ރާއްޖެޓީވީ އަބުރުފުޅު ފަންޑަށް އެހީތެރިކަށް ފޯރުކޮށްދިނުމުގެ ގޮތުން ސްރީލަންކާގައި ފަންޑު ފޮއްޓެއް ހުޅުވައިފި އެވެ.
އަބުރުފުޅު ފަންޑު ބަހައްޓާފައި ވަނީ ސްރީލަންކާގެ ދެހިވަލަ، "ޓެން ޓެން ކެފޭ" ގައެވެ. މި ފަންޑު ހުޅުވާފައި ވަނީ ރާއްޖެޓީވީއަށް ހެޔޮއެދޭ ފަރާތްތަކުގެ އިސްނެގުމުގެ މަތިންނެވެ.
ރާއްޖެޓީވީ ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމުން "އަބުރުފުޅު" ފަންޑުގެ ނަމުގައި ފަންޑެއް ހުޅުވާފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ.
ފަސް ލައްކަ ރުފިޔާއިން ރާއްޖެޓީވީ ޖޫރިމަނާކުރީ ޖުލައި 28، 2017 ވަނަ ދުވަހުގެ ރޭ ރާއްޖެ ޓީވީގެ "މިރައީސް" ޕްރޮގްރާމުގައި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ދެއްކެވި ވާހަކައާ ގުޅިގެންނެވެ.
ފަސް ލައްކަ ރުފިޔާއިން ރާއްޖެ ޓިވީ ޖޫރިމަނާކޮށްފައިވާއިރު، މިފަހަރު ވެސް ޖޫރިމަނާކޮށްފައި ވަނީ އަބުރު ރައްކާތެރިކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ގުޅޭ ޤާނޫނުގެ ދަށުންނެވެ. އެގޮތުން 2016 ވަނަ އަހަރު ފާސްކުރި މިޤާނޫނުގެ ދަށުން ޖޫރިމަނާކޮށްފައި ވަނީ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކޮންޓެންޓެއް ގެނެސްދީފައިވާ ކަމަށ ބުނެއެވެ. ގިނަ ބައެއްގެ ފާޑުކިޔުން މި ގާނޫނަށް އަމާޒުވެފައިވާއިރު، މިއީ މީޑިއާގެ މިނިވަންކަން ނަގާލުމަށް ވުޖޫދަށް ގެނެވުނު ޤާނޫނެއް ކަމަށް ބުނެ، މިޤާނޫން އުވާލުމަށް ނުވަތަ އިސްލާހުކުރުމަށް ނިމިގެންދިޔަ ހަފްތާގައި އީޔޫއިން ރާއްޖެއާ ދެކޮޅަށް ފާސްކުރި ޤަރާރުގައި ވެސް ވަނީ ބުނެފައެވެ.
އަބުރު ރައްކާތެރިކުރުމުގެ ޤާނޫންގެ ދަށުން މީގެ ކުރިން 2 ފަހަރެއްގެ މަތިން ރާއްޖެ ޓީވީ ވަނީ ޖޫރިމަނާކޮށްފައެވެ. އެގޮތުން ފުރަތަމަ ޖޫރިމަނާކޮށްފައިވަނީ ދެ ލައްކަ ރުފިޔާއިންނެވެ. އަދި ދެވަނަ ފަހަރު ޖޫރިމަނާކޮށްފައިވަނީ އެއް މިލިއަން ރުފިޔާއިންނެވެ.