ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ކޮށްފައިވާ ކުރީގެ ރައީސް އަދި އިދިކޮޅު އެމްޑީޕީގެ އިންތިޚާބީ ރައީސް މުޙައްމަދު ނަޝީދު އަވަށްޓެރި ސްރީލަންކާއަށް އަނެއްކާ ވެސް ވަޑައިގެންފި އެވެ.
ރައީސް ނަޝީދު ލަންކާއަށް ވަޑައިގެންނެވީ ހުކުރު ދުވަހުގެ ހެނދުނެވެ.
President Nasheed arrived in Colombo today. pic.twitter.com/qnVxxg8VJI
— Hamid Abdul Ghafoor (@HamidhAG) October 13, 2017
ސްރީލަންކާ އިން އެމަނިކުފާނަށް މަރުހަބާ ދެންނެވީ، އެމްޑީޕީ ސަރުކާރުގެ ފޮރިން މިނިސްޓަރު އަޙުމަދު ނަޞީމް އާއި އެމްޑީޕީގެ އިންޓަނޭޝަނަލް ސްޕޯކްސްޕާސަން ޙާމިދު ޢަބްދުލްޣަފޫރްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަޙްލޫފް އެވެ. ރައީސް ނަޝީދުގެ މި ދަތުރުފުޅުގެ ތަފްޞީލް އެމްޑީޕީން އަދި ހާމަކޮށްފައެއްނުވެ އެވެ.
މި ދަތުރުފުޅުގައި ވެސް ރާއްޖޭގެ ސިޔާސީ ފަރާތްތަކާއި، ލަންކާގައި ތިއްބަވާ ބޭރު ޤައުމުތަކުގެ ޑިޕްލޮމޭޓުންނާއި ބައްދަލު ކުރައްވާނެ ކަމަށް ބެލެވެއެވެ. އެމަނިކުފާނު ލަންކާއަށް ވަޑައިގަތުމުން ގިނަ އަދަދެއްގެ ދިވެހިންނަށް އެމަނިކުފާނާއި ބައްދަލު ކުރުމުގެ ފުރުސަތު ލިބިގެންދެ އެވެ. އަދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންނާ އެކު ވެސް ބައްދަލުވުންތައް ކުރިއަށްދެ އެވެ.
އެންމެ ފަހުން މިއަހަރުގެ ޖުލައިމަހުގެ ތެރޭގައި ލަންކާއަށް ވަޑައިގެން ރައީސް ނަޝީދު ވަނީ އެޤައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންޚަ އާއި ބައްދަލު ކުރައްވާފައެވެ.
އެބައްދަލުވުމުގައި ރާއްޖޭގެ ސިޔާސީ މަޝްރަޙާ ގުޅޭ މައުލޫމާތު ލަންކާގެ ބޮޑުވަޒީރަށް އޮޅުން ފިލުވައި ދެއްވި ކަމަށާއި، ސަރުކާރުން ރާއްޖޭގެ ރައްޔިތުންގެ މަޖިލީސް ހިސޯރުކޮށް ޝަރުއީ ދާއިރާއަށް ނުފޫޒް ފޯރުވުމަށް ކުރަމުންދާ މަސައްކަތާ ބެހޭ މައުލޫމާތު ހިއްސާ ކުރެއްވި ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ.
ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް، ބޭސްފަރުވާ އަށް އިނގިރޭސިވިލާތަށް ވަޑައިގެންނެވި ފަހުން ރައީސް ނަޝީދު ވަނީ ތަފާތު އެކި ފަހަރު މަތިން ލަންކާ އަށް ވަޑައިގެންފައެވެ.