އައްޑޫ ސިޓީއަށް ކަރަންޓްގެ ހިދްމަތް ދިނުމަށް ސްޓެލްކޯއާ ހަވާލު ކުރުމުގެ ވިސްނުމެއް ނެތް ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީގެ ރަށްތަކަށް ދިމާވަމުންދާ ކަރަންޓްގެ މައްސަލައަށް ހައްލެއް ހޯދުމަށް އައްޑޫ ސިޓީއަށް ކަރަންޓްގެ ހިދުމަތް ދެމުންދާ ފެނަކަ ކޯޕަރޭޝަންގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހާޒިރުކޮށް، ބޭއްވި ބައްދަލުވުމުގައި ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ ޝަރީފް ވިދާޅުވެފައި ވަނީ އައްޑޫ ސީޓީގައި ތިބި ފަނަކައިގެ ޓެކްނިކަލް އަދި އިންޖިނިއަރިންގ ޓީމަކީ ސްޓެލްކޯގެ ޓެކްނިކަލް އަދި އިންޖިނިއަރިންގ މުއައްޒަފުންނަށް ވުރެ ގާބިލް މުއައްޒަފުން ކަމަށެވެ. އައްޑޫއަށް ކަރަންޓްގެ މައްސަލަތައް ދިމާވެފައި ވަނީ އިންޖީނުތަކަށް ދިމާވެފައިވާ މައްސަލަތަކެއްގެ ސަބަބުން ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
ރާއްޖޭގެ އެންމެ އާބާދީ ބޮޑު މާލެ ސިޓީއަށް ސްޓެކޯއިން ކަރަންޓް ދެމުންދާއިރު، ދެވަނައަށް އެންމެ އާބާދީ ބޮޑު އައްޑޫ ސިޓީއަށް ކަރަންޓްގެ ހިދްމަތް ދިނުމަށް ސްޓެލްކޯއާ ހަވާލު ކުރުމުގެ ވިސްނުމެއް ނުގެންގުޅުއްވަންތޯ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މެމްބަރުން ސުވާލު ކުރެއްވުމުން ޝަރީފް ވިދާވީ އެފަދަ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށެވެ. އަދި އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ އައްޑޫއަށް ދޭތެރެ ދޭތެރެއިން ކަރަންޓްގެ މައްސަލަތައް ދިމާވި ނަމަވެސް މީގެކުރިން ހައްލު ކުރަމުންދިޔަ ކަމަށާއި ނަމަވެސް މިފަހަރު ދިމާވެގެން މިއުޅެނީ ގިނަ ޖަނަރޭޓަރުތަކަކަށް އެއްފަހަރާ މައްސަލަތަކެއް ދިމާވެގެން އުޅޭ މައްސަލައެއް ކަމަށެވެ.
"750 ކިލޯ ވޯޓުގެ އިންޖީނަކާއި އެއް މެގަރވޯޓްގެ އިންޖީނަކާއި އަދި 800 ކިލޯ ވޯޓުގެ އިންޖީނެއްގެ އިތުރުން އެއް މަގެރވޯޓްގެ އިންޖީނެއް ދާދި ކައިރި ކައިރީގައި މައްސަލަ ޖެހިގެން ދިމާވެގެން އުޅޭ މައްސަލައެއް މިފަހަރު އައްޑޫއަށް ދިމާވެގެން މިއުޅެނީ. މި ހަތަރު އިންޖީނަށް މައްސަލަތައް ދިމާވުމުން މިހާރު އެތަނުން އެއް މަގަރ ވޯޓްގެ އިންޖީނުގެ ސްޕެއާރސް ލިބެންހުރުމުން މިހާރު މިވަނީ ސާރވިސްއަށް ގެނެވިފައި. މިހާރު އައްޑޫ ސިޓީގައި ހުރި ތިން އިންޖީނުގެ ތެރެއިން އެއް އިންޖީނަކީ ބޭނުން ނުކުރެވޭވަރަށް ހަލާކު ވެގެން ނުވަތަ ވަރަށް ދިގު މުއްދަތަކުން ނޫނީ މަރާމާތު ނުކުރެވޭނެ އިންޖީނެއް. އަނެއް ދެ އިންޖީނުގެ ސްޕެއާރ ރާއްޖެއިން ލިބޭކަށްނެތް، ރާއްޖެއިން ބޭރުން ސްޕެއާރ ގެންނަން 25 ދުވަސް ނަގާނެ،" ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ އައްޑޫގެ ކަރަންޓްގެ މައްސަލަ ހައްލު ކުރުމަށް ދިގުލައިގެން ހިނގައިދާނެ ކަމަށް ފެންނާތީ، މިހާރު ވަނީ 1.2 މެގަރވޯޓްގެ އިންޖީނަކާއި އެއް މެގަރވޯޓްގެ އިންޖީނެއް މިމަހުގެ 08 ވަނަ ދުވަހު އައްޑޫ އަށް ފޮނުވާލާފަ ކަމަށެވެ. އަދި އެ އިންޖީނުތައް ބުދަ ދުވަހުގެ ރޭ އައްޑޫއަށް ފޯރާނެ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ފެނަކައިގެ 20 ޓެކްނިކަލް މުވައްޒަފުން ހިމެނޭ ދެ ޓީމް އެ އިންޖީނުތައް އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރުމަށް ތައްޔާރަށް ތިބި ކަމަށާއި އެ ދެ އިންޖީނު އިންސްޓޯލް ކުރެވުނީމައި އައްޑުގެ ކަރަންޓްގެ މައްސަލައަށް ވަގުތީ ހައްލެއް ލިބި ކުރިން ކަރަންޓްގެ ހިދްމަތް ލިބެމުންދިޔަގޮތަށް ލިބޭނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
އައްޑޫގެ ކަރަންޓްގެ މައްސަލައަށް މިހާތަނަށް އެކަށީގެންވާ އެއްވެސް ހައްލެއް ގެނެވިފައި ނުވާތީ ކޮމެޓީގައި ހިނަމެވަޑައިގަންނަވާ އިދިކޮޅު މެމްބަރުން ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ. އަދި ފެނަކައިގެ ޓެކްނިކަލް ޓީމު ގާބިލު ކަމަށްބުނާއިރު، އިންޖީނުތަކަށް މައްސަލަތައްޖެހި ސާރވިސް ކުރެވެމުން ނުދާ މައްސަލާގައި ވެސް މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އެމެމްބަރުން ވިދާޅުވީ އައްޑު ސިޓީގެ ފެނަކަ ބްރާންޗުގައި 213 މުވައްޒަފުން ތިބޭއިރު ކަރަންޓްގެ މައްސަލަ ހައްލު ކުރުމަށް އެދެވިގެންވާ މަސައްކަތްތަކެއް ނުކުރެވޭ ކަމަށެވެ.
މި މައްސަލަ ކޮމިޓީއަށް ހުށަހަޅާފައި ވަނީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް އާއި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހާއި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް އެވެ.
ކޮމެޓީގެ ބައްދަލުވުމުގައި އިދިކޮޅު މެމްބަރުންގެ ގިނަ ސުވާލުތަކެއް ޝަރީފަށް ކުރިމަތި ކުރުވަމުން ދަނިކޮށް ކޮމެޓީގެ މުގައްރިރު ރިޔާޒު ރަޝީދު އާއި އިދިކޮޅު މެމްބަރުންނާ ދެމެދު ވަނީ ދެބަސްވުންތަކެއް ހިނގާފަ އެވެ. އަދި ފަހުން ސަރުކާރަށް ނިސްބަތްވާ މެމްބަރުންނާއި އިދިކޮޅު މެމްބަރުންނާ ދެމެދު ހޫނު ޒުވާބެއް ވެސް ކޮމެޓީގެ ތެރޭގައި ވަނީ ކުރިއަށް ގޮސްފަ އެވެ.