މާލެއާ ހުޅުލެއާ ދެމެދު އަޅާ ބްރިޖް އެޅުމަށް އެމްޑީޕީ ސަރުކާރުން ކުރި ދިރާސާއިން އެނގިފައިވަނީ ބްރިޖް އެޅުމަށް ދަނީ 70 މިލިއަން ޑޮލަރު ކަމަށާއި އެބްރިޖަށް މިހާރު 300 މިލިއަން ޑޮލަރު ޚަރަދުވާ ގޮތެއް މިހާރުގެ ސަރުކާރުން ބުނެދޭން ޖެހޭނެ ކަމަށް ރައީސް ނަޝީދުގެ ސަރުކާރުގެ ހޯމް މިނިސްޓަރ ހަސަން އަފީފް ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ޕާޓީތަކުން "ބޮޑުފާރު ޑިމޮކްރަސީއަށް އެޅި ހުރަސް" ގެ ނަމުގައި ބުރާސްފަތި ދުވަހުގެރޭ ގެނެސްދިން ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ހަސަން އަފީފް ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން ހުޅުލެއާ މާލެއާ ދެމެދު ބްރިޖް އެޅުމަށް ދިރާސާއެއް ކުރި ކަމަށާއި އެދިރާސާއިން ހާމަވި ގޮތުގައި އެބްރިޖް އެޅުމަށް ހޭދަވަނީ 70 މިލިއަން ޑޮލަރު ކަމަށެވެ. އޭގެ ފަހުން ތަކެއްޗަށް އައި ބަދަލާއި ޑޮލަރު އަގަށް އައި ބަދަލާއެކު އިތުރު 30 މިލިއަނާއެކު 100 މިލިއަން ޑޮލަރަށް އެވަރުގެ ބްރިޖެއް އެޅޭނެ ކަމަށެވެ.
އަފީފް ވިދާޅުވީ މިހާރު އެބްރިޖް އެޅުމަށް 300 މިލިއަން ޑޮލަރު ހޭދަވާ ކަމަށް ބުނާއިރު 100 މިލިއަން ކަނޑާލުމުން ބާކީ 200 މިލިއަން ޑޮލަރު ބޮޑުވާ ސަބަބު ނުވަތަ 300 މިލިއަން ޑޮލަރު އެކަމަށް ހޭދަވާ ސަބަބު ސަރުކާރުން ބުނެދޭން ޖެހޭނެ ކަމަށެވެ.
އަފީފް ވިދާޅުވީ އެފަދަ ބޮޑެތި ޕްރޮޖެކްޓްތައް ހިންގަން ވާނީ އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ އެއްގޮތައް ބިޑް ކޮށްގެން ކަމަށާއި މިހާރު ބިޑްގެ އުސޫލު އުވާލާ ސަރުކާރުން ފެންނަ ބަޔަކަށް މިހާރު ޕްރޮޖެކްޓައް ހަވާލު ކުރަމުންދާ ކަމަށެވެ.
ރައްޔިތުންގެ ނަމުގައި ބޮޑެތި ލޯނުތައް ނަގައި ރައްޔިތުންގެ ބޮލުގައި ބޮޑެތި ދަރަނިތަކެއް އަޅުވަމުންދާއިރު އަފީފް ވިދާޅުވި ގޮތުގައި އެފައިސާއަށް ކުރަނީ ކީއްކަން ރައްޔިތުންނަށް އެނގެން ޖެހޭނެ ކަމަށެވެ. ރައްޔިތުންގެ މަޖިލީހަށް ނުފޫޒް ފޯރުވައި ރައްޔިތުންގެ މަޖިލީސް ހިސޯރުކޮށްގެން އުޅެނީ އެކަންކަން ފޮރުވުމަށް ކަމަށް ވެސް އަފީފް ވިދާޅުވިއެވެ.
އަފީފް ވިދާޅުވީ ރައީސަކު އިންތިޚާބު ކުރަނީ ހުށަހަޅާ މެނިފެސްޓޯއަކަށް ބަލާފައި ކަމަށާއި އެމެނިފެސްޓޯއާ އެއްގޮތަށް ކަންކުރޭތޯއާއި ޚާއްޞަކޮށް ރައްޔިތުންގެ ފައިސާއިން ޚަރަދު ކުރަނީ ރަނގަޅަށްތޯ މަޖިލީހުން ބަލަން ޖެހޭ ކަމަށެވެ.
މީގެ އިތުރުން ޖުޑިޝަރީންނާއި މިނިވަން މުއައްސަސާތަކުން ކަންކުރަނީ ރަނގަޅަށްތޯ ބަލައި އެފަރާތްތައް ޒިންމާދާރު ކުރުވަންޖެހޭ ބަޔަކީވެސް ރައްޔިތުންގެ މަޖިލިސް ކަމަށާއި ރައްޔިތުންގެ ބާރަކީ ރައްޔިތުންގެ މަޖިލިސް ކަމަށްވެސް އަފީފް ވިދާޅުވިއެވެ.
މިހާރު މިއޮތް ޤާނޫން އަސާސީ އެކަށައެޅި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ އިތުރުން ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައި ގިނަ ދުވަސްތަކެއްގައި އުޅުއްވި ހަސަން އަފީފް ވިދާޅުވީ ޤާނޫނު އަސާސީއަށް ބަދަލު ގެނައުމާއި ޤާނޫނު ހެދުމުގެ ބާރު އޮންނަ ފަރާތަކީ ރައްޔިތުންގެ މަޖިލީސް ކަމަށާއި ކޯޓުތަކަކީވެސް އެޤާނޫނު ތަކާއެއްގޮތަށް ކަންކުރަން އޮންނަ ބައެއް ކަމަށެވެ. އަދި އެވެރިންނަށް ޤާނޫނެއް ނުހެދޭނެ ކަމަށް ވެސް އަފީފް ވިދާޅުވިއެވެ.
އަފީފް ވިދާޅުވީ ރައްޔިތުން އިންތިޚާބު ކުރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެމަޖިލީހުން ވަކިކުރެވޭނެ ގޮތް ޤާނޫން އަސާސީގައި އޮންނަ ކަމަށާއި އެނޫން ގޮތަކަށް އެއްވެސް ބަޔަކަށް އެމަޖިލީހުގެ މެންބަރުންގެ ގޮނޑިއެއް ގެއްލުވާ ނުލެވޭނެ ކަމަށެވެ.