ރިޝްވަތުގެ މައްސަލައެއްގައި ޝަރީޢަތް ނިމެންދެން ޖަލު ބަންދުގައި ހުންނެވި، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ފާރިސް މައުމޫން ކުއްލި ގޮތަކަށް ގެއަށް ބަދަލުކޮށްފިއެވެ.
ބުދަ ދުވަހުގެ މެންދުރުފަހު 15:40 ފާރިސް ބަދަލުކޮށްފައިވަނީ އޭނާ ދިރިއުޅުއްވަމުން ގެންދަވާ މއ. ސްނޯރޯސް އަށެވެ.
ރާއްޖެއެމްވީއަށް މަޢުލުމާތު ދެއްވަމުން، ކަރެކްޝަނުގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގުމާން ވަނީ، ބުދަ ދުވަހުގެ މެންދުރުފަހު ފާރިސް ގޭބަންދަށް ބަދަލުކުރެވިފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ. ލުގުމާން ވިދާޅުވީ ފާރިސް ގޭބަންދަށް ބަދަލުކުރެވުނީ މާފުށި ޖަލުގައި ފާރިސް ބަހައްޓާފައި ހުރި ޔުނިޓުގެ މަރާމަތުގެ މަސައްކަތެއް ކުރިއަށް ގެންދިއުމަށް ކަމަށާ، މަރާމާތުގެ މަސައްކަތް ނިމުނުހާ އަވަހަކަށް ފާރިސް އަނބުރާ ޖަލަށް ބަދަލުކުރާނެ ކަމަށެވެ.
ރިޝްވަތު ދިންކަމަށް ބުނާ މައްސަލައިގައި ފާރިސް ހައްޔަރުކުރުމަށް ނެރުނު އަމުރުގެ ދަށުން، ޖުލައި 18 ވަނަ ދުވަހު އޭނާ ހައްޔަރުކުރުމަށްފަހު، ބަންދާ މެދު ގޮތެއް ނިންމުމަށް ޖުލައި 19 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށް ޝަރީއަތް ނިމެންދެން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. ފާރިސް ބަންދުކޮށްފައި ވަނީ ކަރެކްޝަންސްގެ ބެލުމުގެދަށުން މާފުށީ ޖަލުގައެވެ.
ބަންދުގައި ބަހައްޓައިގެން މި މައްސަލައިގެ ތަހުގީގު ނިންމައި ފާރިސްގެ މައްޗަށް ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ދައުވާ ކޮށްފައިވާއިރު އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުން މިހާރު ވަނީ ކުރިއަށް ގެންގޮސްފައެވެ.