ބްރޯޑްކާސްޓަރުންނާއި މެދު ޤާނޫނާ ޚިލާފަށް ފިޔަވަޅު އަޅަމުންދާތީ، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބުގެ މައްޗަށް ދައުވާ ކުރަން ރާއްޖެ ޓީވީން ނިންމައިފިއެވެ.
ހުކުރު ދުވަހުގެ ރޭ ރާއްޖެ ޓީވީގެ "ފަސްދޮޅަސް މިނެޓް"ގައި ރާއްޖެ ޓީވީގެ ޗީފް އޮޕަރޭޓިން އޮފިސަރު ހުސައިން ފިޔާޒު މޫސާ ވިދާޅުވީ، ބްރޯޑްކާސްޓިން ކޮމިޝަނުން ފިޔަވަޅު އަޅަމުންދަނީ ގާނޫނު އަސާސީ އާއި އަބުރުގެ ޤާނޫނާ ޚިލާފަށް ކަމަށާއި، ފިޔަވަޅު އެޅުމުގައި ވެސް ހަމަހަމަކަމެއް ނެތް ކަމަށެވެ.
އަބުރުގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ޤަވާއިދުތަކާއި އުސޫލްތައް ނުހަދައި، ބްރޯޑްކާސްޓަރުންނާއިމެދު ފިޔަވަޅު އަޅައި ބޮޑެތި ޖޫރިމަނާކުރަމުން ނުގެންދެވޭނެ ކަމަށް ފިޔާޒު ވިދާޅުވިއެވެ.
އަބުރުގެ ޤާނޫނުގެ ދަށުން މައްސަލަ ތަޙުޤީޤުކުރުމުގެ އުސޫލްތައް އާންމުކުރަންޖެހޭ ކަމަށާއި ނަމަވެސް އެފަދަ އުސޫލެއް ކަނޑައަޅާފައި ނެތްކަމަށް ފިޔާޒު ވިދާޅުވިއެވެ. އަދި މައްސަލަ ނުވަތަ ޝަކުވާ ހުށަހަޅާ ފަރާތް ބްރޯޑްކާސްޓިން ކޮމިޝަނުން ހާމަނުކުރާތީ، މައްސަލަ ހުށަހަޅަނީ ކަނޑައަޅާފައިވާ ޤާނޫނީ ހަމަތަކާ އެއްގޮތަށް ކަމެއް އެއްވެސް ބްރޯޑްކާސްޓަރަކަށް ނޭނގޭ ކަމަށްވެސް ފިޔާޒު ވިދާޅުވިއެވެ.
"ގާނޫނުއަސާސީ އާއި ޤާނޫނާ ހިލާފަށް ފިޔަވަޅު އަޅަމުންދިޔުމަކީ މަގާމުގެ ހައިސިއްޔަތު ޝަހީބު ޒިންމާވާންޖެހޭ ކަމެއް. ހުރިހާ ނިންމުތަކެއްގައި ސޮއި ކުރައްވާފައި ވަނީ ޝަހީބު. މި މައްސަލަ ވަރަށް އަވަހަށް މަދަނީ ކޯޓަށް ހުށަހެޅުމަށްޓަކައި ޤާނޫނީ ވަކީލުންނާ މިދަނީ މަޝްވަރާކުރަމުން،" ފިޔާޒު ވިދާޅުވިއެވެ.
މައްސަލަ ބަލައި ފިޔަވަޅު އެޅުމުގައި ހަމަހަމަކަމެއް ނެތްކަން ފާހަގަ ކުރައްވައި ފިޔާޒު ވިދާޅުވީ، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާ ގުޅޭ ގޮތުން އިނގުރައިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ފަލާހު ދެއްކެވި ވާހަކަ ބްރޯޑްކާސްޓްކުރި މައްސަލައިގައި އަބުރުގެ ގާނޫނުގެ ދަށުން ޓީވީއެމް ޖޫރިމަނާކުރިއިރު، އެ ކޮންޓެންޓް ދައްކައިގެން ޗެނަލް 13 ޖޫރިމަނާކޮށްފައި ނުވާ ކަމަށެވެ.
އަބުރުގެ ޤާނޫނުގެ ދަށުން ތިން މައްސަލައެއްގައި ރާއްޖެ ޓީވީ ކޮށްފައިވާ ޖޫރިމަނާގެ އަދަދު 1.7 ރުފިޔާއަށް އަރައެވެ. އެންމެ ފަހުން ރާއްޖެ ޓީވީ ޖޫރިމަނާކުރީ ތިމަރަފުށީ ދާއިރާގެ މެމްބަރު މުޙައްމަދު މުސްތަފާ، ރާއްޖެ ޓީވީގެ މިރައީސް ޕްރޮގްރާމްގައި ރައީސް ޔާމީނަށް ފާޑުވިދާޅުވެ ދެއްކެވި ވާހަކަފުޅަކާއި ގުޅިގެންނެވެ.
އެ ޕްރޮގްރާމްގައި މުސްތަފާ ދެއްކެވި ވާހަކަފުޅަކީ ޤައުމީ ސަލާމަތަށް ނުރައްކާވާ ކޮންޓެންޓެއް ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ކަނޑައެޅިއިރު، އެ މައްސަލަ ޕޮލިހުން ވެސް އަދި އެމްއެންޑީއެފުން ވެސް ބަލާފައެއް ނެތެވެ.
ފިޔާޒު ވިދާޅުވި ގޮތުގައި ޤައުމީ ސަލާމަތަށް ނުރައްކާވާ ކަންކަން ކަނޑައަޅާނެ ގައިޑްލައިނެއް ބްރޯޑްކާސްޓިން ކޮމިޝަނުން ކަނޑައަޅާފައި ނެތެވެ. އަދި ޤައުމީ ސަލާމަތަށް ނުރައްކާތެރިވާ ކަމަށް ބުނެ މައްސަލަ ތަޙުޤީޤުކުރާއިރު، އެ ވާހަކަ ދެއްކި މީހާއާމެދު ފިޔަވަޅު ނާޅައި، ބްރޯޑްކާސްޓަރާމެދު ފިޔަވަޅު އެޅުމަކީ އިންސާފުން ބޭރު އުސޫލެއް ކަމަށްވެސް ފިޔާޒު ވިދާޅުވިއެވެ.