ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަވަހާރަ ކޮށްލަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވަނިކޮށް، އައިޖީއެމްއެޗަށް ގެނެސް ޝައްކު އުފެދޭ ފަދަ އިންޖެކްޝަނެއް ޖަހަން އުޅުނު ކަމަށް އަދީބުގެ އާއިލާއިން ބުނެފި އެވެ.
އަދީބުގެ އާއިލާއިން އާދިއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ އަދީބު އަވަހާރަކޮށްލަން މަސައްކަތް ކުރަމުންދާކަމަށް މަޢުލޫމާތު ލިބިފައި ވަނިކޮށް އަދީބު އައިޖީއެމްއެޗަށް ގެނެސް އިންޖެކްޝަނެއް ޖެހުމަށް މަސައްކަތް ކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް އެކަމުގައި ޝައްކުތައް އުފެދޭތީ އާއިލާގެ ފަރާތުން ސޮއިކުރަން ދިން ލިޔުންތަކުގައި ސޮއި ކުރުމަށް އިއުތިރާޒު ކޮށްފައިވާނެ ކަމަށެވެ.
ބަޔާނުގައި ބުނެފައިވާ ގޮތުގައި އެ އިންޖެކްޝަން ޖެހުމަށް މަސައްކަތް ކުރީ ސީޓީ ސްކޭންއެއް ހެދުމުގެ ނަމުގައެވެ. އެހެން ނަމަވެސް އެ ސީޓީ ސްކޭންއަކީ އަދީބްއަށް ކުރިމަތިވެފައިވާ ސިއްޙީ މައްސަލަތަކާ ގުޅޭ ސްކޭން އެއްވެސް ނޫން ކަމަށް ސްކޭން ޑޮކްޓަރު އެއްބަސްވެފައިވާ ކަމަށާއި ޑޮކްޓަރުން އަދީބަށް އަންގާފައި ވަނީ ކެންސަރ ސްކްރީނިންގ ހެދުމަށް ކަމަށް އާއިލާއިން ބުނެ އެވެ.
އަދީބު ކެންސަރ ސްކްރީން ކުރުމަށް އައިޖީއެމްއެޗްގެ ޔޫރޮލޮޖިސްޓް ޑރ. އަހުމަދު އަޝްރަފް އެންގެވީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. އަދީބުގެ ބަލި ހާލަތާ ގުޅޭ ގޮތުން އެޗްއާރްސީއެމަށް ހުށަހެޅި މައްސަލައިގައި ބަޔާން ދެއްވަމުން ވެސް ޑރ. އަހުމަދު އަޝްރަފް ވަނީ އެގޮތަށް އަންގާފައިވާނެ ކަމަށް ވިދާޅުވެފަ އެވެ.
އަދީބުގެ އާއިލާއިން ބުނީ ކެންސަރ ސްކްރީން ކުރަން އެންގި ތާރީޚުގެ ގާތްގަނޑަކަށް ދެއަހަރު ފަހުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ހެދުމަށް މަސައްކަތްކުރާ ސީޓީ ސްކޭނަކީ ކެންސަރ ސްކްރީން ކުރުމާ ގުޅުން ހުރި ސްކޭންއެއް ނޫން ކަމަށާއި އަދި ކެންސަރުގެ ކުޑަ އަލާމާތެއްވެސް ފާހަގަކުރެވޭނޭ ސްކޭނެއް ވެސް ނޫން ކަމަށެވެ.
ބަޔާނުގައި ބުނާ ގޮތުގައި ސީޓީ ސްކޭން ހެއްދުމަށްޓަކައި ޖަހަންޖެހޭ ކަމަށް ބުނާ އިންޖެކްޝަންއެއް ޖެހުމާމެދު އިޢުތިރާޟެއް ނެތް ކަމަށް ސޮއި ކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ގުޅާފައިވަނީ އަދީބްގެ އަނބިކަނބަލުން މަރްޔަމް ނަޝްވާއަށެވެ. އެލިޔުމުގައި ސޮއި ކުރުމަށް 30 މިނެޓް ތެރޭގައި ހޮސްޕިޓަލްއަށް އައުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވަނީ އަންގާފައެވެ.
އަދީބުގެ އާއިލާއިން ބުނީ ލިޔުމުގައި ސޮއި ނުކޮށްފިނަމަ އަދީބްގެ ސިއްޙީ ފަރުވާ އެހިސާބުން ހުއްޓާލަން ޖެހޭނެ ކަމަށް ކަރެކްޝަނުން އާއިލާއަށް އެންގި ކަމަށާއި އަދި ލިޔުމުގައި ސޮއިކުރެވޭނީ އެކަމާ ގުޅޭ މަޢުލޫމާތު ދިނުމުން ކަމަށް އާޢިލާގެ ފަރާތުން ބުނެ، ސްކޭން ހެއްދުމަށް އިރުޝާދު ދިން ޑޮކްޓަރާ ބައްދަލުކުރުމަށް އެދުމުން ކަރެކްޝަނުން އެކަން ހަމަޖައްސައިނުދިން ކަމަށެވެ.
މީގެ އިތުރުން ސީޓީ ސްކޭން ހަދަނީ ކޮންވަގުތަކުތޯއާއި، އިންޖެކްޝަން ޖަހާ ވަގުތު، އިޢުތިރާޒެއް ނެތްކަމުގެ ލިޔުމުގައި ސޮއިކުރާ މީހާގެ ޙައިސިއްޔަތުން އެތަނުގައި ހާޒިރުވެ ހުރެވޭނެތޯ ސުވާލު ކުރުމުން އެފުރުޞަތު ދެވެން ނެތް ކަމަށާއި، އަދި ސްކޭން ކުރާނީ ކޮން އިރަކުކަންވެސް ބުނެދެވެން ނެތް ކަމަށް ކަރެކްޝަނުން އަންގާފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
އޭގެ ހަފްތާއެއް ފަހުން، އަދީބުގެ އަނބިކަނބަލުން މަރްޔަމް ނަޝްވާއަށް ގުޅައި، ސީ.ޓީ ސްކޭން ހެދުމަށް އަދީބް އެއްބަސްވެފައިވާ ކަމަށާއި އެހެންކަމުން އިންޖެކްޝަން ޖެހުމަށް އިޢުތިރާޒު ނުކުރާކަމުގެ ލިޔުމުގައި ސޮއި ކުރުމަށް ކަރެކްޝަނުގެ ފަރާތުން އަންގާފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ. އެހެން ނަމަވެސް ސްކޭންއާ ގުޅޭ ގޮތުން ކަރެކްޝަނުން އަދީބާ އެއްވެސް ވާހަކައެއް ދައްކާފައިނުވާ ކަމަށް އާއިލާއަށް އަދީބުގެ ފަރާތުން އަންގާފައިވާ ކަމަށް ބުނެފައިވެއެވެ. އެހެންކަމުން، ކަރެކްޝަނުގެ ފަރާތުން އޮޅުވާލައިގެން އެ ލިޔުމުގައި ސޮއި ކުރުވުމަށް މަސައްކަތް ކޮށްފައިވާ ކަމަށް އާއިލާގެ ބަޔާނުގައި ބުނެފައިވެއެވެ.
އަދީބު އަވަހާރަ ކޮށްލަން މަސައްކަތްތަކެއް ކުރާކަމުގެ މަޢުލޫމާތު ލިބިފައި އޮއްވައި، ކަރެކްޝަނުގެ ފަރާތުން އަދީބުގެ ހަށިކޮޅަށް އިންޖެކްޝަންއެއް ޖެހުމަށް މަސައްކަތްކޮށް، އަދި އެކަމުގައި އާޢިލާއަށް ސައްޙަ މަޢުލޫމާތު ނުދީ، އާޢިލާގެ ފަރާތުން ލިޔުމުގައި ސޮއިކުރުމަށް ބާރު އެޅުމުގެ ގޮތުން ދޮގު މަޢުލޫމާތު ދީފައިވުމަކީ ކަރެކްޝަނުގެ ނިޔަތާމެދު ޝައްކު އުފެދޭ ކަމެއް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ އަދީބަށް ކުރިމަތިވެފައިވާ ޞިއްޙީ މައްސަލަތަކަށް ރާޢްޖެއިން ފަރުވާކުރެވެން ނެތްކަމަށް ކަރެކްޝަނާއި ފުލުހަށް ޑޮކްޓަރުން އަންގާފައިވާ ކަމަށެވެ. އަދި އެކަމާ ގުޅޭ ލިޔުންތައްވެސް އެ މުއައްސަސާތަކާ ހަވާލުކޮށްފައިވާ ކަމަށާއ އެހެންނަމަވެސް، އެ މައްސަލަ މެޑިކަލް ބޯޑަށް ހުށަހެޅުމުގެ ބަދަލުގައި ކަންކަން އޮޅުވާލަން މަސައްކަތްކުރަމުން ގެންދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ބުނެފައިވެއެވެ.
އަދީބުގެ ހަށިކޮޅަށް ގޮތް ނޭނގޭ އިންޖެކްޝަނެއް ޖެހުމަށް ކަރެކްޝަނުން މަސައްކަތް ކޮށްފައިވާތީ އާޢިލާގެ ފަރާތުން އެކަމަށް އިޢުތިރާޒު ކުރުމުން އޭގެ ފަހުން އަދީބްގެ ބޭސްފަރުވާގެ ކަންކަން ހުއްޓާލާފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ފަހަކަށް އައިސް ޖަލު ބަންދުގައި ތިބޭ މީހުން ’ވީނުވީއެއް ނޭނގި‘ ނުވަތަ ’ކުއްލި ގޮތަކަށް‘ މަރުވުން އާންމުވެފައިވާކަން ފާހަގަކޮށް ބަޔާނުގައި ބުނެފައިވަނީ މިފަދަ މަރުތަކާ ގުޅިގެން ތަޙްޤީޤެއް ވެސް ނުހިންގާ ކަމަށާއި މިފަދަ ކަންކަން ކުރިމަތިވަނީ ކަރެކްޝަނުގެ އިޙުމާލުން ކަމަށް ދެކޭ ކަމަށެވެ. އަދީބުގެ އާއިލާއިން ވަނީ ޤައިދީންގެ އިންސާނީ ޙައްޤުތަކަށް އިޙްތިރާމުކޮށް، ފުރާނައަށް ނުރައްކާވެދާނޭފަދަ ޙާލަތެއް ކުރިމަތިވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، ޤާނޫނާ ގަވާއިދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް އިލްތިމާސް ކޮށްފައެވެ.