އަންނަ ރިޔާސީ އިންތިހާބުގެ ކުރިން ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މިނިވަންވެވަޑައިގަންނަ ވާނެ ކަމަށް ގަބޫލު ކުރައްވާ ކަމުގައި ކުރީގެ ރައީސް އަދި ފާރިސްގެ ބައްޕާފުޅު މައުމޫނު އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
މެލޭޝިޔާއަށް ހޮނިހިރު ދުވަހުގެ ރޭ ފުރާވަޑައިގެންނެވުމުގެ ކުރިން ރާއްޖެޓީވީއަށް ދެއްވި ހާއްސަ އިންޓިވިއުގައި ރައީސް މައުމޫނު ވިދާޅުވީ ފާރިސް ޖަލަށްލާފައި ހުރީ އެއްވެސް ކުށެއް ކޮށްގެން ނޫން ކަމަށެވެ. އަދި ޝަރުއީ ދާއިރާއިން އޭނާއަށް އިންސާފު ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
" އަޅުގަނޑަކީ އަބަދުވެސް ހެޔޮކަންތަކަށް އުއްމީދު ކުރާ މީހެއް. އެހެންވީމަ އިރާދަކުރެއްވިއްޔާ ވަރަށް ބޮޑު އުއްމީދެއް އެބަ އޮތް އޭނާ ސަލާމަތްވާނެ. އޭނާ އެ ހުރީ ކުށެއް ކޮށްފައެއްނޫން. އެނާގެ މައްޗަށް ކުށެއް ސާބިތުވާ ވަރުގެ އެއްވެސް ހެއްކެއްވެސް ނެތް،" މައުމޫނު ވިދާޅުވި އެވެ.
ފާރިސް މިނިވަން ވާނީ ޝަރުއީ ދާއިރާގެ ތެރެއިން ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
" ހަމަ މިހާރު ވެސް. އަދި 2018 ކޮބާ، އަދި މި އުޅެނީ 2017 ގައި ދެއްތޯ، ވަރަށް އަވަހަށް ނިމެނޭ ރަނގަޅަށް،" ރައީސް މައުމޫނު ވިދާޅުވި އެވެ.
މެލޭޝިޔާއަށް ރައީސް މައުމޫނު ކުރައްވާ މި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ހަފްތާއެއްގެ ތެރޭގައި އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ފާރިސް މިހާރު ހައްޔަރުކޮށްފައިވަނީ އޭނާގެ މައްޗަށް ތުހްމަތުކުރާ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާގެ ޝަރީއަތް ނިމެންދެނެވެ. އެ ޝަރީއަތުގެ އިތުރަށް ޝަހްސް އޮޅުވާލުމުގެ ދައުވާއެއްވެސް ކޮށްފައިވާއިރު އެ ދައުވާ ވެސް ކޯޓުގައި ކުރިއަށްދެ އެވެ.