ރައްޔިތުންނަކީ ބޭނުންހާ ގޮތެއް ހަދަންތިބި ޖަނަވާރުން ނޫންކަމަށާއި އެމީހުންގެ ޙައްޤުތަކެއް ދައުލަތުގެ ބޮލުގައި އެޅިފައިވާ ބައެއް ކަމަށް ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަދި ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ސީނިއަރ ޕްރޮޖެކްޓް ކޯޑިނޭޓަރ އަހުމަދު ތޮލާލް ވިދާޅުވެއްޖެއެވެ.
ޖަލުގައި ހުކުމެއް ތަންފީޒް ކުރަމުން ދަނިކޮށް ކަރެކްޝަންސްގެ އިހުމާލުން މަރުވިކަމަށް ތުހުމަތު ކުރެވޭ ޢަބްދުﷲ ރަޝީދުގެ މަރާ ގުޅޭގޮތުން ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ތޮލާލް ވިދާޅުވީ އޭނާ މަރުވެގެން ދިޔައީ ބަންދުގައި ތިބޭ މީހުން ބަލަހައްޓަން ތިބޭ މީހުންގެ އިހުމާލުން ކަމަށް އާއިލާއިންނާއި މީޑިޔާގެ ވާހަކަތަކުން އެނގޭ ކަމަށާއި އެފަދަ ގޮތަކަށް އޭނާ މަރުވެފައިވާކަމަށް ވާހަކަ ދެކެވޭއިރު ހިއުމަންރައިޓްސް ކޮމިޝަނުން އެކަން ބަލަން ޖެހޭނެ ކަމަށާއި ބަލާކަން ރައްޔިތުންނަށް އެނގެން ޖެހޭނެ ކަމަށެވެ.
ތޮލާލް ވިދާޅުވީ މިއަހަރު ތެރޭގައި ބަންދުގައި ހުއްޓާ ގާތްގަނޑަކަށް 10 ވަރަކަށް މީހުން މަރުވެފައިވާއިރު މިހާތަނަށް އެމީހުންނާ މެދު އެއްޗެއް ނުބުނުމާއި ޢަބްދުﷲ ރަޝީދުގެ މަރުގެ މައްސަލައިގާވެސް މިހާތަނަށް އެއްޗެއް ބުނެފައި ނުވުމުން ފެންނަންހުރި މަންޒަރުތަކުން މިކަން ސީރިއަސްކަމާއެކު ބަލާކަމަށް ޤަބޫލް ނުކުރެވޭ ކަމަށެވެ. އަދި ސީރިއަސްކޮށް ނުބަލާނަމަ އެޗްއާރސީއެމްގެ ޒިންމާ އަދާކުރާކަމަށް ޤަބޫލު ނުކުރެވޭނެ ކަމަށް ތޮލާލް ވިދާޅުވިއެވެ.
"އަޅުގަނޑަކަށް ނޭނގޭ ސީދާ ބަލައެކޭ ނުވަތަ ނުބަލައެކޭ. އަޅުގަނޑު މިދަންނަވަނީ މިއަހަރު ތެރޭގައިވެސް 10 ވަރަކަށް މީހުން މިގޮތައް މަރުވެފައިވާއިރު އެއިން އެއްވެސް ކަމަކާ ގުޅިގެން ދައުލަތުގެ އިހުމާލެއް އޮތޭ ނުވަތަ ނެތޭ ނުވަތަ މިމައްސަލަ ތަހުގީގް ކުރަމޭ ނުވަތަ ނޫނެކޭވެސް ނެތް ބުނެފައެއް. މިމައްސަލައިގަ މާޒީގަ ކަންކަން ހިނގާފައިވާ ގޮތައް ބަލާއިރު ޒިންމާ އަދާކުރެއެކޭ ނުވަތަ ސީރިއަސްކޮށް ނަގައެކޭ ނުދެންނެވޭނެ. ސީރިއަސްކޮށް ނަންގަވާކަމަށް ވާނަމަ އަބްދުﷲ ރަޝީދުގެ އާއިލާގެ ހައްގުގައިވެސް އެއްޗެއް ވިދާޅުވާނެ" ތޮލާލް ވިދާޅުވިއެވެ.
ތޮލާލް ވިދާޅުވީ ޖަލުގައި ހުންނަ މީހަކު މާލެ ގެންނައިރު އޭނާގެ އާއިލާއަށް އެނގެން ޖެހެނީ ކިހާ ހިސާބުން ކަމާއި އެމީހުންނަށް އެމީހަކާ ބައްދަލުވާނެ ގޮތެއް ނޭނގި ބިކަހާލުގައި އުޅެން ޖެހިގެން ނުވާނެ ކަމަށެވެ.
ތޮލާލް ވިދާޅުވީ ޖަލުން ގެންނަ މީހުންނާ ބައްދަލުވެވޭނޭ ގޮތާއި އެމީހުން ގާތު ތިބެވޭނެ ހާލަތަކީ ކޮބައިކަން އެއީ ބައެއްގެ ބަނޑުގައި އޮންނަން ޖެހޭނެ އުސޫލްތަކެއް ނޫން ކަމަށެވެ. އެކަންކަމަކީ ރައްޔިތުންނަށް އެނގޭނޭ ގޮތަށް އުސޫލުތައް ފެންނަން އޮންނަން ޖެހޭ ކަމެއް ކަމަށެވެ.
"ރައްޔިތުންނަކީ ބޭނުންހާ ގޮތެއް ހަދަން ތިބި ޖަނަވާރު ތަކެއް ނޫން. އެމީހެއްގެ އާއިލާއަށް އެނގިފައި އޮންނަން ޖެހޭނެ އުސޫލުތައް. ޤަވާއިދާ އުސޫލަކީ މީހުންގެ ބަނޑުތަކުގައި ހުންނަން ޖެހޭނެ އެއްޗެއް ނޫން. އާއިލާއަށް އެނގެން ޖެހޭނެ. އެކަންކަން ހޯދަން މީހުން ގާތު ސަލާންޖަހަން އުޅޭކަށް ނުޖެހޭނެ" ޢަބްދުﷲ ރަޝީދުގެ މަރުގެ ހާދިސާގައި ތުހުމަތު ކުރެވޭ ކަންކަމާ ގުޅޭގޮތުން ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކުރަމުން ތޮލާލް ވިދާޅުވިއެވެ.