މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އަށް އަމިއްލަ ކުންފުންޏަކުން ދައްކަންޖެހޭ 1.1 މިލިއަނެއްހާ ރުފިޔާ ނުދައްކައިފި ނަމަ ރަހުނުކޮށްފައިވާ ދޯންޏެއް ވިއްކާލައިގެން އެ ފައިސާ ހޯދުމުގެ ހައްގު މިފްކޯއަށް ހައި ކޯޓުން ދީފި އެވެ.
މި މައްސަލައަކީ މިފްކޯ އާއި ހިތްމަތް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ ދެމެދު 2009 ވަނަ އަހަރު ވެފައިވާ ކްރެޑިޓަށް މުދާ ދޫކުރުމާ ބެހޭ އެގްރީމެންޓުގެ ބައިތަކެއްގެ ގޮތުގައި ހިމެނޭ ގޮތަށް ދެފަރާތުގެ ދެމެދުގައި ފަހުން ވެފައިވާ އެއްބަސްވުންތަކުގެ ދަށުން މިފްކޯ އިން ހިތްމަތް އިންވެސްޓްމެންޓުން 2010 ވަނަ އަހަރުގެ މާޗް 9 ދުވަހުން ފެށިގެން 2010 ވަނަ އަހަރުގެ މާޗް އޭޕްރީލް 12 ވަނަ ދުވަހާ ދެމެދު ދޫކޮށްފައިވާ މުދަލުގެ އަގު ނުދައްކާ އޮތް ކަމަށް ބުނެ މިފްކޯއިން ދައުވާކުރި މައްސަލައެވެ.
މިފްކޯ އިން 490،380 (ހަތަރު ލައްކަ ނުވަދިހަ ހާސް ތިން ސަތޭކަ އައްޑިހަ) ރުފިޔާގެ މުދާ ދޫކޮށްފައިވާއިރު، އެ ފައިސާ ދައްކަންޖެހޭ މުއްދަތުގައި ދައްކާފައިނުވުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާގެ ގޮތުގައި 692،826 (ހަ ލައްކަ ނުވަދިހަ ދެ ހާސް އަށް ސަތޭކަ ސައްބީސް) ރުފިޔާއާ އެކު ޖުމްލަ 1،183،206 (އެއް މިލިއަން އެއްލައްކަ އައްޑިހަ ތިން ހާސް ދުއިސައްތަ ހަ) ރުފިޔާ ހޯދުމަށް މިފްކޯއިން ދައުވާކުރި އެވެ.
މި މައްސަލައިގައި ސިވިލް ކޯޓުން 2015 ވަނަ އަހަރު ހުކުމް ކޮށްފައި ވަނީ މުދަލުގެ އަގުގެ ގޮތުގައި ދައްކަންޖެހޭ 490،380 (ހަތަރު ލައްކަ ނުވަދިހަ ހާސް ތިން ސަތޭކަ އައްޑިހަ) ރުފިޔާ ދެއްކުމަށާއި އަދި އެ ފައިސާ ނުދައްކައިފިނަމަ، ރަހުނު ކޮށްފައިވާ "އާމިރާ" ނަމަކަށް ކިޔާ މުދާ އުފުލާ އުޅަނދު ވިއްކާލުމުގެ ހައްގު މިފްކޯއަށް ލިބިގެންވާ ކަމަށް ކަނޑައަޅާ ކަމަށެވެ.
އެހެން ނަމަވެސް، ޖޫރިމަނާގެ ގޮތުގައި މިފްކޯއިން ހޯދަން އެދުނު 692،826 (ހަ ލައްކަ ނުވަދިހަ ދެ ހާސް އަށް ސަތޭކަ ސައްބީސް) ރުފިޔާ، ހިތްމަތް އިންވެސްޓްމެންޓްގެ ނުރުހުމުގައި ނަގައިދޭނެ ތަނެއް ނެތް ކަމަށް ސިވިލް ކޯޓުން ކަނޑައެޅި އެވެ.
ޖޫރިމަނާ ނަގައިދޭނެ ތަނެއް ނެތް ކަމަށް ސިވިލް ކޯޓުން ކަނޑައެޅުމުން މިފްކޯއިން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރި އެވެ. އިސްތިއުނާފް މައްސަލަ ބެއްލެވި ހައިކޯޓު ފަނޑިޔާރުންގެ އިއްތިފާގުން ސިވިލް ކޯޓުގެ ހުކުމް ވަނީ ބާތިލް ކޮށްފަ އެވެ.
ހައިކޯޓުން ހުކުމް ކޮށްފައި ވަނީ ހިތްމަތް އިންވެސްޓްމެންޓުގެ ބަހުންނާއި ހުށަހެޅިފައިވާ ލިޔުންތަކުން، އެ ފައިސާއަކީ މިފްކޯއަށް ދައްކަންޖެހޭ ފައިސާ ކަމަށް ސާބިތުވާތީ، އަރާފައިވާ ޖޫރިމަނާއާ އެކު ހަ މަސް ދުވަހުގެ ތެރޭގައި ފައިސާ ދައްކާ ޚަލާސް ކުރުމަށެވެ. އަދި އެ ފައިސާ ދައްކާ ޚަލާސްނުކުރެވިއްޖެ ނަމަ، ހަމަސް ދުވަސް ވުމުން، ދެކުންފުނީގެ ދެމެދުގައި ހިންގާފައިވާ މުއާމަލާތުގައި ރަހުނުކުރި "އާމިރާ" ނަމަކަށް ކިޔާ އުޅަނދު ވިއްކާލުމުގެ ވެސް މިފްކޯއަށް ލިބިގެންވާ ކަމަށް ވެސް ވަނީ ކަނޑައަޅާފަ އެވެ.
ހިތްމަތް އިންވެސްޓްމެންޓްގެ ފަރާތުން ކޯޓުގައި ބުނަމުން ދިޔައީ ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހިފައިވާ ފައިސާއށް ލުޔެއްދީ، އެ ފައިސާއަކީ ދައްކަންޖެހޭ ފައިސާއެއް ނޫން ކަމަށް މިފްކޯއިން އެއްބަސްވެފައިވާ ކަމަށެވެ.