ރާއްޖެޓީވީ ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމުން "އަބުރުފުޅު ފަންޑު"ގެ ނަމުގައި މި ހަފްތާގެ އަންގާރަ ދުވަހު ހުޅުވި ފަންޑަށް އެހީވުމަށް އައްޑޫ ސިޓީގައި ފަންޑު ފޮއްޓެއް ބަހެއްގުމަށް ނިންމައިފިއެވެ.
އައްޑު ސިޓީގައި ބަހައްޓާ އަބުރުފުޅު ފަންޑު ފޮށި ބެހެއްޓުމަށް ނިންމާފައި ވަނީ ހުކުރު ދުވަހު ހަވީރު 3:30 ގައި ހިތަދޫ ބޮޑު މަގު އެމްޑީޕީ ހަރުގެ ކުރިމަތީގައެވެ. އަދި އެ ސަރަހައްދުން އަބުރު ފަންޑަށް އެހީވުމުގެ ގޮތުން ރާއްޖެޓީވީން ވިއްކަން ފާށާފައިވާ ޓީޝާޓް ވެސް އައްޑޫގެ ރައްޔިތުންނަން ހާއްސަކޮށްގެން ވިއްކަން ވަނީ ނިންމާފައެވެ.
ރާއްޖެޓީވީގެ މެނޭޖްމެންޓުން ބުނީ، މިއީ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކޮންޓެންޓް ބްރޯޑްކާސްޓް ކުރިކަމަށް ބުނެ، ފަސްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމާއި ގުޅިގެން ފަންޑް ހޯދުމަށް ރާއްޖެޓީވީން ކުރިއަށްގެންދާ ހަރަކާކާތްތަކުގެ ބައެއް ކަމަށެވެ. އަދި ރައްޖެޓީވީއަށް އެހީވުމަށް ކޮންމެ ބޭފުޅަކު ވެސް ޓީޝާޓެއް ބައްލަވައިގަތުމަށް މެނޭޖްމެންޓުން އެދެއެވެ.
އެގޮތުން ބޮޑެތިމީހުންގެ ޓީޝާޓެއް 300ރ. އަށް އަދި ކުޑަކުދިންގެ ޓީޝާޓް 200ރ. އަށް މިހާރު ރާއްޖެޓީވީން ލިބެން ހުންނާނެއެވެ. އޭގެ އިތުރުން ވެސް ފަންޑް ފޮއްޓަށް ވީހާ ވެސް ގިނަ ފަރާތްތަކަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖެޓީވީން އެދެއެވެ.
މީ ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެޓީވީ ނައްތާލާ ވުޖޫދުން ފުހެލުމަށް ކުރާ މަސައްކަތެއް ކަމަށް ރާއްޖެޓީވީން ދެކެއެވެ. އެހެން ނަމަވެސް އެފަރާތްތަކުން ކުރަމުންދާ މަސައްކަތަށް ބެލުމެއް ނެތި ރާއްޖެޓީވީ ފަހަތަށް ނުޖެހިކުރިއަށް ދާނެކަމުގައި މެނޭޖްމަންޓުން ބުނެއެވެ. އަދި މިހާތަނަށް ވެސް ރާއްޖެޓީވީއާ މެދު ރައްޔިތުން ބެހެއްޓި ގާތް ކަމަށް ޝުކުރު އަދާކުރެއެވެ.