ފާއިތުވި ދެ އަހަރުގެ ތެރޭގައި 432 އުޅަނދުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި ވަގަށް މަސްވެރިކަން ކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ކުރި ދިރާސާއަކުން ދައްކައިފި އެވެ.
ސެޓެލައިޓް ސަރވިސް ފޯރުކޮށްދޭ ފަރާތްތަކުން ހޯދާފައިވާ ޑޭޓާގެ މައްޗަށް ބިނާކޮށް ފިޝަރީޒް މިނިސްޓްރީން ކޮށްފައިވާ ދިރާސާ ދައްކާ ގޮތުން ހޯދަންޖެހޭ ހުއްދަތަކާއި ލައިސެންސްތައް ހޯދުމެއް ނެތި ބޭރުގެ އެކި ގައުމުތަކަށް ނިސްބަތްވާ 432 އުޅަނދުން ރާއްޖޭގެ ކަނޑުތަކުން މަސްވެރިކަން ކޮށްފައިވެއެވެ.
އެ ދިރާސާ ދައްކާ ގޮތުން ވަގަށް މަސްވެރިކަން ކުރުމަށްޓަކައި ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ އެތެރެއަށް 542 ބޮއި ދޫކޮށްފައިވެއެވެ.
މަސްވެރިކަމާ ބެހޭ ޚަބަރާއި މައުލޫމާތު ގެނެސްދޭ ވެބްސައިޓް، ފިޝް އިންފޮމޭޝަން އެންޑް ސަރވިސަސް (ފިސް) ގައި ބުނެފައިވާ ގޮތުގައި ކަޅުބިލަމަހުގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ ސްޕެއިންގެ މަޝްހޫރު ފްލީޓް، އޭކެބެސްޓަރ އިން ވެސް ވަނީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ވަގަށް މަސްވެރިކަން ކޮށްފަ އެވެ.
އިންޑިއާ ކަނޑުގައި ހަރަކާތްތެރިވުމުގެ ހުއްދަ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަނުން އޭކެބެސްޓަރ އަށް ދީފައި އޮތް ނަމަވެސް، ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން މަސްވެރިކަން ކުރުމަށް ދިވެހި ސަރުކާރުން އެކުންފުންޏަށް ހުއްދަ ދީފައިނުވާ ކަމަށް ވެސް ބުނެފައި ވެއެވެ.
ދިރާސާ އިން މިފަދައިން ދައްކާފައިވާއިރު، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭރު ގަައުމުތަކުގެ މަސްވެރިން ވަގަށް މަސްވެރިކަން ކުރާ މައްސަލަ ވަރަށް ބޮޑުތަން މަދު ކުރެވިއްޖެ ކަމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެފައި ވެއެވެ. ނަމަވެސް ޝައިނީ އެހެން ވިދާޅުވީ ކޮން ތަފާސްހިސާބުތަކެއްގެ މައްޗަށް ބިނާކޮށް ކަމެއް ވިދާޅެއް ނުވެއެވެ.
ޝައިނީ ވިދާޅުވެފައިވާ ގޮތުގައި މަސްވެރިކަން އަބަދުވެސް އޮންނާނީ ކޮންމެވެސް އެއް ދިމާލެއްގައެވެ. ހުރިހާ ދޯންޏެއް ވެސް އުޅޭނީ އެ ދިމާލުގައި ކަމަށާއި އަދި ރާއްޖެއިން ބޭރުން އަންނަ ބޯޓުތައް ވެސް އަންނާނީ އެ ދިމާލަކަށް ކަމަށް ޝައިނީ ވިދާޅުވެފައިވެ އެވެ.
ރާއްޖޭގައި ދާއަޅައިގެން މަސްވެރިކަން ކުރުން މަނާކޮށްފައިވީ ނަމަވެސް، މިފަދަ އުޅަނދުތަކުން އިގްތިސާދީ ސަރަހައްދަށް ވަދެ ދާ އަޅައިގެން ބޮޑެތި އަދަދުތަކުން މަސް ނަގަ އެވެ. ބޭރުގެ ބޮޑެތި ބޯޓުތަކުން ރާއްޖޭގެ ސަރަހައްދަށް ވަދެ ދާއަޅައިގެން މަސްވެރިކަން ކުރާތީ މަސްވެރިކަން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.