ތިން މީހުންނާއެކު ގެއްލިގެން ހޯދި ޑިންގީ ފެނިއްޖެ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ މީޑިޔާ އޮފިޝަލް ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ ޑިންގީ ފެނިފައި ވަނީ ކޯސްޓަގާޑްގެ ހާބަރ ކްރާފްޓް ލޯންޗަކަށް ނ މަނަދޫއާ ދިމާލު ބޭރުން ކަމަށެވެ.
އާޒިމް ވިދާޅުވީ މިހާތަނަށް ލިބުނު މައުލޫމާތަށް ބަލާއިރު އެއިން ދަތުރުކުރި މީހުންގެ ހާލު ރަނގަޅު ކަމަށް ބެލެވޭ ކަމަށާއި ފޯނުގެ ރޭންޖް ކެނޑިފައި ވާތީ އަދި ސާފު މައުލޫމާތު ނުލިބޭ ކަމަށެވެ.
މި ޑިންގީ ފެނިފައި މިވަނީ އިރުއޮއްސުމާއެކު ޑިންގީ ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑް ގެ ފާސްޓަރ އިންޓަރސެޕްޓް ކްރާފްޓް (އެފްއައިސީ) "ވެލާނާ" ލޯންޗް ހަރަކާތްތެރިވަމުން ދަނިކޮށެވެ. އެލޯންޗަކީ ނައިޓް ވިޝަން ކެމެރާ (ރޭގަނޑަށް ދުރު ފެންނަ) ޤާބިލްކަން ލިބިފައިވާ ލޯންޗެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ ޅ. ހިންނަވަރުން ނ.މިލަދޫ އަށް 3 މީހުންނާއި އެކު ދަތުރުކުރަމުން ދިޔަ 18 ފޫޓުގެ ޑިންގީގެ ހަބަރެއް ނުވެގެން އުޅޭކަމުގެ ރިޕޯރޓް އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ ބުރާސްފަތި ދުވަހު 11:17 ހާއިރު ކަމަށެވެ.