ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު ފުލުހަކަށް ހަމަލާދިން ކަމަށް ބުނާ މައްސަލާގައި މިވަގުތު އެއްޗެއް ހާމަ ކުރަން ބޭނުންނުވާ ކަމަށް ފުލުހުން ބުނެފި އެވެ.
އެނގިފައިވާ ގޮތުގައި ފުލުސް މީހާ ހުށަހެޅި އެ މައްސަލަ ބަލަމުންދާއިރު، ޝަހީބު ވެސް މައްސަލަ ހުށަހަޅުއްވާފައި އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޝަހީބު ހުށަހެޅުއްވީ އޭނާއަށް ފުލުސް މީހާ ހަމަލާދިން ކަމަށް ވިދާޅުވެ އެ މައްސަލައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވެފައިވަނީ އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި މިވަގުތު އެމައްސަލައާ ގުޅިގެން އެއްޗެއް ހާމަ ކުރެވެންނެތް ކަމަށެވެ.
ފުލުސް މީހާ އެމައްސަލަ ހުށަހަޅާފައި ވަނީ މިދިއަ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު އެވެ.
ޝަހީބާއި ފުލުހަކާ ދެމެދު ހިނގި އެ ހަމަނުޖެހުމުގެ މަންޒަރު ފެނުނު މީހަކު ބުނީ ސޯސަންމަގު އެމްޑީޕީ އޮފީސް ކައިރީ ހުންނަ ގެއަކަށް ޝަހީބު ވަޑައިގެންނެވި ކަމަށާއި އެ ގެއަށް ވަދެވަޑައިގެންނެވިތާ އިރުކޮޅެއް ވެސް ނުވަނީސް ފެނުނީ ދުވެވަޑައިގަންނަވަމުން ނިކުންނެވި މަންޒަރު ކަމަށެވެ.
ޝަހީބުގެ ފަހަތުން އެހެން މީހަކު ކަތުރެއް ހިފައިގެން އެގެއިން ދުވެފައި ނިކުތް މަންޒަރު ފެނުނު ކަމަށާއި ޝަހީބާއި އެ މީހާއާ ދެމެދު ހަމަނުޖެހުން ހިނގި ކަމަށް މަންޒަރު ދުށް މީހާ ބުންޏެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޝަހީބުގެ ފަހަތުން ކަތުރެއް ހިފައިގެން ދިޔައީ ފުލުހުންގެ ސްޕަޝަލް އޮޕަރޭޝަންސް(އެސްއޯ) ގައި މަސައްކަތް ކުރާ ފުލުހެކެވެ.
މިކަމާ ގުޅޭ ގޮތުން ޝަހީބުގެ ބަހެއް ހޯދުމަށް ތަކުރާރުކޮށް ރާއްޖެއެމްވީއިން މަސައްކަތް ކުރި ނަމަވެސް، ޝަހީބުގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ. ރާއްޖެއެމްވީއިން ގުޅުމުން ފޯނަށް ޖަވާބު ދެއްވާފައިނުވާއިރު، މެސެޖްތަކަށް ވެސް ޖަވާބު ދެއްވާފައިނުވެ އެވެ.