ޕާސްޕޯޓް ކާޑެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ތައާރަފްކޮށްފި އެވެ.
ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި މި ކާޑު ތައާރަފްކޮށްދީފައިވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެވެ.
އިމިގްރޭޝަނުން ބުނީ އެ އިދާރާއިން ފަރުވާކުރި ކާޑަކީ ބޭންކް އޮފް މޯލްޑިވްސް އާއި އެލައިޑު ހެލްތް އިންޝިއުރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސްގެ އެހީތެރިކަމާއެކު އުފެއްދި ކާޑެއް ކަމަށެވެ. މި ރަސްމިއްޔާތުގައި އިމިގްރޭޝަންގެ ސެރެމޯނިއަލް ހެދުންވެސް ވަނީ ތައާރަފްކޮށްފަ އެވެ. އަދި އިމިގްރޭޝަންގެ ވިންދުގެ ނަމުގައި ލަވައެއްވެސް ވަނީ ތައާރަފްކޮށްފަ އެވެ.
ޕާސްޕޯޓް ކާޑަކީ ދިވެހިންގެ ޒަމާނީ، ދިރިއުޅުމާއި އެއްގޮތަށް ބައްޓަން ކުރެވިފައިވާ ސަލާމަތީ ގޮތުން ވަރަށް ރައްކާތެރި އަދި ގިނަ ބޭނުންތަކެއް ކުރެވޭ ގޮތަށް ފަރުމާކުރެވިފައިވާ ކާޑެއް ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.
މަލްޓިލޭޔާސްގައި ޕިޒިކަލް އަދި އިލެކްޓްރޯނިކް ގިނަ ސަލާމަތީ ސިފަތައް ހިމަނައިގެން އިންޓަރނޭޝަލް ޑޮކިއުމެންޓް ސެކިއުރިޓީ ސްޓޭންޑާޑު މިންގަނޑު ތަކާއި އެއްގޮތްވާ ގޮތުގެ މަތިން ލިބެން ހުރި އެންމެ ޒަމާނީ ސަލާމަތީ ސިފަތައް މިކާޑުގައި ހިމެނިފައިވާނެ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.
މި ކާޑުގެ އިލެކްްރޯނިކް ޗިޕަކީ ޑުވެލް އިންޓަރފޭސްކޮށް ބޭނުން ކުރެވޭ، އަދި ކާޑުގެ މައުލޫމާތުތައް ރައްކާތެރިކަމާއި އެކު ކޮންޕާޓުމެންޓަލައިޒުކޮށް ރައްކާ ކުރެވޭނެ ޗިޕެކެވެ. މި ޗިޕްގައި ވެރި ފަރާތުގެ ޕާސްޕޯޓް އަދި އައިޑެންޓިޓީ ކާޑުގެ މައުލޫމާތާއި ބޭންކް އޮފް މޯލްޑިވްސް ކާޑު މައުލޫމާތު ހުންނާނެ އެވެ. މީގެ އިތުރުން އެލައިޑް އިންޝިއުރެންސްގެ އިންޝިއުރެންސް މައުލޫމާތާއި ޑްރައިވިންގ ލައިސެންސް މައުލޫމާތު ހިމެނޭނެ އެވެ.
ޕޭމެންޓް ފެސިލިޓީސްގެ ހިދުމަތް ހިމެނޭ ފުރަތަމަ ކާޑަށް މިކާޑުވެގެންދާ އިރު މިކާޑު ހައްދާދެވޭނީ އިލެކްޓްރޯނިކް ޕާސްޕޯޓް ދޫކޮށްފައިވާ ފަރާތްތަކާއި އަލަށް ޕާސްޕޯޓް ހައްދާ ފަރާތްތަކުގެ ތެރެއިން މިކާޑު ބޭނުންވާ ފަރާތްތަކަށެވެ.