންކަން ބަލަހައްޓަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އިން ކަމަށް ފުލުހުން ބުނެފިއެވެ.
ރާއްޖެއެމްވީއިން ކުރި ސުވާލަކާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ ފުލުހުން ބަލަހައްޓަމުން ގެންދަނީ އަދީބުގެ ސަލާމަތީ ކަންކަން ކަމަށާއި، އެހެން ނަމަވެސް އަދީބުގެ ބޭސްފަރުވާގެ ކަންކަން ބަލަހައްޓަމުން ގެންދަނީ ކަރެކްޝަނުން ކަމަށެވެ.
އަދީބުގެ އާއިލާއިން އާދިއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ އަދީބު އަވަހާރަކޮށްލަން މަސައްކަތް ކުރަމުންދާކަމަށް މަޢުލޫމާތު ލިބިފައި ވަނިކޮށް އަދީބު އައިޖީއެމްއެޗަށް ގެނެސް އިންޖެކްޝަނެއް ޖެހުމަށް މަސައްކަތް ކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް އެކަމުގައި ޝައްކުތައް އުފެދޭތީ އާއިލާގެ ފަރާތުން ސޮއިކުރަން ދިން ލިޔުންތަކުގައި ސޮއި ކުރުމަށް އިއުތިރާޒު ކޮށްފައިވާނެ ކަމަށެވެ.
ލިޔުންތަކުގައި ސޮއިކުރުމަށް އިއުތިރާޒު ކުރުމުން އޭގެ ފަހުން އަދީބުގެ ބޭސްފަރުވާގެ ކަންކަން ހުއްޓާލާފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ދޫނިދޫގައި ބަންދުކޮށްފައިވާ އަދީބުގެ ބޭސްފަރުވާގެ ކަންކަން ބަލަހައްޓަމުންދަނީ ކަރެކްޝަނުން ކަމަށް ފުލުހުން ބުނި ނަމަވެސް، އެކަން ކަރެކްޝަނުން ދޮގުކުރެއެވެ.
ކަރެކްޝަނުގެ މީޑިއާ އޮފިޝަލް އަހުމަދު ލުގްމާން ވިދާޅުވީ އަދީބު ހުންނެވީ ކަރެކްޝަނުގެ ބެލުމުގެ ދަށުގައި ނޫން ކަމަށާއި، ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ. އެހެންކަމުން ކަރެކްޝަނުގެ ބެލުމުގެ ދަށުގައި ނެތް ފަރާތެއްގެ ބޭސްފަރުވާއަށް އެ ސަރވިސްއަށް ހުރަސްއެޅޭނެ ގޮތެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދީބުގެ ބޭސްފަރުވާއާ ގުޅޭގޮތުން ކަރެކްޝަނާއި ފުލުހުން ދައްކާ ވާހަކަ އެއްގޮތަކަށް ވެސް ދިމާނުވާއިރު، އަދީބުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު ވިދާޅުވީ ކަރެކްޝަނުން ހަދަނީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.
ސިރާޖު ވިދާޅުވީ އަދީބު ދޫނިދޫގައި ބަންދުކޮށްފައި ހުންނެވި ނަމަވެސް، ޑޮކްޓަރަށް ދެއްކުމުގެ ކަންތައްތައް ކުރިއަށް ގެންދަނީ ކަރެކްޝަނުން ކަމަށެވެ. އޭނާ ވިދާޅުވީ އެކިފަހަރު އެކި ގޮތަށް ވާހަކަ ދެއްކުމުގެ މަގުސަދަކީ އަދީބުގެ ބޭސްފަރުވާއަށް ހުރަސް އެޅުން ކަމަށެވެ.
ސިރާޖު ވިދާޅުވީ މަތިން އަންގައިގެން ކަމަށް ބުނެ އަދީބުގެ ބޭސްފަރުވާއަށް ހުރަސްއަޅަމުންދާއިރު، މިކަމުގައި ބައިވެރިވާ އެންމެހާ ފަރާތްތައް ފަރުދީ ގޮތުން ޒިންމާވާންޖެހޭނެ ދުވަހެއް އަންނާނެ ކަމަށެވެ.
އަދީބުގެ ސިއްޙީ ހާލުކޮޅު ދެރަވެ ފުރާނައަށް ގެއްލުން ވެދާނެ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އާއިލާ އާއި ވަކީލުން ދަނީ ބުނަމުންނެވެ. އަދީބުގެ އެތެރެހަށީގައި ސިސްޓް އުފެދިފައިވުމާއި ލޮލަށް ގްލޮކޮމާ ޖެހިފައިވުމާއި ކިޑްނީގައި ހިލަ އުފެދިފައިވާ ކަމަށް އާއިލާ އާއި ވަކީލުން ދަނީ ބުނަމުންނެވެ.
މެއި މަހުގެ ތެރޭގައި އެ މައްސަލަ އެޗްއާރްސީއެމަށް ވެސް ވަނީ ހުށަހަޅާފައެވެ.