ރާއްޖެޓީވީގެ ހުރިހާ މުވައްޒަފުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް)ގެ ރައީސް މުހައްމަދު ޝަހީބުއަށް އިލްތިމާސްއެއް ދަންނަވައިފި އެވެ.
ރާއްޖެޓީވީ ހުރިހާ މުވައްޒަފުން ހިމެނޭގޮތަށް އާދިއްތަ ދުވަހުގެ އެކިއެކި ގަޑިތަކުގައި، ޝަހީބަށް އިލްތިމާސްގެ ފޯނު ކޯލެއް ކުރުމަށާއި މެސެޖެއް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ރާއްޖެޓީވީގެ މުވައްޒަފުން ޝަހީބަށް ކުރާ ފޯނުކޯލާއި މެސެޖްގައި ކުރާ އިލްތިމާސްގައި ވަނީ "ބްރޯޑްކާސްޓިންގ ކޮމިޝަނުން ގާނޫނާ ހިލާފަށް ބްރޯޑްކާސްޓަރުންނާމެދު ފިޔަވަޅު އެޅުން ހުއްޓާލައި، އިންސާފުވެރިކަމާއި ހަމަހަމަ ކަމާއެކު ޒިންމާ އަދާކުރެއްވުން އެދެން. ގާނޫނާ އެއްގޮތަށް މަސްއޫލިއްޔަތު އަދާނުކުރެވޭނަމަ އިސްތިއުފާ ދެއްވާ،" މިގޮތަށެވެ.
ރާއްޖެޓިވީގެ ހުރިހާ މުވައްޒަފުން ބްރޯޑްކޮމްއަށް ކުރާ އިލްތިމާސް އާދިއްތަ ދުވަހުގެ ހެނދުނު 08:00 އިން ފެށިގެން 20:00 އަށް ކުރިއަށްދާނެ އެވެ.
ރާއްޖެޓީވީގެ މުވައްޒަފުންގެ މިއިލްތިމާސް ބްރޯޑްކޮމްގެ ރައީސް ޝަހީބަށް ދެއްނެވުމަށް ނިންމާފައިވަނީ ބްރޯޑްކޮމްއިން ރާއްޖެޓީވީ ތިން ފަހަރެއްގެ މަތިން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމުންނާއި ބްރޯޑްކާސްޓަރުންގެ މެދުގައި ހަމަހަމަކަން ނުގެންގުޅޭތީ އެވެ. އަދި ރާއްޖެޓީވީ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރަމުންދާއިރު، އެކޮމިޝަނުގެ މުސްތަގިއްލު ކަމާމެދު ގިނަ ރައްޔިތުން ދަނީ ސުވާލު އުފައްދަމުންނެވެ.
ބްރޯޑްކޮމް ސަރުކާރުގެ ނުފޫޒުގެ ދަށުގައިވާކަމަށް ރައްޔިތުން ބުނަމުންދަނިކޮށް، އެކޮމިޝަނުގެ ބައެއް މެމްބަރުން ގެންދަވަނީ ސަރުކާރުން ހިންގާ ބައެއް ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ.
ބްރޯޑްކޮމް އިން އެންމެފަހުން ޖޫރިމަނާ ކުރީ މިދިއަ ހަފްތާގަ އެވެ. އެއީ 500،000ރ އިންނެވެ. މީގެކުރިން 1،000،000ރ އިންނާއި 200،000ރ އިން ވެސް ޖޫރިމަނާ ކޮށްފައިވެއެވެ.
ބްރޯޑްކޮމްއިން ރާއްޖެޓީވީ ޖޫރިމަނާ ކުރަމުންދާއިރު ރާއްޖެޓީވީއަކީ ދިވެހި ރައްޔިތުންގެ މެދުގައި އެންމެ މަގްބޫލު ޓީވީ ޗެނަލެވެ. އަދި ރާއްޖެޓީވީ ހިންގަމުން ދަނީ ވެސް އަމިއްލަ ވިޔަފާރިވެރިންގެ ސްޕޮންސަރތަކުންނާއި އާއްމު ރައްޔިތުންގެ އެހީތެރިކަމާއެކުގަ އެވެ.