ސަރުކާރުގެ ސޯޝަލް ހައުސިންގ ސްކީމުގެ ދަށުން ތިން ރަށެއްގައި ހައުސިންގ ޔުނިޓް އެޅުމަށް ޑިޒައިންކޮށް މަޝްރޫއު ކުރިއަށްގެންދާނެ ފަރާތެއް ހޯދަން އިއުލާނު ކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން ހައުސިންގ ޔުނިޓް އެޅުމަށް ހަމަޖެހިފައި ވަނީ، ޅ.ހިންނަވަރާއި ޅ. ނައިފަރުގެ އިތުރުން ސ. ފޭދު އެވެ. ކޮންމެ ރަށެއްގައި އެޅުމަށް ހަމަޖެހިފައި ވަނީ 100 ހައުސިންގ ޔުނިޓެވެ. ހައުސިންގ ޔުނިޓްތަކުގެ ޑިޒައިން ކުރުމާއި ބިލްޑް އަދި ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ތަރައްގީ ކުރުމަށް އެދޭ ފަރާތްތަކުން ކުރިމަތިލަން ޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.
ބީލަން ހުށަހެޅުމަށް ބިޑް ސެކިއުރިޓީގެ ގޮތުގައި ދެ ލައްކަ ފަންސާސް ހާސް ރުފިޔާ ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.
ބީލަމުގައި ބައިވެރިވުމަށް 1500ރ. ގެ ނޮން-ރިފަންޑަބަލް ފީ އެއް ދައްކަންޖެހެ އެވެ. ފައިސާ ބަލައިގަންނާނީ، މި އޮކްޓޫބަރު މަހުގެ 16 އިން ނޮވެންބަރު 21 ވަނަ ދުވަހުގެ ނިއަލަށެވެ. ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި ކޮންމެ މަސައްކަތަކަށް ވަކިން އެ އަދަދު ހުށަހަޅަންޖެހޭ އިރު ބިޑް ސެކިއުރިޓީ ހުށަހަޅަންޖެހޭނީ ބިޑް ހުޅުވާލާ ތާރީހުން ފެށިގެން 148 ދުވަހުތެރޭގައެވެ.
އިތުރު ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ތިން ރަށެއްގައި ފެށުމަށް މަސައްކަތް ފަށާފައިވާ އިރު ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު މިދިޔަ ހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ސިވިލް ސަރވިސް މުވައްޒަފުންނަށް ހާއްސަކޮށް 1000 ހައުސިންގ ޔުނިޓްގެ މަސައްކަތް ފެށުމަށް އިއުލާނުކޮށްފަ އެވެ. އަދި ކުރިއަށް އޮތްތަނުގައި އަތޮޅު ތެރޭގެ މުވައްފަޒުންނަށް ހާއްސަކޮށްގެން ވެސް މިފަދަ ސްކީމެއް އިއުލާނު ކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.