ރަޝިއާގެ ސްއިންޓް ޕީޓަސްބާރގްގައި މިހާރު ކުރިއަށްދާ އިންޓަރނޭޝަނަލް ޕާލަމެޓްރީ ޔޫނިއަން (އައިޕީޔޫ)ގެ 135 ވަނަ އެސެމްބްލީގެ ތެރެއިން ރަޝިއާގެ ރައީސް ވްލަޑްމިއާ ޕޫޓިންއާ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ބައްދަލު ކުރައްވައިފި އެވެ.
ޕޫޓިންއާއި މަސީހު ބައްދަލު ކުރައްވާ ސަލާމް ކުރައްވާ ފޮޓޯތަކެއް ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ހުސައިން މަނިކާއި އެބައްދަލުވުމަށް ވަޑައިގެންނެވި ސަރުކާރަށް ނިސްބަތްވާ މެމްބަރުން ވަނީ ޓްވީޓް ކުރައްވާފަ އެވެ.
ނަމަވެސް އެއީ ރަސްމީކޮށް އެ ދެ ބޭފުޅުން ބޭއްވި ބައްދަލުވުމެއް ނޫނެވެ. އެއީ އައިޕީޔޫގެ 137 ވަނަ އެސެމްބަލީ ފެށުގެ ރަސްމިއްޔާތަށް ޕޫޓިން ވަޑައިގެންނެވި ވަގުތު އެ ދެ ބޭފުޅުން ބައްދަލުވުމުން، ސަލާމް ކުރެއްވި ވަގުތު ނަންގަވާފައިވާ ފޮޓޯތަކެވެ.
އައިޕީޔޫގެ މި ބައްދަލުވުމަށް ރާއްޖެއިން ވަޑައިގަންނަވާފައިވަނީ މަސީހުގެ އިތުރުން ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ އިސް ބޭފުޅުންނެވެ.
އައިޕީޔޫގެ މިބައްދަލުވުން އޮކްޓޯބަރު މަހުގެ 14 އިން 18 އަށް ކުރިއަށްދާއިރު، މި އެސެމްބްލީގައި އައިޕީޔޫގެ ރައީސާއި ނާއިބު ރައީސް އިންތިހާބު ކުރެވިގެންދާނެ އެވެެ.
އައިޕީޔޫއަކީ ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ގާނޫނު ހަދާ މަޖިލިސްތައް ބައިވެރިވާ ބައިނަލް އަގްވާމީ އެންމެ މުހިއްމު އެއް ޖަމާއަތެވެ. އެޖަމާއަތުން ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތައް ބާރުވެރި ކުރުވުމާއި މޮނީޓަރު ކުރުމާއި އަދި ފަންނީ ބައެއް އެހީތައް ވެސް ބައެއް ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކަށް ފޯރުކޮށްދެމުން ދެއެވެ.
އައިޕީޔޫގެ މި ބައްދަލުވުމަށް މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން މަސީހު ވަޑަަގެންނެވި ނަމަވެސް މަޖިލީހުންގެ މެޖޯރިޓީއަށްވުރެ އިތުރު މެމްބަރުން ބުނަމުންދަނީ މަޖިލީހުގެ ރައީސަކީ މަސީހު ނޫން ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ 45 މެމްބަރު ސޮއިކުރައްވާ މަސީހު މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ހުންނަވަން ފެނިވަޑައިނުގަންނަވާ ކަމަށް ބުނެ، މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވަނީ މަޖިލީހަށް ހުށަހަޅާފަ އެވެ.
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅިފަހުން މަސީހު ވަނީ މަޖިލީހަށް ގިނަ އަދަދެއްގެ ސިފައިން ވައްދާ މަޖިލިސް "ހިސޯރު" ކޮށްފަ ކަމަށް އިދިކޮޅު މެމްބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ. އަދި މަޖިލީހުގެ ޖަލްސާތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދާކަންވެސް ވަނީ ފާހަގަ ކުރެވިފަ އެވެ.
މަޖިލީހުގެ ޖަލްސާކުރާ މާލަމުގައި "ކޮށިގަނޑެއް" ޖަހައިގެން މަސީހު ޖަލްސާތައް ބާއްވަމުންދާއިރު، އިދިކޮޅު މެމްބަރުން ވިދާޅުވަނީ މަސީހު އިންނަވައިގެން މިހާރު ބާއްވަމުން ގެންދާ ޖަލްސާތަކަކީ ސައްހަ ޖަލްސާތަކެއް ނޫން ކަމަށާއި އެ ޖަލްސާތަކުގައި ނިންމާފައިވާ ނިންމުންތައް ބާތިލް ކުރާނެ ކަމަށެވެ.