ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރު އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހިނގަމުންދާއިރު މިއަދާ ހަމައަށް ބޭއްވިފައި މިވަނީ އެންމެ ދެ ޖަލްސާ އެވެ.
އޮކްޓޯބަރު މަހުގެ ފުރަތަމަ ހަފްތާގައި ތިން ޖަލްސާ ބާއްވަންޖެހޭ އިރު، އެ ހަފްތާގައި ޖަލްސާއެއް ބާއްވާފައެއް ނުވެއެެވެ. އަދި ދެވަނަ ހަފްތާގައި ނިމޭއިރު ބޭއްވިފައި މިވަނީ އެންމެ ދެ ޖަލްސާ އެވެ. އެހެންކަމުން މި އޮކްޓޯބަރުގެ މަހުގެ 11 ދުވަސް ފާއިތުވާއިރު ބޭއްވިފައި މިވަނީ އެންމެ ދެ ޖަލްސާ އެވެ.
ބޭއްވި ދެޖަލްސާގައި ވެސް ވަގުތު ހޭދަކޮށްފައި ވަނީ އެއް ގަޑިއިރަށްވުރެ މަދު ވަގުތު ކޮޅަކަށެވެ.
މި ދައުރުގެ ދެ ޖަލްސާގައި ނިންމާފައިވާ ކަންކަމަށް ބަލާއިރު، ހޯމަ ދުވަހު ބޭއްވި ފުރަތަމަ ޖަލްސާގައި ނިންމާފައި ވަނީ މަލީހުގެ ގަވާއިދަށް މަޖިލީހުގެ ރައީސް ހުށަހަޅުއްވާފައިވާ ކުޑަ އިސްލާހެކެވެ. މަޖިލީހުގެ ގަވައިދުގެ 207 ވަނަ މާއްދާއަކީ ބައިނަލްއަގްވާމީ ޖަމްއިއްޔާތަކާއި ގާނޫނު ހަދާ މަޖިލިސްތަކާ ގުޅުން ގާއިމު ކުރުމާ ގުޅޭ މާއްދާ އެވެ.
ދެވަނަ ޖަލްސާގެ އެޖެންޑާގައި ހިމަނާފައި ވަނީ ހިއުމަންރައިޓް ކޮމިޝަނާއި ސިވިލް ސާރވިސް ކޮމިޝަނަށް ނާއިބު ރައީސަކު އައްޔަން ކުރުމެވެ.
މަޖިލީހުގެ ގަވާއިދާއި އާއްމު އުސޫލުން މަޖިލީހުގެ ޖަލްސާތައް ކޮންމެ ހަފްތާއެއްގެ ހޯމަ، އަންގާރަ އަދި ބުދަ ދުވަހު ޖަލްސާތައް ބާއްވަންޖެހެ އެވެ.
ނަމަވެސް މަޖިލީހުގެ ގަވައިދާ އެއްގޮތަށް މަޖިލީހުގެ ޖަލްސާތައް ނުބާއްވާއިރު، ރައްޔިތުންނަށް ފައިދާ ހުރި މަސައްކަތްތަކެއް ކުރެވިގެން ނުދާކަން ވަނީ ފާހަގަ ކުރެވިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅުމާއެކު މަޖިލީހުގެ ޖަލްސާތަކާއި އިދާރީ ބައެއް ކަންކަން މަޖިލީހުގެ ގަވާއިދާއި ހިފާލަށް ހިނގަމުންދާ ކަމަށް އިދިކޮޅު މެމްބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.
މަޖިލީހުގެ 45 މެމްބަރުންގެ ސޮޔާއެކު މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން، މަޖިލީހުގެ އިދާރާއިން ދަނީ އެމައްސަލަ އެޖެންޑާ ނުކޮށް ޖަލްސާތައް ވެސް ބާއްވަމުންނެވެ. އަދި ޖަލްސާތަކުގެ ރިޔާސަތުގައި މަސީހު އިންނަވާތީ އިދިކޮޅު މެމްބަރުން ގެންދަވަނީ މަޖިލީހުގެ ތެރޭގައި އިހުތިޖާޖު ކުރަމުންނެވެ.
މަސީހު ގެންދަވަނީ މަސީހަށް މަޖިލިސް ކުރިއަށް ގެންދެވޭނެހާ ގޮތްގޮތަށް ކަންކަން ކުރައްވަމުންނެވެ. އެގޮތުން މަސީހު އާއި މަޖިލީހުގެ އިދާރާގެ ސެކިއުރިޓީ ވަރުގަދަކޮށް، ގިނަ އަދަދެއްގެ ސިފައިން މަޖިލީހުގެ އިދާރާގައި ހަރަކާތްތެރިވަމުން ދެއެވެ.
މަސީހު ވަނީ މަޖިލީހުގެ ޖަލްސާ ކުރާމާލަމުގައި މަސީހާއި އިދާރީ މުވައްޒަފުން ތިއްބަވާ މޭޒުކޮޅުތައް ވަށައިގެން "ކޮށި ގަނޑެއް" ވެސް ޖަހާފަ އެވެ.