މޯލްޑިވްސް މިޑިއާއި ކައުންސިލް (އެމްއެމްސީ) ދޭ ނޫސްވެރިންގެ އެވޯޑްގައި އެންމެ އުންމީދީ ނޫސްވެރިޔާއަކަށް ހޮވުނު އަވަސް އޮންލައިންގެ ނޫސްވެރިޔާ މޫސާ ރަޝީދަށް ލިބުނު އެ ވޯޑް ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނުގެ މަންމައާ ހަވާލު ކޮށްފިއެވެ.
އުންމީދީ ނޫސްވެރިޔާގެ އެވޯޑް ލިބުމާއި އެކު އެވޯޑް ރިލްވާނަން ހަދިޔާކުރާނެ ކަން އިއުލާން ކޮށްފައިވަނީ އެ އެވޯޑް ދިނުމަށް ބުދަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ހަފްލާގައެވެ. ރިލްވާންގެ މަންމަ އަށް ބުރާސްފަތި ދުވަހު ހަވީރު އެވޯޑް ހަވާލުކުރުމަށް ފަހު މޫސަ ވިދާޅުވީ ނޫސްވެރިކަމުގެ ދާއިރާއަށް އޭނާ ގުޅުނު އިރު ރިލްވާން ގެއްލުވާލި ހާދިސާގައި ކަންހިނގާ ދިޔަ ގޮތް ނޭނގޭ ކަމަށެވެ. އެހެންނަމަވެސް ނޫސްވެރިކަމުގެ ދާއިރާގައި އޭނާ ހޭދަ ކުރި މަދު ދުވަސް ކޮޅުގެތެރޭގައި ރާއްޖޭގެ ނޫސްވެރިނަން ހުރި ގޮންޖެހުންތަކާއި ރިލްވާންގެ ގެއްލުވާލުމުގައި ބައިވެރިވި މީހުން އިންސާފްގެ ކުރިމައްޗަށް ގެނައުމަށް ސަރުކާރުގެ މުއައްސަސާތަކުން ނުކުޅެދިފައިވާކަން އޭނާއަށް އިނގުނު ކަމަށް މޫސަ ވިދާޅުވިއެވެ.
އެހެންކަމުން ނޫސްވެރިކަމުގެ ދާއިރާއިން އެވޯޑެއް ލިބިއްޖެނަމަ އެވޯޑް ރިލްވާނަން ހަދިޔާ ކުރުމުގެ އަޒުމުގައި މަސައްކަތް ކުރުމަށް ފެށިކަމަށް މޫސަ ވިދާޅުވިއެވެ. އެވޯޑާއި ހަވާލުވުމަށް ފަހު ރިލްވާންގެ މަންމަ ބުނީ ރިލްވާނަން އެވޯޑް ހަދިޔާ ކުރުމުން ރިލްވާން ގެއްލުވާލުމުގެ އަޑީގައި ތިބި މީހުން އިންސާފްގެ ކުރިމައްޗަށް ގެނެއުމަށް އިތުރަށް މަސައްކަތް ކުރުމަށް އެ އާއިލާއަށް ހިތްވަރެއް ލިބިއްޖެކަމަށް ބުންޏެއެވެ. އަދި ނޫސްވެރިން ރިލްވާންގެ ޙައްގުގައި ކުރާ މަސައްކަތަށް ޝުކުރު އަދާކުރިއެވެ.
ރިލްވާންގެ މަންމަ ވަނީ ރިލްވާންގެ ގެއްލުވާލުމުގެ ކުރިން އޭނާ ގެއްގުޅެފައިވާ ފޮތްތަކާއި، ރިލްވާންނަން ލިބިފައިވާ އެކި އެކި ހަދާނީ ލިޔުމާއި ޓްރޮފީތައް މޫސައަށް ދައްކާލާފައެވެ. އަދި ރިލްވާން ގެންގުޅުނު ކޮންމެ އެއްޗަކުން ރިލްވާންގެ ހަނދާތަށް އާވެގެން ދާއިރު ، މޫސަ ހަދިޔާ ކުރި އެވޯޑުން ރިލްވާނަން އިންސާފް ހޯދާއިދިނުމަށް ކުރާ މަސައްކަތަށް އިތުރު ހިތްވަރެއް ލިބިއްޖެކަމަށް ރިލްވާންގެ މަންމަ ބުންޏެވެ.