ރައްޔިތުން މިއަދު ތިބީ ކޮންމެވެސް ވަރަކަށް ބިރުގަނެ، ޖެހިލުންވެފައި ކަމަށާ، ނަމަވެސް ރައްޔިތުން އަބަދު އެހެން ނުތިބޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލްއުސްތާޒް އަލީ ޙުސައިން ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ޕާޓީތަކުން ހުކުރު ދުވަހުގެރޭ އައްޑޫ ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަލީ ޙުސައިން ވިދާޅުވީ، ފިތުރަތުގެ ޤާނޫނަކީ ބަދަލުވުން ކަމަށާ، ބިރު، ރުޅިއަށް ބަދަލުވެގެން ދާނެ ކަމަށެވެ.
"ރައްޔިތުން މިތިބީ ކޮންމެސް ވަރަކަށް ބިރުގަނެފަ. ޖެހިލުންވެފަ. އެހެންނަމަވެސް މިހެންނަކުން އަބަދަކު ނުތިބޭނެ. ޠަބައީ ޤާނޫނަކީ، ފިޠުރަތުގެ ޤާނޫނަކީ، ބަދަލުވުން. އެއް ގޮތަކުން، އެއް ހަރުފަތަކުން، އަނެއް ހަރުފަތަކަށް ބަދަލުވުން. ބިރާ، ރުޅިއާ، މީ ހަޤީޤަތުގަ އެއް ބަދަލު، އެއް ހަރުގަނޑެއްގަވާ ދެ ހަރުފަތްގަނޑު. ބިރުގަނެފަ އަޅުގަނޑުމެން ތިބޭނީ ވަކި ދުވަހެއް ވަންދެން. އެހެން ނަމަވެސް އުއްމީދުގެ ޒަރިއްޔާއިން، އަޅުގަނޑުމެންނަށް މި ބަދަލު ގެނެވޭނެކަން، އަޅުގަނޑުމެންނަށް ޔަޤީންވާ ދުވަހުން، ނުވަތަ އަޅުގަނޑުމެންނަށް ޔަޤީންވަމުންދާ މިންވަރަކުން، އެ ބިރު ބަދަލުވެގެން ދާނީ ހަމަ ސީދާ ރުޅިވެރިކަމަށް. އެ ރުޅިވެރިކަމަކީ އަޅުގަނޑުމެން، ޒާތީގޮތުން، ޒާތީ ތަޢައްސުބެއް އޮވެގެން، އަނިޔާވެރިކަމަށްޓަކާ އަޅުގަނޑުމެން އަންނަ ރުޅިއެއް ނޫން. އެއީ މި ޤައުމަށް އިންސާފު ހޯދައިދިނުމަށްޓަކާ އަޅުގަނޑުމެން އަންނަން ޖެހޭ ރުޅި. އެ ރުޅި އަންނަންޖެހެނީ މި ޤައުމުގަ އިންސާފު ޤާއިމްވެފަ ނެތީމަ. އެ ރުޅި އަންނަން ޖެހެނީ މި ޤައުމުގަ އަނިޔާވެރިކަން އާންމުވެފަ އޮތީމަ"، އަލީ ޙުސައިން ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އެ މަޖިލީހުގައި މިހާރު ކަންކަން ހިނގަމުންދާ ގޮތާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަލީ ޙުސައިން ވިދާޅުވީ، މަޖިލީހުގައި ހުރި ފާރު މަތިން އަރަން ޖެހުމުން އެކަންވެސް ކުރަން މެންބަރުން ތައްޔާރަށް ތިބި ކަމަށާ، މަޑުން ތިބެނީ އެކަން އެގޮތަށް ނުކުރެވިގެން ނޫން ކަމަށެވެ.
އަލީ ޙުސައިން ވިދާޅުވީ، ރައްޔިތުންގެ ޙައްޤުގައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމަށް މެންބަރުން ތައްޔާރަށް ތިބި ކަމަށެވެ. އަލީ ޙުސައިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނަށް އުއްމީދަކީ ކޯއްޗެއްކަން އެނގިނުލައްވާ ކަމަށެވެ.
ހުކުރު ދުވަހުގެރޭގެ ޖަލްސާގައި އަލީ ޙުސައިން ވަނީ ރައީސް ޔާމީން ފެއިލްވެވަޑައިގެންފައިވާ ކަމަށް ވިދާޅުވެ، އެމަނިކުފާނު އިސްތިޢުފާ ދެއްވުމަށް ގޮވާލައްވާފައެވެ.