މިރޭ ޕީޕީއެމުން ބާއްވާ ޖަލްސާއަށް ދިއުމަށް ސްޓެލްކޯގެ މުއައްޒަފުނަށް މަޖުބޫރުކޮށް ކުންފުނީގެ ބައެއް އިވެންޓްތައްވެސް ކެންސަލް ކޮށްފައިވާކަމަށްބުނެ އެ ކުންފުނީގެ މުއައްޒަފުން ޝަކުވާކުރަން ފަށައިފިއެެވެ.
ޕިޕީއެމްގެ ރުމާލު2 ޖަގަހައިގައި ބުދަ ދުވަހުގެރޭ ބާއްވާ މި ޖަލްސާގައި، ރައީސް އަބުދުﷲ ޔާމިން ވެސް ބައިވެރިވަޑައިގަންނަވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ސްޓެލްކޯގެ ބައެއް އިސްވެރިން ދަނީ އެކުންފުނީ އެކި ޑިޕާޓްމެންޓްތަކުގެ އެޗްއޯޑީން ލައްވާ އެބޭފުޅަކު ނިސްބަތްވާ ޑިޕާޓްމަންޓަށް މެސެޖަކުން އެކަން އަންގާފައެވެ. އަދި ހާޒިރީ ބަލާނެ ކަމަށާއި އެއީ ރައީސް ބައިވެރިވެވަޑައިގަންނަވާ އިވެންޓެއް ކަމަށް ވާތީ ކޮންމެހެން ވެސް ދާން ޖެހޭނެކަމަށް އަންގާފައިވާ ކަމަށް ބައެއް މުއައްޒަަފުން ވަނީ ބުނެފައެވެ.
މިގެ އިތުރުން އެ ކުންފުނީގެ އެކި ޑިޕާޓްމެންޓްތަކުގެ މެދުގައި ކުޅެވުނު ފުޓްސަލް މުބާރާތުގެ މިރޭ އޮންނަ ފައިނަލް މެޗްވެސް ކެންސަލްކުރުމަށް ވަނީ އަންގާފައެވެ.
މީގެ ކުރިން ވެސް ޕީޕީއެމުން ބާއްވާ އެޕާޓީގެ ޖަލްސާތަކަށާއި އިވެންޓްތަކަށް ސަރުކާރު އޮފީސްތަކާއި، އަދި ކުންފުނިތަކުގެ މުއައްޒަފުން ދިއުމަށް މަޖުބޫރު ކުރުވަމުންދާކަމުގެ ޝަކުވާ އެ ތަންތަނުގެ މުއައްޒަފުން ވަނީ ކޮށްފައެެވެ.