ވެރިކަން ބަދަލުކުރެވޭނީ މަޖިލިސް ތެރެއިން އެކަނި ނޫންކަމަށާއި، ރައްޔިތުންނަށް އަނިޔާވެރިވާ ވެރިޔަކު ޤައުމުގެ ވެރިކަމުގައި ހުރެއްޖެނަމަ، އެޤައުމެއްގެ ވެރިކަން ބަދަލުކުރުމުގެ ހުރިހާ ބާރެއް އޮންނާނީ ރައްޔިތުންގެ އަތްމަތީގައިކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީ ހިތަދޫގައި ގުޅިފައިވާ ޕާޓީތަކުން ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަމިތު ވިދާޅުވީ، ވެރިކަން ބަދަލުކުރެވޭނީ މަޖިލިސްތެރެއިން އެކަނި ނޫންކަމަށާއި، ރައްޔިތުންނަށް ޚިދުމަތް ނުކުރާ ވެރިޔަކު ވެރިކަމުގައި ހުރެއްޖެނަމަ، ރައްޔިތުންނަށް އަނިޔާވެރިޔާ ވެރިޔަކު ވެރިކަމުގައި ހުރެއްޖެނަމަ އަދި އިންސާފަށް ލޯބިނުކުރާ ވެރިޔަކު ހުރެއްޖެނަމަ، ދެން އެޤައުމެއްގެ ވެރިކަން ބަދަލުކުރުމުގެ ހުރިހާ ބާރެއް އޮންނާނީ ރައްޔިތުންގެ އަތްމަތީގައިކަމަށެވެ. އަމީތު ވިދާޅުވީ އޭގެ ހަޤީގަތް ދުނިޔޭގެ ޤައުމުތަކުން ފެނިގެން ހިނގައްޖެކަމަށެވެ. އޭގެ މިސާލެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ އަރަބި ޤައުމުތަކުގެ ހުދުމުޚުތާރު ވެރިންގެ ވެރިކަންތައް ރައްޔިތުން ނިކުމެ ބަދަލުކުރެއްވި ގޮތެވެ. އަމީތު ވިދާޅުވީ އެޤައުމުގައި ކަން ހިނގައިގެން ދިޔަ ގޮތުން އަޅުގަނޑުމެން އިބުރަތް ލިބިގަންނަން ޖެހޭ ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުން މިވެރިކަން ބަދަލުކުރަންދެން ދެމި ތިބެއްޖެނަމަ ފަހަރުގައި ވަގުތު ފާއިތުވުމަކީ އެކަށީގެންވާކަމެއް. ރައްޔިތުންގެ މަޖިލީހުގެ ތެރެއަށް ނުގޮސް އަޅުގަނޑުމެންނަށް ވެރިކަން ބަދަލުކުރެވޭނެ އިނގޭތޯ. ރައްޔިތުންގެ އަތް މަތީގައި އެބާރު އެބައޮތް. އަޅުގަނޑުމެންގެ ރައްޔިތުން ނިކުމެ މިއަދު ވެރިކަން ބަދަލުކުރަންވީ ވަގުތު އަތުވެއްޖެއޭ އިނގޭތޯ،" އަމިތު ވިދާޅުވިއެވެ.
އައްޑޫއިން ސަރުކާރަށް ވޯޓެއް ނުލިބިގެން އުޅެނީ ޓަރޝަރީ ހޮސްޕިޓަލް އަޅަން ބުނެ އެކަން ނުކުރުމާއި، 4 އަހަރު ވެގެން ދިޔައިރުވެސް ފެނުގެ ނިޒާމުގެ މަސައްކަތް ނުކުރެވިގެންކަމަށް އަމީތު ވިދާޅުވިއެވެ. އަމީތު ވިދާޅުވީ ޕީޕިއެމް ވެރިކަމަށް އައިއިރު ފެނުމުގެ ނިޒާމުގެ މަސައްކަތުގެ ބޮޑު ބައެއްވެސް ނިމިފައިވީނަމަވެސް، ބާކީހުރި މަސައްކަތް ނިންމުމަށް މިސަރުކާރު ނުކުޅެދިފައިވާކަމީ އައްޑޫއިން ސަރުކާރަށް ވޯޓު ނުލިބޭ އެއް ސަބަބުކަމަށެވެ.
މީގެ އިތުރުން މިޖަލްސާގައި ވާހަކަ ދައްކަވަމުން އަމީތު ވިދާޅުވީ މިޤައުމަށް އަންނަ ކޮންމެ ބަދަލެއްގައި އައްޑޫ މުހިއްމުވެގެންދާކަމަށެވެ. އަމީތު ވިދާޅުވީ މިޤައުމަށް އަންނަން ޖެހޭ ކޮންމެ ބަދަލެއް ފެށިގެން އަންނަން ޖެހެނީ އައްޑޫގެ ފަސްގަނޑުންކަމަށެވެ.
"ރައީސް ނަޝީދު ޑިމޮކްރެސީ ގެންނެވުމަށްޓަކައި ފެއްޓެވި މަސައްކަތުގެ ތެރެއިން އޭރުގައި އެމްޑީޕީ އުފަންވެގެން އަދި އޭރުގައި ހިނގި ސިޔާސީ ހަރަކާތްތަކުގެ މުގުލުގައި އައްޑޫއަށް ނިސްބަތްވާ އައްޑޫގެ ވަރަށް ގިނަ ދަރިންތަކެއް ތިއްބެވި. އެހެންވީމައި ހަޤީގަތުގައި އޭގެ ފަހުގައި ޑިމޮކްރެޓިކް ވެރިކަމަށް މިރާއްޖެއަށް އައިސް އެވެރިކަމުގެ ތެރޭގައިވެސް އައްޑޫއަށް ނިސްބަތްވާ ވަރަށް އަގުހުރި ދަރިންތަކެއް ތިއްބެވިކަން މިއީ އަޅުގަނޑުމެން ފާހަގަކޮށްލަން ޖެހޭ ކަމެއް. އެސަބަބަށްޓަކައި، ހަޤީގަތުގައި އަބަދުވެސް މިޤައުމަށް އަންނަން ޖެހޭ ކޮންމެ ބަދަލެއްގައި އައްޑޫ އެބަ މުހިއްމު ވެގެންދޭ. މިޤައުމަށް އަންނަން ޖެހޭ ކޮންމެ ބަދަލެއް ފެށިގެން އަންނަ މިޖެހެނީ އައްޑޫގެ މިފަސްގަނޑުން"، އަމީތު ވިދާޅުވިއެވެ.