ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުން މީހެއްގެ މައްޗަށް އުފުލި ޑައިމޯފިނުން މުއާމަލާތް ކުރުމުގެ ދައުވާ ސާބިތުވެ، ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވަނިކޮށް އެ ޙުކުމް ބާތިލްކޮށްދޭން ހައި ކޯޓުގައި އެދުމުން އެ ޙުކުމް ބާތިލްކޮށްފިއެވެ.
ރ.ރަސްމާދޫ ޒަމާނީ ކުލަ، އަބްދުލް ފައްތާހް ހުސެއިންގެ މައްޗަށް ދައުލަތުން އުފުލި ޑައިމޯފިނުން މުއާމަލާތް ކުރުމުގެ ދައުވާ ސާބިތުވެ، އޭނާ 15 އަހަރަށް ޖަލަށް ލުމަށާއި އަދި 25،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ޙުކުމް ކޮށްފައެވެ. އޭނާގެ މައްޗަށް އެ ކުށް ސާބިތުވެފައިވަނީ މަސްތުވާތަކެއްޗާއި ބެހޭ ގާނޫނުގެ 105 ވަނަ މާއްދާގެ (ހ)އާއި ހަވާލާދީ އެ މާއްދާގެ (ނ)ގެ ދަށުންނެވެ.
އޭނާގެ މައްޗަށް ދައުވާ ކުރީ 19 މާޗް 2013 ވަނަ ދުވަހުގެރޭ ލޯންޗެއްގައި އެނާ ހުއްޓާ ފުލުހުން ގޮސް ބަލާ ފާސްކުރިއިރު އޭނާގެ ފައި ކައިރިން 0.0195 ގްރާމްގެ ޑައިމޯފިން ފެނުން މައްސަލައިގައެވެ.
ނަމަވެސް އަބްދުލް ފައްތާހް ހުސެއިން މައްޗަށް ދައުލަތުން އުފުލި ދައުވާ ސާބިތުވުމުން ދައުލަތުން ހައި ކޯޓުގައި އެ ޙުކުމް ބާތިލް ކުރުމަށް އެދި ބުނެފައިވަނީ އޭނާގެ މައްޗަށް ކުރެވިފައިވަނީ ކުރަން ޖެހޭ ދައުވާ ނޫން ކަމަށެވެ. ހައި ކޯޓުން އެ މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައި ބުނެފައިވަނީ އެ މައްސަލާގައި ފެނިފައިވާ މަސްތުވާތަކެއްޗަކީ އަބްދުލް ފައްތާހްގެ ބޭނުން ކުރުމަށް ހޯދާފައިވާ އޭނާގެ ތަކެތި ކަމަށާއި އޭނާ އަކީ މަސްތުވުމަށް ހެރޮއިން ބޭނުން ކުރާ މީހެއް ކަމަށް އަމިއްލައަށް އިއުތިރާފުވުމުންވެސް ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުން އަމަލުކުރާ އުސޫލާ އެއްގޮތައް ދައުވާ ނުކުރެވިވާ ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުން އިއުތިރާފުވެފައިވާ ކަމަށެވެ.
އަދި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 137 ވަނަ މާއްދާގެ (ހ)ގައި މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއްގެ އަތުގައި ދެ ގްރާމަށްވުރެ މަދުން ޑައިމޯފިން ފެނިއްޖެނަމަ އެ އެއްޗެއް އެ ހުރީ އޭނާ ބޭނުން ކުރަން ހޯދާފައި ކަމަށް ބެލެވޭނެކަމަށް ބަޔާންކޮށްފައިވާކަން ހައި ކޯޓުގެ ޙުކުމުގައި ފާހަގަކޮށްފައިވެއެވެ. އަދި އަބްދުލް ފައްތާހްގެ އަތުން ފެނިފައިވާ ރަބަރު ޕެކެޓްގައި 0.0195 ގްރާމްގެ ޑައިމޯފިން ހުރި ކަމަށް އޭގެ ތަހްލީލް ރިޕޯޓުން އެނގޭތީ އެއީ އޭނާ ބޭނުން ކުރުމަށް ބަހައްޓާފައިވާ ތަކެތި ކަމަށް ބެލެވޭނެ ކަމަށްވެސް ހައި ކޯޓުން ފާހަގަކޮށްފައިވެއެވެ.
ހައި ކޯޓުން އެ ހުކުމް ބާތިލްކޮށް ކޮށްފައިވާ ޙުކުމުގައި އަނބުރާ އޭނާގެ މައްޗަށް ޑައިމޯފިން ބޭނުން ކުރުމުގެ ދައުވާ ކުރެވިދާނެ ކަމަށްވެސް ކަނޑައަޅާފައިވެއެވެ.