"އަބުރުފުޅު" ފަންޑަށް ފަންޑް ރެއިޒް ކުރުމަށް ރާއްޖެޓީވީ ލޯގޯޖެހި ޓީޝާޓް ވިއްކަންފަށައިފިއެވެ.
ރާއްޖެޓީވީގެ މެނޭޖްމެންޓުން ބުނީ، މިއީ ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ކޮންޓެންޓް ބްރޯޑްކާސްޓް ކުރިކަމަށް ބުނެ، ފަސްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމާއި ގުޅިގެން ފަންޑް ހޯދުމަށް ރާއްޖެޓީވީން ކުރިއަށްގެންދާ ހަރަކާކާތްތަކުގެ ބައެއް ކަމަށެވެ.
ރާއްޖެޓީވީގެ ނިއުސް ޑިރެކްޓަރ ހުޝާމް މުހައްމަދު ވިދާޅުވީ، ރާއްޖެޓީވީއަށް އެކި ގޮތްގޮތުން އެހީވުމަށް ވަރަށް ގިނަ ބަޔަކު އެދެމުންދާ ކަމަށެވެ. އަދި އެހީވުމަށް އެކި ރަށްރަށުގައި ފަންޑްފޮށި ބަހައްޓައިގެންވެސް ހަރަކާތްތައް ހިންގިދާނެ ކަމަށެވެ. އަދި ހަރަކާތެއް ރާވަން ބޭނުންވާ ފަރާތްތަކުން، ރާއްޖެޓީވީގެ ނަންބަރު 3007771 އަށް ގުޅުއްވައި މައުލޫމާތު ސާފުކުރުމަށް އެދޭ ކަމަށެވެ. އަދި ރައްޖެޓީވީއަށް އެހީވުމަށް ކޮންމެ ބޭފުޅަކުވެސް ޓީޝާޓެއް ބައްލަވައިގަތުމަށް މެނޭޖްމެންޓުން އެދެއެވެ.
އެގޮތުން ބޮޑެތިމީހުންގެ ޓީޝާޓެއް 300ރ. އަށް އަދި ކުޑަކުދިންގެ ޓީޝާޓް 200ރ. އަށް މިހާރު ރާއްޖެޓީވީން ލިބެން ހުންނާނެއެވެ.
މީ ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެޓީވީ ނައްތާލާ ވުޖޫދުން ފުހެލުމަށް ކުރާ މަސައްކަތެއް ކަމަށް ރާއްޖެޓީވީން ދެކެއެވެ. އެހެން ނަމަވެސް އެފަރާތްތަކުން ކުރަމުންދާ މަސައްކަތަށް ބެލުމެއް ނެތި ރާއްޖެޓީވީ ފަހަތަށް ނުޖެހިކުރިއަށް ދާނެކަމުގައި މެނޭޖްމެންޓުން ބުނެއެވެ. އަދި މިހާތަނަށް ވެސް ރާއްޖެޓީވީއާއިމެދު ރައްޔިތުން ބެހެއްޓި ގާތްކަމަށް ޝުކުރު އަދާކުރެއެވެ.