ރާއްޖެ ޓީވީ 5 ލައްކަ ރުފިޔާއިން ކޮށްފައިވާ ޖޫރިމަނާ ދެއްކުމަށް ހުޅުވާފައިވާ އަބުރުފުޅު ފަންޑަށް އެހީތެރިވުމުގެ ގޮތުން ރ ހުޅުދުއްފާރުގައި ފަންޑް ފޮށްޓެއް ބަހައްޓައިފިއެވެ.
އެފަންޑުފޮށި ބެހެއްޓުމުގައި އިސްކޮށް އުޅުއްވާ ފަރާތްތަކުގެ ތެރެއިން އެރަށު ކައުންސިލްގެ ރައީސްކަން ވެސް ކުރައްވާ މުހައްމަދު އިބްރާހީމް ވިދާޅުވީ މިފަންޑްފޮށި ބެހެއްޓީ އެމްޑީޕީ ހުޅުދުއްފާރު ގޮފިން އިސްނަގައިގެން އެރަށު އެމްޑީޕީ ހަރުގޭގައި ކަމަށާއި ފަންޑު ހުޅުވީ ބުރާސްފަތި ދުވަހުގެރޭ 8 ޖެހިއިރު ކަމަށެވެ.
މުހައްމަދު އިބްރާހީމް ވިދާޅުވީ ބުރާސްފަތި ދުވަހުގެރޭ ވެސް 8ން 9އަށް އަދި ހުކުރު ދުވަހާއި ހޮނިހިރު ދުވަހުގެރޭވެސް 8ން 9 ށް އެފަންޑުފޮށި ހުޅުވާފައި ބަހައްޓާނެ ކަމަށެވެ.
މުހައްމަދު އިބްރާހީމް ވިދާޅުވީ މިރޭ ވެސް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާއި ކޮންމެ ރެއަކުވެސް 8 ގެ ޚަބަރު ބަލަން އެހަރުގެއަށް އެއްވާ އެންމެންގެ އެއްބާރުލުމާއި ރަށުގެ ރައްޔިތުންގެ ތެރެއިން ވެސް ގިނަ ބައެއްގެ އެއްބާރުލުން ފަންޑަށް ލިބޭނެ ކަމުގެ އުއްމީދު ވަރަށް ބޮޑު ކަމަށެވެ.
ރާއްޖެ ޓީވީއަށް ބްރޯޑްކޮމްއިން ވިދިވިދިގެން ކުރާ ބޮޑެތި ޖޫރިމަނާތައް ދެއްކުމުގައި ރާއްޖެ ޓީވީގެ ބެލުންތެރިންގެ އެހީތެރިކަން ދަނީ ލިބެމުންނެވެ. ހުޅުދުއްފާރުގެ އިތުރުން އިތުރު ރަށްރަށުގައި ވެސް މިހާރު ވަނީ ފަންޑްފޮށި ބަހައްޓާފައެވެ.