އައްވަޓެރި ސްރީލަންކާގައި ދިވެހިން ތަކެއްގެ މެދުގައި ހިނގި މާރާމާރީއެއްގައި ދިވެހި ކުޑަކުއްޖެއްގެ ގަޔަށް ތޫނު އެއްޗެއް ހެރުމުގެ ސަބަބުން ހާލު ސީރިއަސްވެއްޖެއެވެ.
ރާއްޖެ އެމްވީއަށް މައުލޫމަތު ލިބިފައިވާ ގޮތުގައި 3 ކުއްޖެއްގެ ގަޔަށް ތޫނު އެއްޗަކުން ހަމަލާދީފައިވާއިރު ކަތުރެއް ހެރުމުގެ ސަބަބުން އެއްކުއްޖެއްގެ ހާލު ވަނީ ސީރިއަސް ވެފައެވެ.
ރާއްޖެ ޓީވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކަތުރަކުން ހަމަލާ ދިނުމުގެ ސަބަބުން ހާލު ސީރިއަސްވެފައިވަނީ ގއ ކަނޑުހުޅުދޫ ރީލްމަންޒިލް އުމުރުން 15 އަހަރުގެ ނާސިއު ހަނީފެވެ.
ނާސިއު ހަނީފްގެ އާއިލާއިން ރާއްޖެ އެމްވީއަށް ބުނީ އޭނާ ގަޔަށް ކަތުރެއް ހަރާފައިވަނީ ސްކޫލުގައި އޮތް ކޮންސެޓެއްގެ ރިހާސަލް އަކަށް ގޮސް އުޅެނިކޮށް އެސްކޫލްގައި ކިޔަވާ އެހެން ދިވެހިން ކުދިން ތަކަކާ ދެމެދު ހިނގި ހަމަނުޖެހުމެއްގައި ކަމަށެވެ.
ނާސިއުގެ އާއިލާއިން ބުނީ ދަރިފުޅުގެ ހާލު ވަރަށް ސީއަރިއަސް ކަމަށެވެ.
ލަންކާގައި ހުންނަވާ ދިވެހި އެމްބެސެޑަރ މަހައްމަދު ހުސައިން ޝަރީފް (މުންދު) ރާއްޖެ އެމްވީއަށް ވިދާޅުވީ ނާސިއުގެ ބުރަކައްޓަށް ހަރާފައިވަނީ ކަތުރެއް ކަމަށާއި އެކަމުގެ ސަބަބުން އޭނާގެ ހާލު ސީރިއަސް ކަމުގެ މައުލޫމާތު ލިބޭ ކަމަށެވެ. އަދި އޭނާއަށް ކަޅުބޯވިލާ ހޮސްޕިޓަލްގައި ފަރުވާދެމުންދާކަމަށެވެ. އަދި އެހާދިސާގައި ޒަޚަމްވެފައިވަނީ ދިވެހި ދެކުދިންނާއި ލަންކާ ކުއްޖެއް ކަމަށްވެސް މުންދު ވިދާޅުވިއެވެ
މުންދު ވިދާޅުވީ ނާސިއުގެ ހާލު ސީރިއަސް ނަމަވެސް ފުރާނައަށް ނުރައްކާވާވަރުގެ ޒަޚަމެއް ލިބިފައި ނުވާކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
މުންދު ވިދާޅުވީ އެކުދިންގެ މެދުގައި ދެބަސްވުމެއް ހިނގައިގެން އުޅޭތާ ދުވަސްކޮޅެއް ވެއްޖެކަމަށް އެކުދިންގެ އާއިލާތަކުން ބުނެފައިވާކަމަށެވެ. އަދި ހާލު ސީރިއަސްވެފައިވާ ނާސިއު އަކީ ސޯސަންވިލާއަށް އަންނަ ކުއްޖެއް ކަމަށާއި އޭނާއަކީ އޚްލާގް ދަށް ކުއްޖެއް ނޫންކަމަށް އެތަނުގައި އުޅޭ ޓީޗަރުންގެ ފަރާތުން އެނގިފައިވާ ކަމަށެވެ.