ރަހިމުގެ ގުޅުން ބަދަހި ކުރުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.
"މައިންބަފައިންނާއި ގާތްތިމާގެ މީހުންނަށް ހެޔޮކޮށް ހިތުން" މި މައުޟޫއަށް މިއަދު އަލިއަޅުވާލި ހުކުރު ޚުތުބާގައި ބުނެފައިވަނީ މައިންބަފައިންނަށާއި ގާތްތިމާގެ މީހުންނަށް އިހުސާންތެރިވުމަށާއި އެމީހުންނަކީ ހެޔޮކަންތައް ކުރުމަށް އެންމެ އައުލާކަން ބޮޑު މީހުން ކަމަށެވެ.
މައިން ބަފައިންނާއި ގާތްތިމާގެ މީހުންނަށް ހެޔޮކޮށްހިތަންވީ އެފަރާތްތަކަކީ ﷲ ގެ ސަވާބާއި އެކަލާނގެ ރުހިވޮޑިގަތުން ލިބިގަތުމަށް އޮތް ވަސީލަތްކަމަށްވާތީއާއި ރިޒުގު ތަނަވަސްކޮށްދެއްވައި، އުމުރު ދިގުކުރައްވައި، ސާލިހު އަމަލުކުރުމުގައި ދަމަހައްޓަވައި ދެއްވުމުގެ ވަސީލަތްކަމަށް ވާތީ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
"މާތްﷲ ވަހީކުރައްވާފައިވެއެވެ. ތިމާގެ ރިޒުގު ތަނަވަސް ވުމަށާއި ތިމާގެ އުމުރު ދިގުކުރެއްވުމަށް އެދޭ މީހާ، ފަހެ އޭނާ އޭނާގެ ގާތްތިމާގެކަމުގެ ގުޅުން ދަމަހައްޓާހުށިކަމެވެ." ޚުތުބާގައިވެއެވެ.
ގާތްތިމާގެކަމުގެ ގުޅުމުގައި ހިމެނޭ އެންމެ މާތް ގުޅުމަކީ މައިންބަފައިންނާއި ދަރިންނާއި ދޭތެރޭ އޮންނަންޖެހޭ އެންމެ މާތް ގުޅުން ކަމަށާއި މި ގުޅުމުގެ މުހިއްމުކަމުން މާތްﷲ ވަނީ އެކަލާނގެއަށް އަޅުކަން ކުރެއްވުމަށް އަމުރު ކުރެއްވުމަށްފަހު މައިންބަފައިންނަށް ހެޔޮކޮށްހިތުމަށް އަމުރުކުރައްވާފައި ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
މީގެ އިތުރުން ޚުތުބާގައި ބުނެފައިވަނީ ގާތްތިމާގެ ގުޅުމަކީ ވަރަށް މާތް ގުޅުމެއްކަމަށާއި އެ ގުޅުން ބަދަހިކޮށް ދެމެހެއްޓުމުން އާއިލާތަށް ބަދަހިވެ ގައުމުގެ އަމަން އަމާންކަން ގާއިމުވެގެންދާކަމަށެވެ. އަދި އެކަމުގެ ސަބަބުން އެކަކު އަނެކަކަށް، އެއްބަޔަކު އަނެއްބަޔަކަށް އޯގާވެރިވެ ހަމްދަރުދީގެ މާތްސިފަ ފެތުރިގެންދާނެކަމަށްވެސް މިއަދުގެ ހުކުރުޚުތުބާގައި ވަނީ ބުނެފައެވެ.