ހއ.ދިއްދޫ ގެ 140 ފަރާތަކަށް ފްލެޓް ދޫކޮށްފައިވާ އިރު ފްލެޓް ލިބުނު ފަރާތްތަކުގެ ފައިނަލް ލިސްޓުގައި ބޮޑެތި މައްސަލަތަކެއް ހުރި ކަމަށް އެރަށު ކައުންސިލްގެ ރައީސް އަލީ ހާޝިމް ދީދީ ވިދާޅުވެއްޖެ އެވެ.
ހާޝިމް ވިދާޅުވީ، ބުރާސްފަތި ދުވަހު އިއުލާނު ކުރި ފައިނަލް ލިސްޓުގައި ފޯމު ނަންބަރު 19 އަށް ދެ ފްލެޓް ދޫކޮށްފައިވާ ކަމަށެވެ. އަދި ފައިނަލް ލިސްޓުގައި ދެމަފިރިންނަށް ވެސް ފްލެޓް ދީފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ހާޝިމް ވިދާޅުވީ، ހއ. ދިއްދޫގެ ވަގުތީ ލިސްޓު އިއުލާނު ކުރުމުން، ގިނަ އަދަދެއްގެ ޝަކުވާތައް ހައުސިންގ މިނިސްޓްރީއަށް ހުށަހެޅުނު ނަމަވެސް، ފައިނަލް ލިސްޓު އިއުލާނުކޮށްފައި ވަނީ އެއްވެސް ވަރަކަށް އެ ޝަކުވާތަކަށް ޖަވާބު ނުދީ ކަމަށެވެ. ގާތްގަނޑަކަށް ކައުންސިލް މެދުވެރިކޮށް 50 ޝަކުވާއެއް ހުށަހަޅާފައިވާ އިރު ހައުސިންގ މިނިސްޓްރީ މެދުވެރިކޮށް ވެސް ދިއްގޫގެ ރައްޔިތުން ޝަކުވާ ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް ޝަކުވާތަކަށް ޖަވާބުދީފައިނުވާ ކަމަށް ހާޝިމް ވިދާޅުވި އެވެ.
ސަރުކާރުގެ "ގެދޮރުވެރިކުރުން" ޕްރޮގްރާމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓްތަކުގެ ތެރެއިން ހއ. ދިއްދޫ ކެޓަގަރީ A އާއި ކެޓަގަރީ B ގެ ހައުސިންގ ޔުނިޓްތަކަށްޝަރުތު ހަމަވެ އެތަންތަން ލިބޭ ފަރާތްތަކުގެ ފޯމް ނަންބަރުތައް އެނގޭނެ ފައިނަލް ލިސްޓް އިއުލާނު ކޮށްފައިވާ އިރު އެ ލިސްޓުގައި ހިމެނޭ ފަރާތްތަކާއެކު އެގްރީމެންޓް ހެދުމުގެ ކުރިން، އެފަރާތެއްގެ އަދި އެފަރާތެއްގެ މައިންބަފައިންގެ އަދި އަނބިމީހާ ނުވަތަ ފިރިމީހާގެ ގޯތިގެދޮރާ ބެހޭ މައުލޫމާތު އިތުރަށް ބަލައި ޗެކްކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފައިވެ އެވެ. އަދި ދެމަފިރިން ހައުސިންގ ޔުނިޓަށް ހޮވިއްޖެނަމަ، ދެމަފިރިންނަށް ލިބޭނީ އެއް ހައުސިންގ ޔުނިޓް ކަމަށް ވެސް ގެޒެޓްކުރި އިއުލާނުގައި ހާމަކޮށްފައިވެ އެވެ.
މިކަމާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ސާފު ކުރުމަށް ހައުސިންގ މިނިސްޓަރަށް ގުޅުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާގޮތް ނުވެފަ އެވެ.