މިއަހަރުގެ ތިން ވަނަ ކުއާރޓާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި 167 މައްސަލަ ރަޖިސްޓްރީ ކޮށްފިއެވެ.
އޭސީސީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ނުވަ މަސް ދުވަހުގެ ތެރޭަގައި ޖުމްލަ 593 މައްސަލަ ވަނީ ރަޖިސްޓްރީ ކޮށްފައެވެ. މީގެ އިތުރުން 167 މައްސަލައަކީ މިއަހަރުގެ 3 ވަނަ ކުއަރޓާގައި ރަޖިސްޓްރީ ކޮށްފައިވާ މައްސަލަތައް ކަމަށް އޭސީސީން ބުންޏެވެ.
2016 ވަނަ އަހަރުގެ ތިންވަނަ ކުއަރޓާގެ ތެރޭގައި ރަޖިސްޓްރީ ކޮށްފައިވަނީ 259 މައްސަލައެވެ.
ކޮމިޝަނުގައި ރަޖިސްޓްރީކުރި މައްސަލަތަކުގެ ތެރެއިން ކޮމިޝަނުން ދިރާސާ ކުރުމަށްފަހު، 2017 ވަނަ އަހަރުގެ ތިންވަނަ ކުއަރޓާގައި ތަޙްޤީޤް ކުރުމަށް ނިންމީ 142 މައްސަލައެވެ. 206 ވަނަ އަހަރު އެމުއްދަތުގައި ތަޙްޤީޤް ކުރުމަށް ނިންމާފައިވަނީ 170 މައްސަލައެވެ.
އަދި ކޮމިޝަނަށް ހުށަހަޅާފައިވާ ޝަކުވާތަކުގެ ތެރެއިން ކޮމިޝަންގެ މެންޑޭޓަށް ނުފެތޭ މައްސަލަތައް ދަނީ އެމެންޑޭޓެއް އޮތް އިދާރާތަކަށް ފޮނުވަމުން ކަމަށް އެކޮމިޝަނުން ބުންޏެވެ.
މިގޮތުން މިއަހަރުގެ 3 ވަނަ ކުއާރޓާގެ ތެރޭގައި 11 މައްސަލައެއް ދައުލަތުގެ ކަމާއި ބެހޭ އިދާރާތަކަށް ފޮނުވާފައިވާއިރު 2016 ވަނަ އަހަރުގެ އެ މުއްދަތުގައި ކޮމިޝަނުން އެހެން އިދާރާތަކަށް ފޮނުވާފައިވަނީ 24 މައްސަލައެވެ.
އަދި ކޮމިޝަންގެ މެންޑޭޓަށް ނުފެތޭތީއާއި އެކަށީގެންވާ ވަރަށް މައުލޫމާތު ލިބިފައިނުވާތީ 28 މައްސަލަ މިއަހަރުގެ ތިންވަނަ ކުއަރޓާގައި ނުބަލާ ދޫކޮށްލާފައިވާއިރު، 2016 ވަނަ އަހަރުގެ އެމުއްދަތުގައި 18 މައްސަލަ ވަނީ ނުބަލާ ދޫކޮށްލާފައެވެ.